English Edition
Dhivehi Edition

އެލައިޑް އިންޝްއަރެންސްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް އޭނާގެ ކައިވެންޏަށް 11 އަހަރު ފުރުމާއި ދިމާކޮށް އަންހެނުންނަށް ދިން ހަދިޔާތަކާއެކު ސޯޝަލް މީޑިއާގައި މިވަނީ އަލިފާން ރޯވެފައެވެ. އެއް ބަޔަކު އެލައިޑާއި ނިއުޝާދަށް ފާޑުކިޔުންތައް އަމާޒުކުރަމުން އަންނައިރު، ބައެއް މީހުންވަނީ އޭނާ ދިން ހަދިޔާތަކުގައި އެއްވެސް މައްސަލައެއް ނެތްކަމަށާއި އެކަން ‘ނުބައިކޮށްލި’ މީހުން ކަންތައް ބޮޑުކުރީކަމަށް ބުނެ އެފަދަ މީހުންނަށް ފާޑުވެސް ކިޔާފައެވެ.

ލޯބިވާ އަނބިމީހާއާ އެކު ކައިވެންޏަށް 11 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޓުވިޓާގައި އަނބިމީހާއަށް ގަނެދިން ހަދިޔާތައް ދައްކާލުމަށް ދޮޅު މިނިޓެއްހާއިރުގެ ވީޑިއޯއެއް ޕޯސްޓްކޮށްލުމާއެކު ގިނަ ބައަކަށް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ. އަބަދުވެސް ދިވެހިންނަކީ އެފަދަ މުނާސަބަތްތަކުގައި އަގު ބޮޑު ސެންޓާއި، ކޭކާއި، ފިނިފެންމަލާއި، ގަހަނާތަކުން އަންހެނުން ހިތް އުފާކޮށްދެމުން އަންނަ ބަޔަކަށްވީ ހިދު ނިއުޝާދުގެ ހަދިޔާއަކީ ހަގީގަތުގައިވެސް ހައިރާންކަން ލިބިގެންދާ ފަދަ ‘އަގުބޮޑު’ ހަދިޔާއެކެވެ. އެ އުފާވެރި މުނާސަބަތުގައިވެސް ނިއުޝާދު އެންމެ ބޮޑު އިސްކަމެއްދިނީ އޭނާގެ އަންހެނުންނާއި އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށެވެ،

ފުރަތަމަ ހަދިޔާއަކަށް ފަޔާ ބްލެންކެޓް ދައްކާލުމަށްފަހު ނިއުޝާދު ބުނީ “މިއީ އަންހެނުން ރުޅިއައިމަ، މާބޮޑަށް ހޫނުގަދަވީމަ، އަލިފާންރޯވީމަ އަލިފާން ނިއްވަން ބޭނުންކުރެވިދާނެ އެއްޗެއް. ގޭތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް މި ބޭނުންކުރެވޭނެ” ކަމަށެވެ. ދެވަނަ ހަދިޔާއެއްގެ ގޮތުގައި ނިއުޝާދު އޭނާގެ އަންހެނުންނަށް ދިނީ “ގޭސް އެލާމް” އެކެވެ. މިއީ ގޭތެރޭގައި އެއްވެސް ކަހަލަ ގޭސް ލީކެއް އުޅޭކަމުގައިވާނަމަ އެކަން ޑިޓެކްޓްކޮށް އެލާމްގެ ޒަރީއާއިން އަންގައިދޭނެ އެއްޗެކެވެ. ފަހު ހަދިޔާއެއްގެ ގޮތުގައި އެންޓިފަޔާ ފުޅި ދައްކާލުމުން ނިއުޝާދު ބުނީ “ދެން އޮތީ އެންމެ ފައްކާ އެތި. މިއީ ކައިވެނިކޮށްގެން އުޅޭއިރު މާބޮޑަށް މައްސަލަޖެހުނީމަ ހަމަ ރާސްލާފައި ނިއްވާލަންވީ. އެންޓިފަޔާއެއް. ވަރަށް އަގުހެވޭ އަނެއްކާ. އެންމެ -/1080 ރުފިޔާ” މިހެންނެވެ. މިއީ ހަމަ އަސްލަށްވެސް އޭނާ އަންހެނުންނަށް އެނިވާސަރީ ހަދިޔާގެ ގޮތުގައި ދިން އެއްޗެއްތޯ ނުވަތަ ކުޑަ ޕްރޮމޯޝަނެއްތޯ ގިނަ ބަޔަކު ސުވާލުކޮށްފައިވާއިރު ނިއުޝާދު ބުނީ މިއީ ހަމަ ހަގީީގަތުގައިވެސް އޭނާ އަންހެނުންނަށް ދިން ހަދިޔާތަކެއް ކަމަށާއި، މިއީ އެއްވެސް ޕްރޮމޯޝަނަލް ކަމެއް ނޫން ކަމަށެވެ.

