ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު އިނގިރޭސި ދެ ޓީމު ކަމަށްވާ އާސެނަލް އާއި ލެސްޓާ ސިޓީގެ އިތުރުން އިޓަލީގެ އޭއެސް ރޯމާ އާއި ޖަރުމަނުގެ ހޮފެންހައިމް ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮއްވާ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ނޯވޭގެ މޯލްޑްގެ ދަނޑުގައި 3-0 އިން އާސެނަލް މޮޅުވިއިރު، ޕޯޗުގަލްގައި ސްޕޯޓިން ބްރާގާއާ ދެކޮޅަށް ލެސްޓާ ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ރޫމޭނިއާގެ ސީއެފްއާރް ކްލޫޖް އަތުން 2-0 އިން ރޯމާ މޮޅުވިއިރު، ޖަރުމަނުގެ ހޮފެންހައިމް ވަނީ 2-0 އިން ޗެކް ރިޕަބްލިކްގެ ސްލޮވަން ލިބެރެކް ބަލިކޮށްފައެވެ.
މޯލްޑްގެ ދަނޑުގައި އާސެނަލުން ކާމިޔާބުކުރި ތިން ލަނޑުވެސް ޖެހީ ފަހު ހާފުގައެވެ. އެގޮތުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި އާސެނަލުން ލީޑްނެގީ ނިކޮލަސް ޕެޕޭ އެވެ. މިދިޔަ އާދީއްތަ ދުވަހުގެރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑެއް ހޯދި ޕެޕޭ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އާސެނަލުން ޖެހި ދެވަނަ ލަނޑު، މެޗުގެ 55 ވަނަ މިނެޓުގައި ޖޯ ވިލޮކް ދިން ބޯޅައަކުން ރީސް ނެލްސަން ކާމިޔާބުކޮށްދިންއިރު އެ ޓީމުގެ ތިންވަނަ ލަނޑު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ މި ހާފުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް ފޮލަރިން ބަލޮގަން އެވެ.
ރޭގެ ނަތީޖާއާއެކު ގްރޫޕް ބީގައި ހިމެނޭ އާސެނަލް އޮތީ ކުޅުނު ހަތަރު މެޗުން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެއްވަނައިގައެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު މޯލްޑް އޮތްއިރު ތިންވަނައިގައި އޮތް އޮސްޓްރިއާގެ ރެޕިޑް ވިއެނާ ވަނީ 3-1 އިން ޑަންޑޯކް ބަލިކޮށް ހަމަ މި އަދަދަށް ޕޮއިންޓް ހޯދާފައެވެ. ފުލުގައި އޮތް ޑަންޑޯކަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
އެސްޓާޑިއޯ މުނިސިޕަލް ޑެ ބްރާގާގައި ރޭ ކުޅުނު މެޗުގައި ބްރާގާ އަށް ހަތަރުވަނަ މިނެޓުގައި ލީޑްނެގީ އަލީ އެލްމުސްރާތީ އެވެ. އޭގެ ފަސް މިނެޓުފަހުން، ލެސްޓާގެ ހާވީ ބާންސް ނަތީޖާ ހަމަހަމަކޮށްދީފައިވަނިކޮށް ޕައުލީނިއޯ ވަނީ ބްރާގާ އަށް ދެވަނަ ފަހަރަށް ލީޑްނަގައިދީފައެވެ. ލެސްޓާ އިން ދެވަނަ ފަހަރަށް އެއްވަރުކުރީ މެޗުގެ 78 ވަނަ މިނެޓުގައި ލޫކް ތޯމަސް ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ އެންމެ ފަހު މިނެޓުގައި ފްރޭންސާޖިއޯ ބާބޯސާ ބްރާގާ އަށް އަލުން ލީޑްނަގައިދީފައިވަނިކޮށް، މެޗުގެ އިތުރުވަގުތުގައި ލެސްޓާގެ ފޯވާޑް ޖެމީ ވާޑީ ވަނީ އެ ޓީމަށް ތިންވަނަ ފަހަރަށް އެއްވަރުކޮށްދީފައެވެ.
ގްރޫޕް އެލްގެ އެއްވަނައިގައި އުޅޭ ހޮފެންހައިމް ވަނީ ލިބެރެކް އަތުން ހޯދީ މޮޅާއެކު 12 ޕޮއިންޓް ހަމަކޮށްފައެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ރެޑްސްޓާ ބެލްގްރޭޑް ވަނީ ރޭ ގެންޓް އަތުން 2-0 އިން މޮޅުވެފައެވެ. ތިންވަނައިގައި އޮތް ލިބެރެކް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ގެންޓް އަށް ޕޮއިންޓެއް ނުލިބެއެވެ.
ކްލޫޖް އަތުން 2-0 އިން ރޯމާ މޮޅުވި މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ގޯލަކީ ކްލޫޖްގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ރޯމާގެ ދެވަނަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖޯޑަން ވެރެޓޫޓް އެވެ. މި ގްރޫޕްގެ އެއްވަނައިގައި ރޯމާ އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ހަތް ޕޮއިންޓާއެކު އޮތް ސްވިޒަލެންޑްގެ ޔަންގް ބޯއީސް ވަނީ ބަލްގޭރިއާގެ ސީއެސްކޭއޭ ސޯފިއާ އަތުން 1-0 އިން މޮޅުވެފައެވެ. ތިންވަނައިގައި އޮތް ކްލޫޖަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ސޯފިއާ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު އެވެ.
މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ދާދިފަހުން ހާޓްއެޓޭކެއް ޖެހިގެން މަރުވި ނަޕޯލީގެ ކުރީގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި އެ ޓީމުން ކުޅެން ނިކުތީ 10 ނަންބަރު ޖަހާފައިވާ ޖޯޒީތަކެއްގައެވެ. ނަޕޯލީގެ ދަނޑުގައި ކްރޮއޭޝިއާގެ ރިޔެކާއާ ދެކޮޅަށް ރޭ ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 2-0 އިންނެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މަޓެއޯ ޕޮލިޓާނޯ އާއި ހާވިންގް ލޮޒާނޯ އެވެ.
ޔުރޮޕާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސްކޮޓްލެންޑްގެ ރޭންޖާސްއާ ދެކޮޅަށް ޕޯޗުގަލްގެ ބެންފީކާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ފްރާންސްގެ ލިއްލޭގެ ދަނޑުގައި އިޓަލީގެ އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާ ވަނީ އަމިއްލަ ދަނޑުގައި ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން 4-0 އިން މޮޅުވެފައެވެ. ސްޕެނިޝް ލީގުގެ އެއްވަނައިގައި އުޅޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ހޮލެންޑްގެ އޭޒެޑް އަލްކްމާރް ކުޅުނު މެޗު ނިމުނީ ލަނޑެއްނުޖެހި 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.