ގއ. ކަނޑުހުޅުދޫގައި އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެ ކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މާދަމާ މެންދުރު ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
ކުޑަ އަންހެން ކުއްޖާގެ ކާފަ، އުމުރުން އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީއާއި މުނިކާފަ އުމުރުން 82 އަަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށް އުފުލައިފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 13:00 އަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެ ދެމީހުންނަށް އުފުލާފައިވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ، އިބްރާހިމް ދީދީއާއި، ހަސަން މޫސާގެ މައްޗަށް އުފުލާ އެ މައްސަލަ ކޯޓަށް ފޮނުވާފައިވަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
މި މައްސަލާގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށްވެސް ފަހުން ވަނީ ދައުވާ އުފުލާފައެވެ. އެގޮތުން އެ މީހުންނަށް ވަނީ ކުއްޖާއާއި މެދު އިހުމާލުވިކަމުގެ ދައުވާ އުފުލައިފައެވެ. މި މައްސަލައިގައި އެކުއްޖާގެ ކާފަ އާއި މުނިކާފަ މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު އެ ކުއްޖާގެ ބައްޕަ ވަނީ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވާފައެވެ. އެ އަޑުއެހުމުގައި އެ ދެމީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށް ވަކީލުން ހަމަޖެއްސުމުގެ ފުުރުސަތަކަށް އެދިފައެވެ. މާޗް މަހުގެ 16 ވަނަ ދުވަހު ބޭއްވުނު އަޑު އެހުމުގައި އެމީހުންގެ ފަރާތުން ވަނީ ވަކީލެއް ހާޒިރުވެފައެވެ. އަދި ވަކީލާ އެކު ކުރިއަށްދިޔަ އަޑުއެހުމުގައިވެސް އެ ދެމީހުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ކަނޑުހުޅުދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން އެ ކުއްޖާގެ މަންމަ ފަރާތު އާއިލާއަށް އެނގުމުުން އެކަން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުންނެވެ.
އެ މައްސަލައަކީ ކުޑަކުއްޖެއްގެ ކަރާމާތާ ގުޅޭ ވާހަކަތަކެއް ހިމެނޭ މައްސަލައެއް ކަމުން އެފަދަ އެހެން މައްސަލަތަކެކޭ އެއްގޮތަށް އެ މައްސަލަވެސް ކުރިއަށް ގެންދަނީ ސިއްރުންނެވެ.