English Edition
Dhivehi Edition

ގދ. ތިނަދޫގައި އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ބުނެ ރޭ މީސްމީޑިއާގައި ފެންމަތިވި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި 13 އަހަރުގެ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި ކަމުގެ މައްސަލަ ރޭ ތިނަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އަދި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މީގެ އިތުރުން އެ އިދާރާއިން ހާމަކުރި ގޮތުގައި މިނިސްޓްރީ އޮފް ޖެންޑާރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ފަރާތުން އަނިޔާ ލިބެމުންދާ ކަމަށް އަޑު ފެތުރިފައިވާ ފަރާތުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ކަމަށެވެ.

ރޭ އިއްޒަ އަބްދުﷲ ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓުތަކެއްގައިވާ ގޮތުން ތިނަދޫގައި ކުޑަ އަންހެންކުއްޖަކަށް އަނިޔާކުރާތީ އެކުއްޖާ ހުއްޓާ ނުލާ ރޮމުން އަންނަ ކަމަށާއި އެ ގޭގައި އެ ކުޑަ އަންހެން ކުއްޖާ ލައްވާ ގޭގެ މަސައްކަތްތައް ކުރުވާ ކަމަށެވެ. މީގެ އިތުރުން އެކުއްޖާ އާއި އެއްބަނޑު އެއްބަފާ އެއްމާބަނޑު ދެ އަހަރުގެ ދެ ކޮއްކޮ ބަލަންވެސް ހަވާލުކުރާ ކަމަށް އޭނާ ކުރި ޓްވީޓުގައި ވަނީ ބުނެފައެވެ.

އިއްޒަ އަބްދުﷲ ފާހަގަކުރި މައްސަލަ ބަލަމުން ދާކަަމަށާއި މައްސަލަ އެބޭފުޅުންގެ ސަމާލުކަމަށް ގެނައިކަމަށްޓަކައި ޝުކުރު އަދާކުރާކަމަށް ބުނެ ޖެންޑާ މިނިސްޓްރީ އިން ވަނީ އޭނާގެ ޓްވީޓަށް ރިޕްލައި ކޮށްފައެވެ.