English Edition
Dhivehi Edition

އެޕްރީލް މަހު ޝެއިޙޫންގައި ދިން ކެމިކަލް ހަމަލާ އަކީ ސީރިއާ ސަރުކާރުން ދިން ހަމަލާއެށް ކަމަށް، އ.ދ ގެ ހަނގުރާމަމަތީ ހިންގާ ޖަރީމާ ތައް ތަހުގީގު ކުރާފަރާތްތަކުން ބުނެފިއެވެ.

އ.ދ ގެ ކޮމިޝަން އޮފް އިންކުއަރީ އިން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެމީހުންގެ ތަހުގީގުން ދައްކާގޮތުން އެ ހަމަލާއަކީ ސިރިއާ އަސްކަރިއާގެ ވައިގެ ހަމަލާއެށްކަން ސާބިތު ކުރެވޭވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ޚާން ޝެއިޙޫން އަކީ އިދި ކޮޅު ހަންގުރާމަވެރިންގެ ބާރުގެ ދަށުގައި އޭރު އޮތް ރަށެކެވެ. މި ހަމަލާގެ ސަބަބުން ގިނަ އާންމު މީހުންނާއި ކުޑަކުދިން ވަނީ މަރުވެފައެވެ.

ސީރިއާގެ އިޑްލިބްގެ އުތުރުން އޮންނަ މި ރަށަށް ދިން ހަމަލާގައި 83 މީހުންވަނީ މަރުވެފައެވެ. އަދި 300 މީހުންނަށް މިހަމަލާގައި ވަނީ އަނިޔާވެފައެވެ. މަރުވި މީހުންގެ ތެރެއިން 3 ބައި ކުޅަ އެއްބަޔަކީ ކުޑަ ކުދިންނެވެ. ބައެއް ތަފާސް ހިސާބު ތަކުން މަރުވި މީހުންގެ އަދަދު 87 ކަމަށް ވެސް ވަނީ ދައްކާފައެވެ.

ސީރިއާގެ ސަރުކާރުން ވަނީ ‘ސެރިން’ ގޭސް ބޭނުން ކުރި މިހަމަލާ ދިންކަން ދޮގުކޮށްފައެވެ. އެ ގައުމުން ބުނެފައިވަނީ 2013 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން އެގައުމުގެ ކެމިކަލް ހަތިޔާރު އެއްކޮށް ދޫކޮއްލާފައިވާ ކަމަށެވެ. އ.ދ ގެ ކެމިކަލް ހަތިޔާރާއި ބެހޭ ފަރާތުން ވަނީ މީގެ ކުރިން މިހަމަލާގައި ސެރިން ގޭސް ބޭނުންކޮށްފައި ވާކަން ކަށަވަރު ކޮއްދީފައެވެ. ނަމަވެސް އޭރު މިހަމަލާގެ ފަހަތުގައި ވަނީ ކޮން ބައެއް ކަމަށް ހާމަ ކޮއްފައެށް ނުވެއެވެ.

އެރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުން މާޗް 2013 އިން ފެށިގެން ސީރިއާ އަސްކަރީއްޔާއިން ވަނީ 23 ކެމިކަލް ހަމަލާ ދީފައެވެ. މި ތަހުގީގު ކުރުމަށް ސީރިއާއަށް އ.ދ ގެ ވަފުދު ވަނުމުގެ ހުއްދަ ސީރިއާ ސަރުކާރުން ނުދެއެވެ. އެހެން ކަމުން އެމީހުން ރިޕޯޓު ތައްޔާރު ކޮއްފައި ވަނީ ހަމަލާ ފެނުނު މީހުން ހަމަލާ ސިފަ ކުރި ގޮތަށާއި ފޮޓޯ ވީޑިއޯއިން ފެނުނު ކަންކަމުގެ އިތުރުން ސެޓެލައިޓި އިމޭޖަރީގެ މައްޗަށް ބިނާ ކޮށްގެންނެވެ.

އެމީހުންގެ ތަހުގީގުން އެންގިފައިވާ ގޮތުގައި ސިރިއާ އަސްކަރީޔާއިން އިން ބޭނުން ކުރާ ވައިގެ ހަމަލާދޭ އަސްކަރީ ބޮމްބާރ ‘ސޫ-22’ އަކީ ސިރިއާ އަސްކަރީއްޔާއިން އެކަނި ބޭނުން ކުރާ ބާވަތުގެ ވައިގެ އުޅަނދެކެވެ.

މި ރިޕޯޓު ވަނީ ސިރިއާ އަދި ރަޝިއާގެ ވާހަކަތަށް ދޮގުކޮއްފައެވެ. އެ ދެފަރާތުންވެސް ބުނެފައިވަނީ އެ ގޭސް ބޭރު ވެފައި ވަނީ ހަންގުރާމަވެރިންގެ ހަތިޔާރު ގުދަނަކަށް ހަމަލާ ދިނުމުންނެވެ. މިއީ މިފަރާތުން ނެރުނު 14 ވަނަ ރިޕޯޓެވެ. އ.ދ ގެ އިންކުއަރީ ކޮމިޝަން ވަނީ ސިރިއާގައި 2011 އިން ފެށިގެން ހިންގާ ހަންގުރާމަ މަތީ ކެމިކަލް ހަތިޔާރު ހަމަލާތަށް ތަހުގީގު ކުރުމާ ހަވާލުވެފައެވެ.