English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ހުވަދޫ އެއިޑް ޖަމިއްޔާއި ގުޅިގެން ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕެއް ފަށައިފިއެވެ.

މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މިވޯކްޝޮޕްގައި 44 ޖަމިއްޔާއަކުން ބައިވެރިވެފައިވެއެވެ. ކޮވިޑް-19 އާއި ގުޅިގެން މިވޯކްޝޮޕް ކުރިޔަށް ދާނީ ވާޗުއަލްކޮށްނެވެ. މިއީ ޖަމިއްޔާތަކުގެ އިދާރީ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ބާއްވާ ވޯކްޝޮޕެކެވެ. އެކިއެކި ގްރާންޓް ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް އެކުލަވާލާނެ ގޮތްތައް މިޕްރޮގްރާމްގައި ކިޔައިދިނުމަށްވަނީ ނިންމާފައެވެ.

ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވެސް ޖަމިއްޔާތަކާއި ގުޅިގެން ތަފާތު ޕްރޮގްރާމްތައް ހިންގިފައިވާކަމަށާއި، ގައުމީ ފެންވަރުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއެކު ވެސް ޕްރޮގްރާމްތައް ހިންގިފައިވާ ކަމަށް އަދި މުޖުތަމަޢު ބާރުވެރިކުރުމަށް އެކިއެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ޕްރޮގްރާމްތައް ހިންގިފައިވާނޭކަމެވެ. އަދި އުއްމީދަކީ މަދަނީ ޖަމިއްޔާތަކާއެކު ހިންގޭ ޕްރޮގްރާމްތައް އިތުރުކޮށް އެ ޕްރޮގްރާމްތަކުން ރަނގަޅު ނަތީޖާތަކެއް ނެރުން ކަމަށާއި، މި ޕްރޮޖެކްޓާއެކު ގްރާންޓް ޕްރޮގްރާމަށް ގިނަ ޖަމިއްޔާތަކަކުން ޕްރޮޕޯސަލް ހުށަހަޅުއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރ މަހްލޫފް ވަނީ ހުވަދޫ އެއިޑްއަށް ޝުކުރު އަދާކުރައްވާފައެވެ.