ނިއުޝާދުގެ ސަމާސާ މިޒާޖުގައި އޭނާ ޕޯސްޓްކުރި މި ވީޑިއޯއަށް އޭނާގެ އަނބިމީހާވެސް ރިޕްލައިކޮށްފައިވާއިރު، މި ވީޑިއޯ ފެނުމުން ފުރަތަމަވެސް ހިތަށްއެރީ، ނިއުޝާދު އޭނާގެ އާއިލާގެ ރައްކާތެރިކަމަށް ވިސްނާ މިންވަރެވެ. މާލޭގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވެފައިވާއިރު މިއީ ކޮންމެ ފިރިއަކުވެސް އަނބިމީހާއަށް ދޭން ރަގަޅު ހަދިޔާއެއްކަމެވެ.

މި ވީޑިއޯ ގިނަ ބަޔަކު ބަލާފައިވާއިރު މި ވީޑިއޯގެ މަންޒަރު ބަދަލުވެގެން ދިޔައީ އަންހެނުންނަށް ނިކަމަތިކޮށް ހަދާފައި ހުންނަ އިޝަތިހާރުތައް ހުއްޓުވަންޖެހޭ ކަމަށާއި ތަނެއްގައި ރޯވާ އަލިފާނާއި އަންހެނުންނާއި އެއްހަމަ ނުކުރެވޭނެ ކަމަށް ބުނެ މީހަކުކޮށްފައިވާ ޕޯސްޓަކަށް ތާއިދުކޮށް ބަޔަކު ސޯޝަލް މީޑިއާގައި ނިއުޝާދު ‘ރޮލާކާލި’ ހިސާބުންނެވެ. ނިއުޝާދަށް ފާޑުކިޔައި ޕޯސްޓް ކުރި ބައެއްމީހުން ވަނީ އޭނާ ބޭނުން ކޮންމެ ހަދިޔާއެއް އަނބިމީހާއަށް ދެވިދާނެކަމަށާއި ނަމަވެސް ނިއުޝާދުގެ ވިސްނުމަކީ އަންހެނުންނަކީ ރުޅިގަދަ ބައެއްކަން ސާބިތުކޮށްދިނުންކަމުގައި ބުނެފައެވެ.

ނިއުޝާދުގެ ވާހަކަތަކަކީ އަންހެނުންނަށް ކުޑައިމީސް ކުރުމުގެ ގޮތުން ދެއްކި ވަރަށް ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަމަށް ބުނެ ކިޔަމުންދިޔަ، ފާޑުކިޔުންތަކާއި ދެކޮޅަށް އަނބިމީހާ ތެދުވެފައިވާއިރު އޭނާ ބުނީ 11 ވަނަ އަހަރީ ދުވަހާއި ގުޅިގެން އޭނާގެ ފިރިމީހާ ހިއްސާކުރި ވީޑިއޯ ބޭނުންކޮށްގެން ބައެއް މީހުން އޭނާގެ ފިރިމީހާއާއި ގުޅޭ ގޮތުން ދޮގު ވާހަކަތައް ދައްކަމުން ގެންދާކަމަށެވެ. އަދި އޭނާގެ ފިރިމީހާ އާއި ބެހ ގޮތުން ދޮގު ވާހަކަތައް ދައްކާ މި ވީޑިއޯ ޝެއާރކުރަމުންދާ މީހުންނަށް ހަގީގަތުގައި ވާނުވާވެސް ނޭގޭ ކަމަށް ނިއުޝާދުގެ އަނބިމީހާ ވަނީ ބުނެފައެވެ. މީގެ އިތުރުން ނިއުޝާދުގެ އަނބިމީހާވަނީ މިފަދަ އަމަލުތައް ހިންގާ މީހުންނަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންކަން ފާހަގަކޮށްފައެވެ.

