ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން އިޓަލީގެ އެޓަލާންޓާ އަތުން އަމިއްލަ ދަނޑުގައި 2-0 އިން ލިވަޕޫލް ބަލިވިއިރު، ސްޕެއިނުގެ ރެއާލް މެޑްރިޑުން ވަނީ ރަށުން ބޭރުގައި އިންޓަ މިލާން އަތުން 2-0 އިން މޮޅުވެ، ދެވަނަ ބުރުގެ އުއްމީދު އާކޮށްފައެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް، ލިވަޕޫލް އުޅެނީ ގްރޫޕް ޑީގެ އެއްވަނައިގައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އަޔެކްސް އެމްސްޓެޑަމްގެ އިތުރުން ތިންވަނައިގައި އޮތް އެޓަލާންޓާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މިއާއެކު، މި ގްރޫޕުގެ ބާކީ ހުރި މެޗުތަކުގެ ނަތީޖާތައް ނިކުންނަ ގޮތަކުން މި ތިން ޓީމަށް ވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އެބައޮތެވެ. އެންމެ ފުލުގައި އޮތް މިޓްޔައެލަންޑަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗަށް އެ ޓީމު ނިކުތްއިރު އަނިޔާ އާއި ފިޓްނަސްގެ މައްސަލަތަކުގެ ސަބަބުން އާއްމުކޮށް ނެރެމުން އަންނަ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު، އެޓަލާންޓާގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއްނުވެއެވެ. އަނެއްކޮޅުން ރޭގެ މެޗަކީ އެންމެ ފަހުން އެޓަލާންޓާގެ ދަނޑުގައި ބައްދަލުކުރި މެޗުގައި 5-0 އިން ލިވަޕޫލް އަތުން ބަލިވުމުގެ ސަބަބުން ހޯދީ ކޮންމެވެސް ވަރެއްގެ ބަދަލުހިފުމެކެވެ.
މި މެޗުގައި އެޓަލާންޓާ އިން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. އެގޮތުން، މެޗުގެ 60 ވަނަ މިނެޓުގައި ޖޯސިޕް އިލިޗިޗްގެ ގޯލުން ލީޑްނަގާފައިވަނިކޮށް، އޭގެ ހަތަރު މިނެޓުފަހުން އެ ޓީމުގެ ލީޑް ފުޅާކޮށްދިނީ ރޮބިން ގޮސެންސް އެވެ. ލިވަޕޫލަށް ލަނޑެއްޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ކޮވިޑް-19 އިން ރަނގަޅުވެ ޓީމަށް އެނބުރިއައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު މި މެޗުގެ ފުރަތަމަ ހާފުގައި ފޮނުވާލި ބޯޅަ ދިޔައި ގޯލްގެ ހުރަސްދަނޑިމަތިންނެވެ.
މި ގްރޫޕުގައި ރޭ ކުޅެވުނު އަނެއް މެޗުގައި އަޔެކްސް ވަނީ 3-1 އިން ޑެންމާކްގެ މިޓްޔައެލަންޑް ބަލިކޮށްފައެވެ. މި މެޗުގައި އަޔެކްސް އިން ޖެހި ތިން ލަނޑުވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ރަޔާން ގްރެވެންބާޗް އާއި ނުސައިރު މަޒްރާއުއީ އަދި ޑޭވިޑް ނެރޭސް އެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލުން ރޭގެ މެޗުގައި އިންޓަ ކޮޅަށް ޖެހި ފުރަތަމަ ގޯލް، ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް އެވެ. އިންޓަ އަށް މައްސަލަތައް ކުރިމަތިވީ މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމުގެ ޗިލީ މިޑްފީލްޑަރު އާޓޫރޯ ވިޑާލަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، ރެއާލުން ވަނީ ދެވަނަ ހާފުގައި އިތުރު ލަނޑެއްޖަހައި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. މިއީ މި ފަހަރުގެ ސީޒަނަށް ރެއާލުން، އިންޓަ އަށް ބަދަލުވި އަޝްރަފް ހަކީމީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ރޭގެ މޮޅާއެކު ރެއާލުން ވަނީ މިލާނަށް ނިސްބަތްވާ ދެ ކްލަބުގެ ދަނޑުގައި ފުރަތަމަ ފަހަރަށް އެ ދެ ޓީމު ބަލިކުރުމުގެ ޝަރަފު ހޯދާފައެވެ.
ރޭގެ ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނައިގައި މި ވަގުތު އޮތީ ރޭ އަމިއްލަ ދަނޑުގައި ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް އަތުން 4-0 އިން މޮޅުވި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކް އެވެ. ރޭގެ މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ލާސް ސްޓިންޑެލް އާއި ނިކޯ އެލްވެދީގެ އިތުރުން ބްރީލް އެމްބޯލޯ އަދި އޮސްކާ ވެންޑްޓް އެވެ. ރޭގެ މޮޅާއެކު މޮންޗެންގްލަޑްބަކް އަށް ހަތަރު މެޗުން 8 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ޕޮއިންޓެއް ފަހަތުން ދެވަނައިގައި އޮތި ރެއާލެވެ. ތިންވަނައިގައި އޮތް ޝަހުތަރަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އިންޓަ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވުމާއެކު އިންޓަ އަށް އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ.
މި ހަފްތާގެ މެޗުތަކަށްފަހު ގްރޫޕް ސްޓޭޖުގެ ބާކީ ދެ މެޗު އޮއްވާ ބަޔާން އާއި ސިޓީގެ އިތުރުން ބާސެލޯނާ، ޔުވެންޓަސް، ޗެލްސީ އަދި ސެވިއްޔާ އިން ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ.