English Edition
Dhivehi Edition

އަންނަ އަހަރު މަތީ ތަޢުލީމުގެ ދާއިރާއިން ހުޅުވާލާ ލޯން ސްކީމްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ޖާގަތަކެއް ހަމަޖައްސަވާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މަތީ ތަޢުލީމާއި ތަމްރީންގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިން ހުށައެޅި ޝަކުވާތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްޓަކައި ކުރެވޭ މަސައްކަތް ނިސްބަތުން މަދު ނަމަވެސް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު މަސައްކަތުން ހާއްސަ އެހީއަށް ބޭނުންވާ 10 ކުއްޖަކު މިހާރު ވަޒީފާ އަދާކުރަމުން އަންނަ ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއީ ފެށުމެއް ކަމުގައި ބަލާ ކަމަށާއި އެކުދިންގެ ހުންނަ ނުކުޅެދުންތެރިކަން ދެނެގަތުމަށްޓަކައި އެކުދިންނަށް ބޭނުންވާ ޕްރޮގްރާމްތައް ފަރުމާ ކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެކުދިންގެ ހުންނަ ހުނަރުތައްވެސް އެނގެން ޖެހޭ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިހާތަނަށް ފެއްޓިފައިވާ މަސައްކަތްތަކުގެ އިތުރުން ކުރިއަށްހުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި އަންނަ އަހަރުގެ މަތީ ތަޢުލީމުގެ ލޯނު ސްކީމްގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ސްލޮޓްތަކެއް ހިމެނުއްވުން ހިމެނޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ އަންނަ އަހަރު އެކަން ކުރެވިގެން ދާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ހާއްސަ ޕްރޮގްރާމް ތަކާއި ކޯސްތައްް ރޭވުމުގައި މިހާރުވެސް މިނިސްޓްރީ އޮފް ޖެންޑާއާ ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މަޢުލޫމާތު އެއްކުރަމުން އަންނަކަމަށާއި ކޯޑިންފަދަ ޕްރޮގްރާމްތައް ތަޢާރަފްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.