English Edition
Dhivehi Edition

“އާން..ވައިފް..އައިޝާ އަކީ އަހަރެންގެ ވައިފް….ކޯޓުގައި އަހަރެމެންގެ ކޭސް ކުރިއަށް ދާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ. އަހަރެން މިކޮޅަށް އައީ ވެސް އެކަންތަކުން ސަލާމަތް ވުމަށް. ދިރިއުޅުމަކީ ބޮޑު ހައިޖާންގަނޑެކޭ އަހަރެން ބުނީ އެހެންވެ.” ކިއާރާއަށް އަދި މިކަންތައްގަނޑު އެނގެން އިމްޖާދު ބޭނުން ނުވިޔަސް މިހާރު ހާލަތު އޮތް ހިސާބުން ކިއާރާގެ ސުވާލުތަކަށް ޖަވާބުދޭން އިމްޖާދަށް މަޖުބޫރެވެ.

“ކީއްވެ ކޯޓުގަ…ކޮން ކޭސް އެއް؟ ވައިފް ވަރިވާން ބޭނުންވީތަ؟” ކަންބޮޑުވެފައިހުރެ ކިއާރާ ސުވާލުކޮށްލިއެވެ.

“އާނ..އެހެން މީހަކާ އިންނަން ބޭނުންވަނީ. އެކަމަކު އަހަރެން ވަރިކުރުމަށް ޝަރުތުތަކެއް ހުށަހެޅީ. އެޝަރުތު ފުރިހަމަ ނުވަނީސް ވަރިކުރަން ބޭނުންނޫނީ” އިމްޖާދު ފުންނޭވައެއް ދޫކޮށްލިއެވެ.

“ދުވާ މަހެއްގެ ނިގުލުގައި ހިފައިގެން ދެމުމުގެ ބޭނުމަކީ ކޮބާ؟ އިމްޖާދާ އެކީ އުޅެން ވައިފް ބޭނުންނޫނިއްޔާ ދެމީހުން އެކުގައި ހައިޖާން ގަނޑެއްގައި ދިރި އުޅުމުން ލިބޭނެ އުފަލެއް ނޯންނާނެ. މިއީ އަހަރެންގެ ތަޖުރިބާ” ކިއާރާ މިހާރު އިނީ އޭނާ އޮށޯވެގެން އިން ގޮނޑިން ތެދުވެ ހަށިގަނޑު ސީދާ ކޮށްލައިގެން ހަމަ އެގޮނޑީގައި އިށީނދެގެންނެވެ.

“ކިއާރާގެ ކޭސް އާއި އަހަރެމެންގެ ވާހަކަ ވަރަށް ތަފާތު. އަހަރެމެންގެ ވާހަކައިގެ ހަގީގީ ހާދިސާ އެނގުމުން ކިއާރާއަށް ވެސް ގަބޫލުކުރެވޭނެ އަހަރެން މިހަދަނީ ރަނގަޅަށް ކަން” އިމްޖާދު އޭނާގެ ވާހަކަތައް ކިއާރާއަށް ކިޔައިދޭން ފެށިއެވެ. އެއީ އޭނާގެ ގާތް ރަޙްމަތްތެރިންނާވެސް ހިއްސާނުކުރާ އޭނަގެ އަމިއްލަ ވާހަކައެވެ.

އިމްޖާދާ އައިޝާ އާއި ދިމާވީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ނެވެ. އެއީ މީގެ 5 އަހަރު ކުރިންނެވެ. ބިޒްނަސް މެނޭޖްމަންޓްގެ މާސްޓާސް ގެ އެންމެ ފަހު ސެމިސްޓަރގައި އިމްޖާދު ކިޔަވަމުން ދިޔަ ދުވަސްކޮޅެވެ. އައިޝާ އޭރު ޔުނިވަރސިޓިއަށް އަލަށް ވަނީ އެވެ. ބިޒްނަސް މެނޭޖްމަންޓް ގެ ޑިޕްލޮމާ ކްލާހުގައި އަލަށް ބައިވެރިވި އައިޝާއާއި އިމްޖާދާ ދިމާވީ ޔުނިވަރސިޓީގެ ލައިބްރަރީންނެވެ. އައިޝާ ހުރީ އޭނާގެ އެސައިންމަޓަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފޮތްތަކެއް ބެލުމުގެ މަސައްކަތުގައެވެ. އެވަގުތު އިމްޖާދަށް ވެސް ހުރެވުނީ ހަމަ އެ ހަރުގަނޑުގެ ކައިރީގައެވެ. ފޮތްތައް ބަލަމުން ދަނިކޮށް އައިޝާގެ އަތުން އެހަރުގަނޑުގައި ހުރި ގިނަ ފޮތްތަކެއް އެކީގައި ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު އެންމެ ގާތުގައި ހުރެވުނީ އިމްޖާދަށް ކަމުން އައިޝާއަށް އެހީވުމުގައި އިމްޖާދު އަވަސް ވިއެވެ.

“ސޮރީ..އެއީ މާ އަވަސް އަރުވާލެވުނީމަ ވީގޮތެއް” އައިޝާ މާފަށް އެދުނެވެ.

“އިޓްސް އޯކޭ..ކޮން ފޮތެއް ތި ހޯދަނީ..އެހީއެއް ވެވިދާނެ ކަންނޭނގެ” އިމްޖާދު ބުނެލިއެވެ.

އައިޝާ ވެސް ކިޔަވަނީ އޭނާ ވެސް ހަަމަ ކިޔަވާ ސްޓްރީމް ކަމަށް ވުމާއެކު އައިޝާގެ މަސައްކަތުގައި އެހީތެރިވެދޭން އިމްޖާދަށް ފަސޭހަވިއެވެ. އައިޝާގެ އެސައިންމަންޓް ތަފްސީލު ދިނުމުން އެތަނުން އެންމެ ރަނގަޅު 2 ފޮތެއް އިމްޖާދު ނަގައި ދިނެވެ.

“އަހަރެންގެ އަތުގައި ހުންނާނެ ޑިޕްލޮމާގައި ހެދި ވަރަށް ގިނަ އެސައިންމަންޓްސް ތަކާއި އަދި ބައިވަރު ރީޑިން މެޓީރިއަލްސް. ބޭނުމިއްޔާ ދީފާނަން.” އިމްޖާދު އެހެން ބުނެލީ ކިޔަވާ ކުއްޖަކަށް އޭނާގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

“އޯހް އަސްލުވެސް..ހާދަ ރަނގަޅޭ. ނަމްބަރު ދީބަލަ..މެއިލް އެޑްރެސް މެސެޖްކޮށްދޭނަން. މުޅިން އަލަށް ވީމާ އަދި އެހާބޮޑަކަށް މީގެ ތެރެއަކަށް ނުވަދެވޭ. އެހީތެރިވާނެ މީހަކު ލިބުނުކަންވެސް ރަނގަޅު” އުފަލުންހުރެ އައިޝާ ބުނެލިއެވެ.

އައިޝާއާއި އިމްޖާދުގެ ގުޅުން ފެށިގެން ދިޔައީ އެހާ ހިސާބުންނެވެ. ދެމީހުންގެ ނަމްބަރު ބަދަލުވެ އީމެއިލްގެ ޒަރީއްޔާއިން އައިޝާއަށް އެހީތެރިވެދޭން އިމްޖާދު ފެށިފެށުން ނިމިގެން ދިޔައީ އޭގެ ތެރެއިން އިތުރު ގުޅުމެއް އުފެދިގެންނެވެ. އެކަމަށް އިސްނެގީ އައިޝާއެވެ. އެންމެ ފުރަތަމަ ތޭންކްސް މެސެޖް ފޮނުވަމުން ދިޔައީ ލިބޭ ކޮންމެ އީމެއިލް އަކާ ގުޅުވައިގެންނެވެ. އޭގެ އިތުރުން ބައެއްފަހަރު ނޭނގޭ އެއްޗެއް އޮތީއްޔާ ފޯނުން ގުޅަން ވެސް އައިޝާ ފެށިއެވެ. ފަހުން ފަހުން ގޮސް ގުޑްނައިޓް މެސެޖާއި ގުޑް މޯނިންގ މެސެޖްތަކުން އިމްޖާދުގެ ފޯނުގެ އިންބޮކްސް ފުރެން ފެށިއެވެ. މިހާތަނަށް އަންހެންކުއްޖަކާ އެކު އެފަދަ ގުޅުމެއް ނުބާއްވައި ހަމައެކަނި ކިޔެވުމަށް ސަމާލުކަން ދެމުން ދިޔަ އިމްޖާދަށް ވެސް އައިޝާގެ “އަޅާލުމުގެ” ސަބަބުން އަސަރުތަކެއް ކުރިއެވެ. ރީތި އަންހެން ކުއްޖަކު އަމިއްލައަށް އިސްނަގައިގެން އޭނާއަށް ދެމުން ދިޔަ އިޝާރާތްތައް ވިސްނެންފެށިއެވެ. އައިޝާގެ ގާތްކަމަށް އެދެވުނު ނަމަވެސް އޭނާ މަޑުކުރީ އެންމެ ފަހު އިމްތިހާނު ނިމެންދެނެވެ. ކިޔެވުމަކީ އިމްޖާދުގެ އެންމެ އިސްކަންދޭ ކަމަށް ވީމައެވެ.

އިމްތިހާނުގެ އެންމެ ފަހު ދުވަހު އިމްޖާދުގެ ސައިކަލް ފަހަތުގައި އިށީނދެގެން އިނދެ ކޮފީއަކަށް ދިއުމަށް އޭނާ އައިޝާއަށް ދައުވަތު ދިނެވެ. އައިޝާ އެ ދައުވަތު ގަބޫލު ކުރީ އުފަލުން ހުރެއެވެ.

“ސޯލްޓް” ރެސްޓޯރެންޓް ގެ ޓެރަސްގައި ބޭރުން ފެންނަ މޫދުގެ ރީތި މަންޒަރަށް ބަލަން ތިބެ އެމީހުން ދައްކަމުން މިއަދު ދިޔައީ އެސައިންމަންޓްގެ ވާހަކައެއް ނޫނެވެ. ލޯތްބެއްގެ ބިންގާ އެޅި ޙަޔާތެއް ފަށަން އެމީހުން ވައުދުވީ އެތަނުގައި ތިބެއެވެ. ފެންނަމުންދިޔަ ހިތްގައިމު މަންޒަރުގެ ތެރޭގައި ތިބެގެން ދެމީހުން އެތައް ވައުދެއްވިޔެވެ. އެއީ އިމްޖާދުވެސް އަދި އައިޝާގެ ވެސް ފުރަތަމަ ލޯބިކަމަށް ދެމީހުންވެސް ބުންޏެވެ.

އެމްެއެންޔޫގައި ކިޔަވަމުން ދިޔަ ނަމަވެސް އޭރުވެސް އިމްޖާދު ދިޔައީ ވަޒީފާ އަދާކުރަމުންނެވެ. މާސްޓަސް ލެވެލްގެ ސެޓްފިކެޓާއެކު މަގާމު މަތިވެ މުސާރަބޮޑުވުމާއެކު އޭނާއާއި އައިޝާއާއި ދެމީޙުންގެ ކައިވެނިކޮށް އުފާވެރި ހަޔާތެއް ފެށިއެވެ. އިމްޖާދަކީ މާލޭގައި އަމިއްލަ ގެދޮރުހުރި ބައެއްގެ ދަރިއެއްކަމުން ނުތަނަވަސް ދިރިއުޅުމެއް އުޅޭކަށް އެމީހުންނަކަށް ނުޖެހުނެވެ. އިމްޖާދުގެ އަމިއްލަ އެޕާޓްމަންޓުގައި ވަކިން އެކަހެރި، އެުފާވެރި ދިރިއުޅުމެއް އުޅެމުން އެދެމީހުން ގެންދިޔައީ އައިޝާގެ ޑިޕްލޮމާ ނިމި ސެޓްފިކެޓް ލިބުމާ ހަމައަށެވެ.

