English Edition
Dhivehi Edition

ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާކަމަށާއި، އެއީ މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ގޮތުން މިއަދު ހެނދުނު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިން ފުރިހަމަކުރި ތަމްރީނުތަކަކީ، މި ދެންނެވި ވަރުގަދަ ބިންގަލުގެ މަތީގައި ސާބިތުވެ ތިބެ، ދިވެހިރާއްޖެ ދިފާޢުކުރުމަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ޤާބިލްކަމާއި ހުނަރުވެރިކަމާއި ސިފަވަންތަ ސިފަތައް ޙާޞިލްކުރުމުގެ ތަމްރީނުތައްކަމަށާއި، އޭގެ ތެރެއިން ވެސް އެންމެ މުހިންމު ދެ ސިފަޔަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމުގައެވެ. އަދި، އެ މަނިކުފާނު ވަނީ އެ ތަނުގައި ހުވާކުރި ކޮންމެ ސިފައިންގެ މީހަކީ، ދިވެހި ޢަސްކަރިއްޔާގެ ކޮންމެ ވެސް ޔުނިޓަކާ ގުޅޭނެ މީހެއްކަން ފާހަގަކުރައްވާ، އެ މީހަކު ޢަމަލީ ޚިދުމަތަށް ނުކުންނަ ދާއިރާއަކާ ގުޅޭ ގޮތުން، އިތުރަށް ތަޢުލީމު ޙާޞިލްކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ތަމްރީނުގެ ފުރުޞަތުތަކުގެ ބޭނުން ހިފައި، އެ މީހެއްގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވަނީ، ސިފައިންގެ ޚިދުމަތަކީ ވަރަށް މަތީ އަޚްލާޤީ މިންގަނޑުތަކެއްގެ މަތީގައި މީހާ ތަމްރީނުވެ ތަރުބިއްޔަތުވެގެން އަދާކުރެވޭނެ ޚިދުމަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، އެތަމްރީނުތަކާއި ތަރުބިއްޔަތުގެ ހެޔޮ އަސަރު، އެ ތަނުން ކޮންމެ މީހެއްގެ ޢާންމު ދިރިއުޅުމުގައި ވެސް ފެންނަންޖެހޭނެކަމަށާއި، ތަމްރީނު މަރުޙަލާގައި ބެހެއްޓި ފަރުވާތެރިކަމާއި ވަގުތަށް ކަމޭހިތުމުގެ ސިފަ، ޚިދުމަތުގެ ޢަމަލީ މައިދާނުގައި ސާބިތުކޮށްދޭންޖެހޭނެކަމުގައި ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި އިސްލާމީ އަޤީދާގައި ޢަމަލާއި ބަހުން ސާބިތުވެ ހުރުމުގެ ސިފައާއި، ކޮންމެ ޙާލަތެއްގައި ވެސް ޤައުމީ ޚިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ސިފައާއި، އެއިރެއްގައި ރައްޔިތުން ޤާއިމުކޮށްފައި އޮންނަ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ސިފަ ހަރުލާފައި ހުންނަން ޖެހޭނެކަމުގައެވެ. މީގެ އިތުރުން ވެސް، ޢަސްކަރިއްޔާއެއް އޮތުމުގެ ޙަޤީޤީ ބޭނުމަކީ، ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުން ދުރުވެ، ޞުލްޙަ ޤާއިމްކުރުމާއި އަމާންކަން ދެމެހެއްޓުންކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަސްކަރީ ޤާބިލުކަން އިތުރުކުރަން ޖެހެނީ ޞުލްޙަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށްކަމުގައި ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަފާތު ބާވަތްތަކުގެ ނިރުބަވެރިކަމުގެ ޢަމަލުތައްކަމުގައެވެ. އަދި، ސިފައިން ޙާޞިލްކުރި ޢިލްމާއި ހޯދި ތަމްރީނަކީ، ނިރުބަވެރިކަން ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ޞުލްޙަވެރި މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހިކުރާނެ ޢިލްމާއި ތަމްރީންތަކެއްކަމުގައި އެ މަނިކުފާނު ދެކިވަޑައިގަންނަވާ ކަމުގައެވެ.

އަދި، ސިފައިންގެ ޚިދުމަތަކީ ޢަސްކަރީ ޚިދުމަތެއްކަމުގައި ވީ ނަމަވެސް، ސިފައިންގެ ޚިދުމަތަކީ މަދަނީ އަދި އިޖްތިމާޢީ ވާޖިބުތަކެއް ވެސް ލާމެހިފައިވާ ޚިދުމަތެއްކަމާއި، ކާރިސާއެއް ދިމާވާ ޙާލަތުގައި އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއް ބަޔަކީ ދިވެހި ސިފައިންކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެހައި ސިފައިންނަށް ދިވެހި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝުކުރު ދަންނަވާފައެވެ.

މަސްދަރު: ރައީސްއޮފީހުގެ ވެބްސައިޓް