English Edition
Dhivehi Edition

ސަރުކާރުގެ “ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ތެރެއިން ކެޓަގަރީ “ޑީ” ގައި ހިމެނޭ 32 ފްލެޓު ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިފި އެވެ.

މި ގުރުއަތު ނެގުން އޮތީ 22 ނޮވެމްބަރ 2020 ވަނަ ދުވަހު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ، ޢަބްދުﷲ ޞާދިޤް ވިދާޅުވި ގޮތުގައި ކުރިން ހަމަޖެހިފައި އޮތީ އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން 32 ފްލެޓެއް ވިޔަފާރި އުޞޫލުން ވިއްކާގޮތަށް ކަމަށެވެ. އެހެންނަމަވެސް އެފްލެޓުތައް ވިޔަފާރީގެ އުޞޫލުން ވިއްކުމުގެ ބަދަލުގައި، ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ކުރިންވެސް ހައުސިންގ ޔުނިޓު ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ފްލެޓުތައް ދޫކުރުމަށް ފަހުން ނިންމައިފައިވާ ކަމަށްވެސް މޭޔަރ ޞާދިޤް ވިދާޅުވިއެވެ.

ފްލެޓު ލިބޭ ފަރާތްތަކުން، އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ މުއްދަތުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމަކީ ވަރަށް މުހިއްމު ކަމެއްކަން ހަނދުމަކޮށްދެއްވައި، އެކަން ކުރުމަށް މޭޔަރ އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައި މީގެ ކުރިން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ފްލެޓުތަކުގައި މީހުން ދިރިނޫޅޭ ކަމަށާއި، ބައެއް ފަރާތްތަކުން ފްލެޓުތައް ކުއްޔަށް ދޫކުރަމުންދާކަމުގެ ޝަކުވާ ލިބޭކަމަށާއި، މި ފުރުޞަތުގައި ހަވާލުކުރެވޭ ފްލެޓުތަކުގެ ވެރިފަރާތްތަކުން ފްލެޓުތައް ދިރިއުޅުމަށް ބޭނުންކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މޭޔަރ ވިދާޅުވިއެވެ. އެ ރަސްމިއްޔާތުގައި ފްލެޓުތަކާއި ގުޅޭގޮތުން، ފްލެޓު ލިބޭ ފަރާތްތަކުން ކުރެއްވި ސުވާލުތައް އަޑުއައްސަވައި، އެފަރާތްތަކަށް މޭޔަރ ވަނީ ޖަވާބުދެއްވައިފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ކެޓަގަރީ “ޑީ” ގައި ހިމެނޭ 32 ފްލެޓު އެދި ޖުމްލަ 835 ފަރާތަކުން ފޯމު ހުށަހެޅިއިރު، އޭގެތެރެއިން ފްލެޓު ލިބުމަށް ޝަރުތު ހަމަވާ 732 ފަރާތެއް ހިމެނެއެވެ. އެ 732 ފަރާތުގެ ތެރެއިން 48 ޕޮއިންޓަށްވުރެ މަތިން މާކުސް ލިބިގެން ގުރުއަތު ނެގުމަކާ ނުލައި 19 ފަރާތަކަށް ވަނީ ފްލެޓު ލިބިފައެވެ. އަދި 48 ޕޮއިންޓު ލިބިގެން މާކްސްގެ ގޮތުން އެއްވަރުވި 19 ފަރާތެއްގެ މެދުގައި ނެގި ގުރުއަތުން ހޮވުނު 13 ފަރާތަކަށް ވަނީ ފްލެޓު ލިބިފައެވެ.

ސަރުކާރުގެ “ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން މީގެ ކުރިން އާއްމުކޮށް ދޫކުރަން ހުޅުވާލީ 230 ފްލެޓަކަށެވެ. މިހާތަނަށް 202 ފްލެޓު ހަވާލުކުރެވިފައިވާއިރު، ހަވާލު ނުކުރެވި ހުރީ 60 ފްލެޓެވެ. އޭގެ ތެރެއިން އެ ރަސްމިއްޔާތުގައި ހަވާލުކުރެވުނީ 32 ފްލެޓެވެ. އަދި ބާކީ ހުރި 28 ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ބްލޮކް 15 އަދި 16 ގައި ހިމެނޭ ފްލެޓުތައް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގިއިރު، ފްލެޓު ސަރަޙައްދު ލޭންޑްސްކޭޕް ކުރުމާއި އެ ސަރަޙައްދުގައި ބޮކި ޖެހުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން މިހާރު އަންނަނީ ކުރަމުންނެވެ.