ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން އޮސްޓްރިއާގެ އާރްބީ ސަލްޒްބާގް އަތުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ގްރޫޕް އޭގެ އެއްވަނަ މަގާމު ކަށަވަރުކުރިއިރު، މެންޗެސްޓާ ސިޓީ ވެސް ރޭގެ މެޗު ކާމިޔާބުކޮށް އެ މުބާރާތުގެ ދެވަނަ ބުރުން ވަނީ ޖާގަ ހޯދާފައެވެ.
އަމިއްލަ ދަނޑުގައި ސަލްޒްބާގް އަތުން 3-1 އިން ބަޔާން މޮޅުވިއިރު، ސިޓީން ވަނީ ރަށުން ބޭރުގައި 1-0 އިން ގްރީސްގެ އޮލިމްޕިއާކޯސް ބަލިކޮށްފައެވެ.
ރޭގެ ނަތީޖާއާއެކު މިހާތަނަށް ކުޅުނު ހަތަރު މެޗުން ސައްތައިގެ ރެކޯޑަކާއެކު 12 ޕޮއިންޓް ހަމަކޮށް ބަޔާނުން ގްރޫޕުގެ އެއްވަނަ ކަށަވަރުކުރީ ބާކީ ދެ މެޗު އޮއްވައެވެ. އޭގެ ހަތް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ރޭ ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. ތިންވަނައިގައި އޮތް ލޮކޮމޯޓިވަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ސަލްޒްބާގަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ބަޔާންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖެހި ހަމައެކަނި ލަނޑު، 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި އޭނާ ކުޅުނު 13 މެޗުގައި ޖެހި 14 ވަނަ ލަނޑެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ފްރާންސްގެ ވިންގާ ކިންގްސްލީ ކޯމަން އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިންއިރު، އޭގެ 16 މިނެޓުފަހުން ލެރޯއީ ސާނޭ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. އޭގެކުރީން، މެޗުގެ 66 ވަނަ މިނެޓުގައި ބަޔާންގެ މާކް ރޮކާ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލާފައިވާއިރު، ސަލްޒްބާގުގެ ހަމައެކަނި ގޯލު، މެޗުގެ 73 ވަނަ މިނެޓުގައި ޖަހައިދިނީ މާގީމް ބެރީޝާ އެވެ.
މި މުބާރާތުގައި ރޭ ސިޓީން ރަށުން ބޭރުގައި އޮލިމްޕިއާކޯސް އަތުން މޮޅުވި މެޗުގެ ހަމައެކަނި ލަނޑުޖަހައިދިނީ އިނގިރޭސި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ރަހީމް ސްޓާލިން ތަނަވަސްކުރި ފުރުޞަތަކުން ފޯޑެން ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގައި އޮލިމްޕިއާކޯސްގެ ގޯލަށް އަމާޒުކޮށް ސިޓީން 21 ހަމަލާ ފޮނުވާލާފައިވާއިރު، އިދިކޮޅު ޓީމަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ. ރޭގެ މޮޅާއެކު ސިޓީން ވަނީ ވިދިވިދިގެން 8 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.
މި ގްރޫޕުގެ އެއްވަނައިގައި ސިޓީ އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް އެފްސީ ޕޯޓޯ ވަނީ ރޭ ފްރާންސްގެ އޮލިމްޕިކް މާސޭ އަތުން 2-0 އިން މޮޅުވެފައެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮލިމްޕިއާކޯސް އޮތްއިރު، ފުލުގައި އޮތް މާސޭ އަށް ޕޮއިންޓެއް ނުލިބެއެވެ.