“އަހަރެން ޑިގްރީއަށް ކިޔަވަން ދާން ބޭނުންވަނީ މައިސޫރަށް. އަހަރެމެން ބެޗްގެ ގިނަ ކުދިން ދަނީ އެކޮޅަށް. އެންމެން ކިޔަނީ ރާއްޖޭން ބޭރުގައި ކިޔެވީމާ މާބޮޑަށް ރަނގަޅުވާނެ ކަމަށް” އައިޝާގެ މި އެދުން ވެގެން ދިޔައީ އެމީހުންގެ ދިރިއުޅުމުގައި ޖެހުނު ފުރަތަމަ ކުނިބުންޏަށެވެ. އޭނާގެ ރަޙްމަތްތެރިންގެ ވިސްނުން ރަނގަޅު ނޫންކަމަށާއި އިމްޖާދުވެސް ކިޔަވައި ނިންމާލީ ހަމަ ރާއްޖެއިން ކަަމަށް އެތައް ފަހަރަަކު އައިޝާއަށް ކިޔައިދޭން ޖެހުނެވެ. ނަމަވެސް އައިޝާގެ ވިސްނުން ހުރީ އެކުވެރިންނާއެކު ޑިގްރީއަށް ކިޔެވުމަށް ރާއްޖެއިން ބޭރަށް ދާ ގޮތަށެވެ. އެންމެ ފަހުން އިމްޖާދު އެކަަމަށް އެއްބަސްވީ އައިޝާގެ އެދުމަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. ލޯބިވާ އަނބިމީހާއަށް ވުމުންނެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރުގައި އެގޮތަށް ކިޔަވަން ހުންނައިރު ހިނގާނޭ ޚަރަދުތައް އިމްޖާދަށް މާކުރިންވެސް އެނގެއެވެ. އައިޝާގެ ހުރިހާ ޚަރަދެއްގައި ހިފަން ހުރި ހަމައެކަނި މީހަކީ އިމްޖާދެވެ. މާލޭގައި އަމިއްލަ ގެދޮރު ހުރިކަމުގައި ވިޔަސް އޭނާ އެކަނި ވަޒީފާ އަދާކޮށްގެން ލިބޭއެއްޗަކުން އެފަދަ ބޮޑު ޚަރަދެއް ކޮށްފައި ބާކީ ކުރެވޭނީ މަދު އެތިކޮޅެއްކަން އިމްޖާދަށް އެނގެއެވެ. މިހުރިހާ ކަމެއް ތަފްސީލުކޮށް އޭނާ އައިޝާއަށް ބުނެދިނެވެ. ނަމަވެސް އައިޝާގެ ބޮލަށް ސަވާރުވެފައި ހުރީ ރާއްޖެއިން ބޭރުގައި ރަޙްމަތްތެރިންނާއެކު މަޖާކުރަމުން ކިޔަވަން ދިއުމުގެ ޚިޔާލެވެ. އެންމެފަހުން އައިޝާ ބޭނުންގޮތަށް ކަންތައްތައް ކުރީއެވެ.

އައިޝާ ކިޔަވަން ރާއްޖެއިން ބޭރަށް ދިއުމުން އިމްޖާދު މުޅިން އެކަނިވެރިވިއެވެ. އައިޝާއަށް ޚަރަދުކުރުމަށް އިތުރަށް ފައިސާ ހޯދަން ޖެހޭތީ ކުރީގައި ކުރިވަރަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހުނެވެ. އެހުރިހާ ކަމެއްގެ ތެރެއިންވެސް އިމްޖާދު ހިތްހަމަޖައްސާލައިގެން ހުންނަނީ އައިޝާއަށް ލިބޭ ހުސްވަގުތުތަކުގައި ވައިބަރ ވީޑިއޯ ކޯލްގައި ވަގުތު ހޭދަކުރެވޭތީއެވެ. ކިތަންމެ ދުރުގައި ހުއްޓަސް އޭނާއަށް އަޅާލާތީއެވެ.

ފުރިހަމަ 3 އަހަރު ދުވަސް މައިސޫރުގައި ހޭދަކުރުމަށް ފަހު އައިޝާގެ ކޯސް ނިމި ރާއްޖެ އަންނަ ދުވަސް ކައިރިވެއްޖެއެވެ. ނަމަވެސް ރާއްޖެއިން ފުރައިގެން ދިޔަތާ ކުރީކޮޅާއި މިހާރާއި އައިޝާގެ އުޅުން ތަފާތުކަން އިމްޖާދަށް ފާހަގަކުރެވުނެވެ. އިމްޖާދު ގުޅާ ކޮންމެ ފަހަރަކު އައިޝާ ބިޒީވާތީއާއި ހަފްތާ ދެހަފްތާ ވަންދެން ފޯނު ނުނަގާ ހުންނަ ހުރުން އިމްޖާދުގެ ހިތުގައި ތަފާތު ވަހުމް އުފައްދަން ފެށިއެވެ. އޭނާ ހިތްހަމަޖައްސާލައިގެން ހުރީ ކޯސް ނިމެން ކައިރިވެފައި އޮތުމުންނާއި އަދި ވަރަށް އަވަހަށް އައިޝާ ރާއްޖެއައިސް އެދެމީހުން ކުރީގައި އުޅުނު ގޮތަށް އުފަލުގައި އުޅެވޭނެ ދުވަސް އޮތީ ދެން މާ ދުރަކު ނޫންކަން އެނގޭތީއެވެ.

-ނުނިމޭ-