މެދު ރާއްޖެތެރޭގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ރުޤްޔާގެ ނަމުގައި ޖިސްމާނީ އަނިޔާ ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުުރުމުން މި މައްސަލައިގައި ހައްޔަރު ކުރި 39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި 24 އަހަރުގެ މީހާ 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި އެ ދެމީހުން ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 25 އަދި 26 ވަނަ ދުވަހުއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރުގްޔާގެ ނަމުގައި ހަތަރު މައިން ބަންދުކޮށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އަދި އެފަދަ އަނިޔާތަކަށް އާއްމުން ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލައާއި ބެހޭގޮތުން ‘މިހާރު’ ނޫހުގައި ބަޔާންކޮށްފައިވާ ގޮތުން ގުރުއާނުން ބަލިތަކަށް ޝިފާ ލިބޭ ރުގްޔާ އޮޅުވާލައި ހަތަރުމައިންނާ މެދު އަމަލުކޮށްފައި ވަނީ ވަރަށް ރަހުމްކުޑަ ގޮތަކަށެވެ. އެގޮތުން އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާއިރު، ދެން ތިބި ކުދިން ހިމެނޭ ގޮތަށް އެންމެންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދީފައިވެއެވެ. ޖިންނިއަށް އަނިޔާކުރުމުގެ ނަމުގައި އެ ހަތަރު މައިންނަށް ކާން ނުދީ ބަނޑަށް ބޭތިއްބުމާއި ނިދިން މަހްރޫމްކުރުން ފަދަ އަމަލުތައް ހިންގާފައިވެ އެވެ. އަދި ހަތް އަހަރުގެ އަންހެން ކުއްޖާ ސްކޫލަށް ވެސް ނުފޮނުވާ ކަމަށް ‘މިހާރު’ ނޫހުގައި ވަނީ ހާމަކޮށްފައެވެ.
ރުގްޔާ ކުރާއިރު، އެ ގޭތެރެއިން ރޯ އަޑު އިވޭނެ ކަމަށް އަވަށްޓެރިންނާއި އެ ގެއަށް ވަދެ އުޅޭ މީހުންނަށް ވިސްނައިދީފައި އޮތުމާ އެކު ތިން މަސްވިއިރު، އެ ހަތަރު މައިންނަށް އެހީތެރިކަމެއް ނުލިބުނުކަމަށާއި ފުލުހަކު އެ ގެއަށް ދިޔަ ދުވަހެއްގައި އަނިޔާގެ ވާހަކަ ބުނުމުން ގައި ތެރޭގައި ޖިންނި އުޅެނީ ކަމަށް ބުނެ އަޅާނުލައި ދިޔަ މައްސަލައިގައި އާއިލާގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް ‘މިހާރު’ ނޫހުގައި ބުނެފައިވެއެވެ. އަދި ކުދިންނަށް އަނިޔާކުރާ ވާހަކަ އަންހެން މީހާގެ އާއިލާގެ މީހެއްގެ ގާތު ބުނެގެން އެ ގެއަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރަކު ގޮސް ސުވާލުކުރުމުން ވެސް އޭނާގެ ފިރިމީހާ އެކަން ހުއްޓުވައި އޭނާ ފޮނުވާލީ ކަމަށް ވެސް އަންހެންމީހާ ބުނިކަމަށް ‘މިހާރު’ ނޫހުގައި ވަނީ ބުނެފައެވެ.