English Edition
Dhivehi Edition
ލިވަޕޫލްގެ މެޗެއް ބަލަން ހާޒިރުވެތިބި ސަޕޯޓަރުންތަކެއް. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ވިލާތުގައި ކަނޑައަޅާފައިވާ ލޮކްޑައުން މުއްދަތު އަންނަ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހަށް ހަމަވުމުން އެކަށީގެންވާ އަދަދެއްގެ ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލުމަށް ހުއްދަދޭނެކަން އެ ގައުމުގެ ސަރުކާރުން އިޢުލާން ކޮށްފިއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ރޭ އިޢުލާނުކުރެއްވި ގޮތުގައި ލޮކްޑައުން އަށް ފަހު ސަޕޯޓަރުން ދަނޑުތަކަށް ވައްދަން ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުންނެވެ.

އެގޮތުން، މިހާރު ކަނޑައަޅާފައިވާ އެ ގައުމުގެ ކެޓަގަރީ އެކެއްގައި ހިމެނޭ ސަރަހައްދަށް ނިސްބަތްވާ ސްޓޭޑިއަމްތަކަށް 4000 ސަޕޯޓަރުންނަށް ކުޅިބަލަން ވަދެވޭ ގޮތަށް ހަމަޖައްސާފައިވާއިރު، ކެޓަގަރީ ދޭއްގައި އޮތް ސަރަހައްދުތަކުގައި ހުރި ސްޓޭޑިއަމްތަކަށް 2000 ސަޕޯޓަރުން ވެއްދޭނެއެވެ. އަދި އެންމެ ރިސްކު ބޮޑު ކެޓަގަރީގައި ހިމެނޭ ސަރަހައްދުތަކުގައި ހުރި ސްޓޭޑިއަމްތަކަށް އެއްވެސް ސަޕޯޓަރަކު ނުވެއްދޭނެއެވެ.

އެހެންކަމުން މިދިޔަ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހު އިނގިރޭސި ވިލާތް އަލުން ލޮކްޑައުން ކުރިއިރު ކެޓަގަރީތައް ބެހިފައި އޮތްގޮތަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ތެރެއިން ބްރައިޓަން އާއި ސައުތެމްޓަންގެ އިތުރުން ލެސްޓާ ސިޓީގެ ދަނޑުތައް ނިސްބަތްވަނީ 4000 ސަޕޯޓަރުން ވެއްދޭ ކެޓަގަރީއަށެވެ. އަދި ކެޓަގަރީ ތިނެއްގައި ސަޕޯޓަރުން ނުވެއްދޭ ސަރަހައްދުތަކަށް ނިސްބަތްވާ ކްލަބުތަކުގެ ތެރޭގައި ލިވަޕޫލާއި އެވަޓަން، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ޝެފީލްޑް ޔުނައިޓެޑް އަދި ލީޑްސް ޔުނައިޓެޑް ހިމެނެއެވެ.

މިހާރު ކޮވިޑް-19ގެ ހާލަތު އިނގިރޭސި ވިލާތުގައި އޮތްގޮތަށް ބަލައިގެން ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން އާބާދީގެ ގޮތުން ހައި ރިސްކު މީހުން އުޅޭ ސަރަހައްދުތަކަށް ބޮޑު އިސްކަމެއް ދީގެން ކެޓަގަރީތައް ބެހުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާއިރު، ބޮރިސް ވިދާޅުވީ މަސައްކަތްކުރަމުންދަނީ އާ ސަރަހައްދުތައް ކެޓަގަރީ އަށް ބަހާލުމަށް ފަހު މި ހަފްތާގެ ބުރާސްފަތި ދުވަހު އިއުލާންކުރުމަށް ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެ ގައުމުގެ ކަލްޗާ ސެކެޓްރީ އޮލިވާ ޑައުޑަން ވިދާޅުވީ މިއީ ކުޅިވަރު މުބާރާތްތަކާ މެދު އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި ކޮންމެ ކުޅިވަރެއްގައިވެސް އެންމެ ބޮޑު އިސްކަމެއްދޭނީ ކުޅިބަލަން ވަންނަ ސަޕޯޓަރުންގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްކަމަށްވާއިރު، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ އެންމެންވެސް އަމަލުތައް ބަހައްޓާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށްވެސް ޑައުޑަން ވިދާޅުވިއެވެ.