English Edition
Dhivehi Edition
ފުވައްމުލައް އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް އަވަސް ކުރުމާއި ގުޅޭގޮތުން އެމް.ޓީ.ސީ.ސީ ގެ ސީއީއޯ އާއި އެއްކޮށް ބޭއްވުނު ބައްދަލުވުން - ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާއި ހަވާލުކޮށްގެން ފުވައްމުލައް ސިޓީގައި ތަރައްގީ ކުރަމުން އަންނަ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ރަށުގެ އެތެރޭގައި ތަރައްގީކުރަމުން އަންނަ މަގުތައް އަންނަ އަހަރު ނިމެންވާއިރަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ ޑިރެކްޓަރ އަލީ މަސީހް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް އަވަސް ކުރުމާއި ގުޅޭގޮތުން މިއަދު އެމް.ޓީ.ސީ.ސީ ގެ ސީއީއޯ އާދަމް އާޒިމް އާއި އެއްކޮށް ބޭއްވުނު ބައްދަލުވުމާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން މަސީހް ވިދާޅުވިގޮތުގައި މިހާރު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދާ ގޮތާއި ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން މަސައްކަތް ނުކުރެވި ލަސްވުމުގެ އެއް ސަބަބެއް ކަމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއިން ބޭރުން ގެންނަން ޖެހުނު މަސައްކަތާއި ގުޅުންހުރި ބައެއް އާލާތްތައް ނުގެނެވުން އެމް.ޓީ.ސީ.ސީ އިން ފާހަގަކުރެއްވިކަމަށް މަސީހް ވިދާޅުވިއެވެ.

ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ މަސައްކަތް ކުރިއަށް ދަނީ – ފޮޓޯ: ރަށިކަބަރޮ

މީގެ އިތުުރުން މިހާރު ރަށުގެ އެތެރޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވުމުގެ ސަބަބެއް ކަމުގައި 2 ޓީމެއް މަސައްކަތުގައި ހަރަކާތްތެރިވާކަން ފާހަގަކުރައްވަމުން މަސީހު ވިދާޅުވީ މަގު ހެދުމުގެ ސްޕީޑް އަވަސް ކުރުމަށްޓަކައި ކުރިޔަށް އޮއްތަނުގައި އެއްފަހަރާ 10 ޓީމް ބޭނުން ކޮއްގެން 10 ސަރަހައްދެއްގައި މަސައްކަތް ކުރިޔަށް ގެންދާނެ ކަމުގެ ޔަގީން ކަން އެމް.ޓީ.ސީ.ސީ ގެ ސީއީއޯ މިއަދު ދެއްވައިފައިވާކަމަށެވެ.

މަގު ހެދުމުގެ މަސައްކަތާއި ބެހޭގޮތުން އިތުރަށް މަސީހް ވިދާޅުވިގޮތުގައި ކުރީއްސުރެވެސް ބޭނުން ކުރަމުން އަންނަ މަގުތަކެއް ވުމުން މަސައްކަތް ކުރުމުގައި ދަތި ތަކެއް ދިމާވާ ކަމުގައެވެ. އެގޮތުން މަގުގައި އެކި ހިދުމަތް ދޭ ވުޒާރާތަކުން ހިދުމަތް ދިނުމުގައި ބޭނުންކުރާ ކޭބަލް ތައް އަޅާފައި ހުރުމުން އެ ތަކެއްޗަށް ގެއްލުން ނުވާނޭ ފަދަ ގޮތަކަަށް މަސައްކަތް ކުރަން ޖެހޭތީވެސް މަސައްކަތުގެ ސްޕީޑް ލަސްކަމުގައެެވެ. އެގޮތުން މިކަމާއި ގުޅިގެން މިއަދު ފުވައްމުލައް ސިޓީ ކައުންސިލުންވަނީ މަގުތަކުގައި ކޭބަލް އަޅާފައިވާ ހިދުމަތް ދޭ ފަރާތްތަކާއި ބައްދަލުކޮށްފައެވެ.

މަގުތަކުގައި ކޭބަލް އަޅާފައިވާ ސާރވިސް ޕްރޮވައިޑާރަސް އާއި އެއްކޮށް ފުވައްމުލައް ސިޓީ ކައުންސިލުގައި ބޭއްވުނު ބައްދަލުވުން – ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

އެމް.ޓީ.ސީ.ސީ އާއި ސިޓީ ކައުންސިލް އަދި ހިދުމަތް ދޭ ފަރާތްތަކުން ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުގައި މަގު ހެދުމުގެ މަޝްރޫއުގައި މިހާރު ހުރި ގޮންޖެހުން ތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި މަސައްކަތުގެ ތެރެއިން އަޅާފައިވާ އެއްވެސް ކޭބަލް އަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އަމަލު ކުރާނެ ގޮތުގެ އިތުރުން ހިދުމަތްދޭ ފަރާތްތަކުން މަގު ހެދުމުގެ މަޝްރޫއުއަށް އެއްބާރުލުން ދެވޭނެ ގޮތްތަށް ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު މަގު ހެދުމުގެ މަޝްރޫއުގައި ހަރަކާތްތެރިވާ އެމް.ޓީ.ސީ.ސީ އަދި ފުވައްމުލައް ސިޓީ ކައުންސިލުގެ އިތުރުން މަގުތަކުގައި ކޭބަލް އަޅާފައިވާ ހިދުމަތް ދޭ ފަރާތްތަކުން އެއްކޮށް ބައްދަލުވުން ބޭއްވުމަށްވެސް މި މަޝްވަރާތަކުގައި ނިންމުނެވެ.

މިވަގުތު ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ ތެރެއިން މަސައްކަތް ކުރިއަށް ދަނީ 2 މަގެއްގައެވެ. އެއީ ފިނިވާމަގު އަދި ބަހާރުމަގެވެ. އެގޮތުން ބަހާރުމަގުގައި ކޭބަލް ޑަކްޓް އާއި ހޮޅި އެޅުމުގެ މަސައްކަތް އެއްކޮށް ކުރެވިގެންދާއިރު ފިނިވާމަގުގެ ކޭބަލް ޑަކްޓްގެ މަސައްކަތް ނިމި މިހާރު ކުރިއަށް ދަނީ ހޮޅި އެޅުމުގެ މަސައްކަތެވެ. ފުވައްމުލައް އެތެރޭގެ މަގުތަކުގެ 9 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ 31 މަގެއްގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރެވިގެންދާނެއެވެ. މީގެ އިތުރުން ސަރުކާރުން އަންނަނީ އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން ފުވައްމުލަކުގެ ރިންގްރޯޑު (ޖަމާލުއްދީން ނައިބު ތުއްތު މަގު) ތަރައްގީ ކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާރު ވަނީ އެމަގުގެ 90 އިންސައްތަ މަސައްކަތް ނިމިފައެވެ.