English Edition
Dhivehi Edition

ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރ ލެބަށް ބޭނުންވާ މުހިންމު ވަސީލަތް ތަކެއް ހަދިޔާ ކޮށްފިއެވެ. މީގެތެރޭގައި ކުޑަ ކުދިންގެ ހިޔާއަށް ބޭނުންވާ 23 ކޮމްޕއުޓަރ ޑެސްކާއި، އިތުރު 5 ކޮމްޕީއުޓަރ ސިސްޓަމާއި ދިރާގު ފައިބަރ 100އެމް އިންޓަނެޓް ކަނެކްޝަންއަކާއި ދިރާގުޓިވީ ކަނެކްޝަން ހަދިޔާކޮށްފައިވެއެވެ. އަދި ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓްގެ އެދުމުގެ މަތިން، ދެ ލެބަށް ބޭނުންވެފައިވާ ބައެއް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ ކުރިންވެސް ދިރާގުން ވަނީ 7 ދިރާގު ޓީވީ ކަނެކްޝަން ކުޑަކުދިންގެ ހިޔާގެ އެކި އެކި ފްލޯ ތަކަށް ހަދިޔާކޮށް އަދި އެ ކުދިންގެ އޮންލައިން ކްލާސްތައް ހިންގުމަށް ދިރާގުން އަންނަނީ ފައިބަރ އިންޓަނެޓްގެ ޚިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.

މިކަމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވިދާޅުވި ގޮތުގައި ދިރާގުން ވޭތުވެދިޔަ 12 އަހަރު ކުޑަކުދިންގެ ހިޔާ އަށް ވެދެމުންދާ ދީލަތި އެހީތެރިކަން ނުހަނު އިހުލާސްތެރިކަމާއެކު ފާހަގަކުރާ ކަމަށާއި. އެ ކުދިންގެ ކިޔެވުމަށާއި، މުނިފޫހިފުލުވުމަށް ދިރާގުން ފޯރުކޮށްދީފައިވާ ދިރާގު ޓީވީ އަދި އިންޓަނެޓަކީ ވަރަށް މުހިންމު ދެ ވަސީލަތް ކަމުގައި އެވެ. އަދި މި ކުދިންގެ ދިރިއުޅުމުގައި ހެޔޮ ބަދަލެއް ގެނެސްދިނުމަށް ދިރާގުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވިއެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންގެ ތައުލީމާއި އަދި ކުރިއެރުމަކީ އެ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށާއި، އެގޮތުން މީގެ ކުރިންވެސް އެ ކުންފުނިން ވަނީ ކުޑަކުދިންގެ ހިޔާތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.

އެގޮތުން ދިރާގުން އެންމެ ފުރަތަމަ ކޮމްޕިއުޓަ ލެބް ކުޑަކުދިންގެ ހިޔާގައި ގާއިމުކުރުމަށް އެހީތެރިވެފައިވަނީ 2013 ވަނަ އަހަރުއެވެ. ހަމަ އެއަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީ އެއްވެސް ގާއުމުކޮށްދީފައިއެވެ. މީގެ އިތުރުން ދިރާގުން ވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު “ފިޔަވަތި”ގައި އިންޓަނެޓްގެ ޚިދުމަތ ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު 4 ކްލާސްރޫމް ގައި ގާއިމުކޮށްދީފައިއެވެ.