English Edition
Dhivehi Edition
ލެސްޓާ ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލެސްޓާ ސިޓީ އަތުން 3-0 އިން މޮޅުވެ ލިވަޕޫލުން އަމިއްލަ ދަނޑުގައި ބަލިނުވުމުގެ ސިލްސިލާ އިތުރަށް ދެމެހެއްޓިއިރު، އާސެނަލްއާ ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

ލެސްޓާ އަތުން ހޯދީ މޮޅާއެކު ލިވަޕޫލް ވަނީ އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ 64 މެޗު ހަމަކޮށްފައެވެ. އޭގެތެރެއިން 53 މެޗުން މޮޅުވިއިރު، 11 މެޗު ވަނީ އެއްވަރުވެފައެވެ.

ރޭގެ ނަތީޖާއާއެކު ލިވަޕޫލުން ނުވަ މެޗުން 20 ޕޮއިންޓް ހަމަކޮށް ލީގުގެ ދެވަނައަށް ޖެހިލިއިރު، އެއްވަނައިގައި އުޅޭ ޓޮޓެންހަމް ހޮޓްސްޕާ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ޓޮޓެންހަމް ކުރީގައި އޮތީ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ޗެލްސީ އާއި ހަތަރުވަނައިގައި އޮތް ލެސްޓާ އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. މި ދެ ޓީމުގެ ފަރަގަކީ ވެސް ފައިދާ ގޯލެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމުގެ މުހިއްމު ފަސް ކުޅުންތެރިއަކަށް ނުކުޅެވޭއިރު، ފޯވާޑްލައިންގައި މުހިއްމު ދައުރެއް އަދާކުރާ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމުން ނުކުޅެއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި 21 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ލެސްޓާގެ ޑިފެންޑަރު ޖޮނީ އެވަންސް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މި ހާފުގައި ލެސްޓާގެ ހާވީ ބާންސް އަށް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، ޕެނަލްޓީއޭރިޔާބޭރުން އެ ޓީމުގެ ޔޫރީ ޓީލަމެންސް ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރިއެވެ.

އާސެނަލްއާ ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު ޓުވިޓާ

ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް އެންޑީ ރޮބަޓްސަން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި ގޯލާއެކު ޔޮޓާ ވަނީ އެ ކްލަބުގެ ތާރީޚުގައި އެ ޓީމާ އަލަށް ގުޅުމަށްފަހު ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ދެވަނަ ހާފުގައި ލިވަޕޫލުން ލީޑް ފުޅާކުރުމަށް ކުރި މަސައްކަތުގައި ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ފޮނުވާލި ދެ ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، އެ ޓީމުގެ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އަށް ލިބުނު ދެ ފުރުޞަތުގައި ފޮނުވާލި ދެ ހަމަލާގެ ހުރަހަކަށްވީ ލެސްޓާގެ ކީޕަރު ކެސްޕާ ޝުމެއިކަލް އެވެ. ލިވަޕޫލްގެ ފަހު ލަނޑު، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފިރްމީނޯ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ޖޭމްސް މިލްނާ ތަނަވަސްކުރި ފުރުޞަތަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ފިރްމީނޯ ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި ރޭ ރަށުން ބޭރުގައި ލީޑްސްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު ލަނޑެއްނުޖެހި ދެ ޓީމު އެއްވަރުވެގެން ނިމުނުއިރު، އާސެނަލްގެ ނިކޮލަސް ޕެޕޭ އަށް ރަތެއް ދެއްކުމުން އެ ޓީމުން ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. ޕެޕޭ އަށް ރެފްރީ ރަތް ކާޑު ދެއްކީ ދެވަނަ ހާފުގެ ކުރީކޮޅު، ލީޑްސްގެ އެޒްގްޔާން އަލިއޯސްކީއާ ދެމެދު ހިނގި ހަމަނުޖެހުމަކަށްފަހު ވީއޭއާރްގެ އެހީ ހޯދުމަށްފަހުގައެވެ. މި މެޗުގައި ލީޑްސްގެ ޕެޓްރިކް ބެމްފޯޑްގެ އިތުރުން ރޮޑްރީގޯ މޮރޭނޯ އާއި ރަފީނިއާ ފޮނުވާލި ހަމަލާތައް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، އާސެނަލަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އިނގިރޭސި ޒުވާން ވިންގާ ބުކާޔޯ ސާކާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލީޑްސްގެ ކީޕަރު އިލަން މެލިއޭ އެވެ.

ރެލިގޭޝަނުގައި އޮތް ފުލަމްއާ ދެކޮޅަށް ރަށުން ބޭރުގައި އެވަޓަން މޮޅުވީ 3-2 އިންނެވެ. މި މެޗުގައި އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑުޖެހީ އިނގިރޭސި ފޯވާޑް ޑޮމިނިކް ކެލަވަޓް-ލެވިން އެވެ. އަނެއް ލަނޑުޖެހީ އަބްދުﷲ ޑޮކޫރޭ އެވެ. ފުލަމްގެ ލަނޑުތައް ޖަހައިދިނީ ބޮބީ ޑިކޯޑޮވާ-ރީޑް އާއި ރުބެން ލޮފްޓަސް-ޗީކް އެވެ. ޝެފީލްޑް ޔުނައިޓެޑްގެ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު މެޗުގައި އެ ޓީމަށް ލަނޑުޖަހައިދިނީ ސެބަސްޓިއަން އަލާ އެވެ.