ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބާސެލޯނާ އަށް މާލީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެކަމަށް އެހީވުމުގެ ގޮތުން އެ ކްލަބުގެ ކުޅުންތެރިން މުސާރައިގައި ވަކި އިންސައްތައެއް ކުޑަކުރަން އެއްބަސްވެއްޖެއެވެ.
އެގޮތުން، ބާސެލޯނާ މާލީގޮތުން ވެއްޓިފައިވާ އަޑިގަނޑުން އަރައިގަތުމަށްޓަކައި ނިމިދިޔަ ސީޒަނުގައި ވެސް ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ލީގުތައް މެދުކަނޑާލާފައި އޮތް ތިން މަހެއްހާ ދުވަހަށް އެ ކްލަބުގެ ކުޅުންތެރިންގެ މުސާރައިގެ 70 އިންސައްތަ ނުނަގަން ވެސް އެއްބަސްވެފައިވެއެވެ.
އަދި ބާސެލޯނާ އަށް ލިބޭ އާމްދަނީއާ އަޅާކިޔާއިރު ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އިންތިހާއަށް ބޮޑުވެފައިވުމުން އެ ޓީމުން މި ފަހަރުގެ ސީޒަނާ ކުރިމަތިލީ ކްލަބުގައި ތިބި މުސާރަ ބޮޑު ބައެއް ކުޅުންތެރިން ކަމަށްވާ ލުއިސް ސުއަރޭޒް އާއި އިވާން ރަކިޓިޗް އަދި އާޓޫރޯ ވިޑާލް ވަނީ ދޫކޮށްލާފައެވެ.
މިއާއެކު ވެސް އެ ކްލަބަށް މާލީގޮތުން ދިމާވެފައިވާ މައްސަލަތަކަށް އެދެވޭ ބަދަލެއް އައިސްފައިނުވުމުން ކުރިއަށް އޮތް ތިން އަހަރަށް ބަހާލައިގެން ހުރިހާ ކުޅުންތެރިންގެ މުސާރަ އާއި ބޯނަހުން ވަކި އިންސައްތައެއް ކުޑަކުރާން އެއްބަސްވުމާއެކު ގާތްގަނޑަކަށް 172 މިލިއަން ޔޫރޯ ސަލާމަތްކުރެވިގެންދާނެ ކަމަށް ހުކުރު ދުވަހު އެ ކްލަބުން ނެރުނު ބަޔާނެއްގައިވެއެވެ.
މީގެކުރީން، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ އޮކްޓޫބަރު މަހު އާކުރި ކުޅުންތެރިން ކަމަށްވާ މާކް-އަންދްރޭ ޓަ ސްޓެގަން އާއި ފްރެންކީ ޑި ޔޯންގެ އިތުރުން ޖެރާޑް ޕީކޭ އަދި ކްލެމެންޓް ލެންގްލޭ ވެސް ވަނީ މުސާރަ ކުޑަކުރާން އެއްބަސްވެފައެވެ.
މިހާރު މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސަބަބުން ޔޫރަޕްގެ ކްލަބުތަކަށް މާލީގޮތުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ބާސެލޯނާ އަށް ވެސް ލިބެމުން އައި އާމްދަނީ ބޮޑުތަން ދަށަށް ދިއުމުގެ ސަބަބުން ނިމިދިޔަ ސީޒަނުގައި އެ ޓީމަށް ލިބުނު ގެއްލުން 97 މިލިއަން ޔޫރޯ އަށް އަރާފައިވެއެވެ. އަދި އެ ކްލަބުގެ ދަރަނި ވެސް ދެގުނަ އަށް އިތުރުވެ، 488 މިލިއަން ޔޫރޯ އަށް އަރާފައިވެއެވެ.
މީގެއިތުރުން، އެ ކްލަބަށް ދިމާވެފައިވާ މާލީ މައްސަލާތަކާ ހުރެ ކެޕްޓަން ލިއޮނަލް މެސީ އަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމަށް ނުކުޅެދިފައިވާ މި ހާލަތުގައި އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ފިލިއްޕޭ ކުޓީނިއޯ އާއި އެންޓޮއިން ގްރީޒްމަން ކުރެން އެއް ކުޅުންތެރިއަކު ކުރިއަށް އޮތް ޖަނަވަރީ މަހު ހުޅުވޭ ޓްރާންސްފާ ބާޒާރުގައި ވިއްކާލުމުގެ ފުރުޞަތު ބޮޑުކަމަށްވެސް ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެހެންކަމުން، ބާސެލޯނާގެ އާ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖަނަވަރީ މަހަށް ތާވަލްކުރެވިފައިވާ އެ މަގާމަށް ހޮވޭ ފަރާތަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ މިވަގުތު މާލީގޮތުން އެ ކްލަބު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް، ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، މެސީގެ ކޮންޓްރެކްޓް އާ ކުރުމެވެ. ބާސެލޯނާ އާއެކު މެސީ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.