English Edition
Dhivehi Edition
ފޮޓޯ: ސަން.އެމްވީ

ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އެހީތެރިކަން ފޮރުކޮށްދިނުމާއި ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެ ގައުމުން ދިވެހިރާއްޖެއަށް 117 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ނިންމައިފައެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ކަނޑުފޭރުމާ، ހައްދުފަހަނައަޅައި ދިޔުމާ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެޤައުމު އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުުރުން މިނިސްޓަރގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެމްބެސެޑަރ ޔާނާއީ ކުރައްވާ މަސައްކަތްޕުޅުވެސް ފާހަގަކުރެއްވާ ޖަޕާން ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މި އެއްބަސްވުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީން ވިދާޅުވީ، ޖަޕާން ސަރުކާރުގެ މިއެހީގެ ދަށުން ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިތުރުން ސަބް ރީޖަނަލް ސެންޓަރުތަކާ ކޯސްޓްގާޑު އުޅަނދުފަހަރުގެ ގާބިލްކަން އިތުރުކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި، މީހުން ހޯދާ ސަލާމަތްކުރުމުގައި ބޭނުންކުރާނެ އާލަތްތަކުގެ އިތުރުން ކޯސްޓްގާޑަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ހޯދޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ،

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ޖަޕާނުން ވަނީ 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ދަށުން 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ އެހީގެ ދަށުން ޕެރަމެޑިކް އެމްބިއުލާންސް ވަނީ ހަދިޔާކޮށްފައެވެ. މި އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.