ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން ބާސެލޯނާ ބަލިވިއިރު، ވިޔަރެއާލްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 1-1 އިން އެއްވަރުވެއްޖެއެވެ.
ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އުޅޭ ރެއާލް ސޮސިއެޑާޑްއާ އެއްވަރަށް އެތުލެޓިކޯ އަށް 20 ޕޮއިންޓް ލިބިފައިވާއިރު، ސޮސިއެޑާޑް ކުރީގައި އުޅެނީ ޖެހި ގޯލުންނެވެ. ތިންވަނައިގައި އޮތް ވިޔަރެއާލަށް 19 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ރެއާލެވެ. ބާސެލޯނާ އޮތީ 11 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.
ރޭގެ މެޗަކީ އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން އެތުލެޓިކޯ އިން ބާސެލޯނާ ބަލިކުރި ފުރަތަމަ ފަހަރެވެ. އަދި ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އެތުލެޓިކޯ އަތުން ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި ލީގުގައި އެތުލެޓިކޯ އިން ބަލިނުވެ ހަމަކުރި 16 ވަނަ މެޗެވެ.
އެތުލެޓިކޯ އިން ރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މި ފަހަރުގެ ސީޒަނަށް އެ ޓީމަށް ބަދަލުވި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީވެ ނުކުޅެވުމެވެ.
ވަންޑާ މެޓްރޮޕޮލިޓާނޯގައި ރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު އެތުލެޓިކޯ އިން ޖެހި ހަމައެކަނި ގޯލް، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ޔަނިކް ކަރަސްކޯ އެވެ.
މި މެޗުގައި ބާސެލޯނާގެ އިތުބާރު ޑިފެންޑަރު ޖެރާޑް ޕީކޭގެ ކަކުލަށް އަނިޔާވެ ބަދަލުކުރަން ޖެހުމުން އެ ޓީމަށް ހާސްކަން ކުރިމަތިވެފައިވާއިރު، ބާސެލޯނާ އަށް އެއްވަރުކޮށްދޭން ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އެތުލެޓިކޯގެ ކީޕަރު ޔެން އޯބްލަކް އެވެ.
ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ވަނީ ރަށުން ބޭރުގައި 1-1 އިން އެއްވަރުވެފައެވެ. ރެއާލުން ވެސް ރޭގެ މެޗަށްނިކުތްއިރު އަނިޔާގެ ސަބަބުން ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ އިތުރުން ކަރީމް ބެންޒެމާ އާއި ފެޑެރީކޯ ވަލްވާޑޭ އަދި އެޑާ މިލިޓާއޯ ނުކުޅެއެވެ.
މި މެޗުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ޑެނީ ކަރްވަހާލް ދިން ބޯޅައަކުން މަރިއާނޯ ޑިއާޒް ބޮލުން ކާމިޔާބުކުރި ގޯލާއެކު ރެއާލުން މި ހާފު ނިންމާލީ 1-0 އިން ކުރީގައިއޮވެގެންނެވެ. ވިޔަރެއާލުން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ފޯވާޑް ސެމިއުލް ޗުކުވޭޒޭ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ޖެރާޑް މޮރޭނޯ އެވެ. އޭގެފަހުން، ވިޔަރެއާލަށް ތިން ޕޮއިންޓް ކަށަވަރުކުރުމަށް ލިބުނު ފުރުޞަތުގައި މޮރޭނޯ ފޮނުވާލި ބޯޅަ ރެއާލްގެ ޑިފެންޑަރު ރަފައެލް ވަރާން ވަނީ ބްލޮކް ކޮށްފައެވެ.