ނިއުޝާދުގެ އަނބިމީހާގެ އިތުރުން އޭނާވެސް ވަނީ ސޯޝަލް މީޑިއާގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެ ވީޑިއޯ އާއި ގުޅޭ އިތުރު ތަފްސީލްތައްވެސް ހިއްސާކޮށްފައެވެ. މި ގޮތުން ނިއުޝާދު ބުނީ އެ ވީޑިއޯ އަކީ އިއްޔެ އޮފީސް ގަޑީގައި އޭނާގެ ފޯނުން ކުރި ވީޑިއޯއެއްކަމަށާއި މި ހިޔާލަކީ އެޕާޓްމެންޓަށް ބޭނުންވާ އަލިފާން ނިއްވާ ސާމާން ޕެކްކުރަން އުޅުމުގެ ތެރޭގައި ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިފަދަ ކަމެއްކޮށްލަން ހިތައް އަރައިގެން ކުރިކަމެއްކަމަށެވެ. އަދި އޭނާގެ ފޭސްބުކް ޕޭޖުން މި ވީޑިއޯ ބެލި އެންމެންނަށްވެސް އޭނާގެ މެސެޖް ސާފުވިކަމަށާއި އޭނާ އާއި އެކު މަސައްކަތްކުރާ ހުރިހާ މުއައްޒަފުންނަށްވެސް އޭނާ، އަންހެނުންނަށް އިހްތިރާމްކޮށް ލޯބިވާވަރު އެގޭނެކަމަށެވެ. އެހެންނަމަވެސް މިއަދު ހެނދުނު އޭނާ ހޭލިއިރު އޭނާގެ ޕޯސްޓުގައި އަންހެނުންނަށް އިހްތިރާމް ކުޑަކޮށްފައިވާކަމަށް ބުނެ އެލައިޑަށާއި އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަމަށެވެ.

މިހުރިހާ ފާޑުކިޔުންތަކާއިއެކުވެސް ނިއުޝާދުއަށް ތާއިދުކޮށް ވާހަކަދައްކާ މީހުންވެސް މަދެއް ނޫނެވެ. ނިއުޝާދުއަށް ތާއިދުކޮށް ވާހަކަދައްކާ ގިނަ ބަޔަކުވަނީ އޭނާވެސް ފާހަގަކުރި ގޮތަށް ފިނިފެންމަލާއި ކޭކުގެ ބަދަލުގައި މިކަހަލަ ހަދިޔާތައް ދިނުމަށް ފިރިން ވިސްނަން ޖެހޭ ކަމަށް ބުނެފައެވެ. އަދި މިފަދަ އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި އަގު ބޮޑެތި ހަދިޔާތައް ގަތުމުގެ ބަދަލުގައި ކޮންމެހެންވެސް ގެއަށް ބޭނުންވާ މިފަދަ ސާމާންތައް ހަދިޔާގެ ގޮތުގައި ދިނުން ރަގަޅުކަމުގައި ބުނެފައެވެ. ނިއުޝާދުގެ ހަދިޔާއަކީ މުޅި އާއިލާއަށްވެސް ފައިދާކުރާނެ ފަދަ ހަދިޔާއެއްކަން ގިނަ ބަޔަކު ފާހަކޮށްފައިވާއިރު ލޯތްބާއި އެއްވަރަށް އެކަކު އަނެކަކުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަކީވެސް މުހިންމުކަމެއްކަމުގައި ގިނަ ބަޔަކުވަނީ ބުނެފައެވެ.

މީގެ އިތުރުން އަންހެނުންނަށް ނިސްބަތްކޮށް އަންހެނުންނަކީ އަލިފާން ފަދަ ބައެއްކަމަށް ދޭހަވާގޮތަށް ވާހަކަދައްކާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަ އާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމުގައި އޮތީ އެމީހަކު ވިސްނާ ގޮތްކަމަށާއި، ދިވެހި ބަހަކީ އިޝާރާތެއްކަމަށްވެސް ބުނެފައެވެ. މީގެ އިތުރުން ކުޑަދަރިފުޅަށް ލޯބިން ދޫނި، ދޮންބުޅާ ފަދަ ނަންތަކުން ގޮވަނީ ކީއްވެގެންތޯ ބުނެ ގިނަ ބަޔަކުވަނީ ސުވާލު އުފައްދާފައެވެ. ކޮންމެއަކަސް، ނިއުޝާދުގެ މި ހަދިޔާއަކީ ތަފާތު ހަދިޔާއެކެވެ. މި ހަދިޔާ ދިނުމުން ދޭހަވެގެންދިޔައީ އޭނަގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށް އޭނާ ވިސްނާ މިންވަރެވެ.

1 ކޮމެންޓް
އަހްމަދު
ނޮވެމްބަރު 26, 2020
އަންހެނުންނަށް ތިން އިރު ކާން ދިނުންވެސް ރަނގަޅު. އެހެނޭ ކިޔާފަ "މީ ބާސްމަތީ ހަނޑޫ. މިހާރު ހުދު ބަތް ކައިކައި އަންހެނުން މިހާރުވެސް ހުންނަނީ ބޮޑު ގެރިއެއްހެން. އެހެންވެ މިފަހަރު މި ގަތީ ބާސްމަތީ. މިހެން ބުނީމަ އޯކޭ ތޯ!