އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ނިކުންނައިރު ލިވަޕޫލަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ހުރެ އެ ޓީމުގެ އެއްވެސް ކުޅުންތެރިއެއް އުޒުރު ނުދައްކާނެކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
ލީގުގައި މިހާތަނަށް ކުޅުނު 8 މެޗަށްފަހު ލިވަޕޫލް އުޅެނީ އެއްވަނައިގައި އޮތް ލެސްޓާ އަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެން، 17 ޕޮއިންޓާއެކު ތިންވަނައިގައެވެ.
އެހެންނަމަވެސް، ލިވަޕޫލަށް މި ފަހަރުގެ ސީޒަނުގައި ސީރިއަސް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެ މުހިއްމު ބައެއް ކުޅުންތެރިންނަށް ބާކީ އޮތް ބައިގައި ނުކުޅެވޭނެކަން ކަށަވަރުވެފައިވާއިރު، އެ ޓީމުގެ ފޯވާޑްލައިންގައި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަށް ކޮވިޑްޖެހުމުން ކޯޗު ކްލޮޕަށް ވަނީ އިތުރު ބޮލުގެ ރިހުމެއް ކުރިމަތިވެފައެވެ.
މީގެއިތުރުން، އެންމެ ފަހުން ކުޅެވުނު ބައިނަލްއަގުވާމީ މެޗުތަކަށްފަހު ކުޅުންތެރިން އެނބުރިއައިއިރު އިނގިރޭސި ޓީމަށް ކުޅޭ ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ވަނީ އަނިޔާވެފައެވެ. މިއާއެކު، ލިވަޕޫލްގެ އަނިޔާގައި ތިބި ކުޅުންތެރިންގެ އަދަދު މިވަނީ ހަޔަކަށް އަރާފައެވެ.
އެގޮތުން، އަނިޔާގެ ސަބަބުން އެ ޓީމުގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް އަށް މި ސީޒަނުގައި ދެން ކުޅެވޭނެކަމުގެ ޔަގީންކަން ނެތްއިރު، އިނގިރޭސި ޑިފެންޑަރުން ކަމަށްވާ ޓްރެންޓް އަލެކްސެންޑަ އާނޯލްޑް އަދި ޖޯ ގޯމޭޒްގެ އިތުރުން ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އަދި މި ފަހަރުގެ ސީޒަނަށް އަލަށް ގެނައި ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންތާރާ ވެސް މިވަގުތު ހުރީ އަނިޔާގައެވެ.
ލިވަޕޫލްގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ކްލޮޕް ބުނީ އަނިޔާގެ މައްސަލަތަކަކީ ކޮންމެ ސީޒަނެއްގައިވެސް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެކަމަކު އެއް މަގާމަކަށް ކުޅޭ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވުމަކީ މުޅީން ތަފާތު ކަމެއް ކަމަށް ކްލޮޕް ފާހަގަކުރިއެވެ.
ކްލޮޕް އިތުރަށް ބުނީ މެޗަކަށް ތައްޔާރުވުމަށް ބޭނުންވާ 11 ކުޅުންތެރިން ހަމަވާނަމަ އޭނާގެ ޓީމު ނިކުންނާނީ 3 ޕޮއިންޓް ކަށަވަރުކުރަން ކަމަށެވެ.
“މި ޓީމުގެ ކުޅުންތެރިން މިހާރު ސާބިތުކޮށްދޭންޖެހޭ ކަމެއް ނެތް. މީގެކުރިން އަހަރެމެން އަބަދުވެސް އުނދަގޫ ހާލަތްތަކުން އަރައިގަނެ ކުރިއެރުން ހޯދާފައި އޮތީ،” ކްލޮޕް ބުންޏެވެ.
ކްލޮޕް ނިންމާލަމުން ބުނީ މި ދަނޑިވަޅުގައި ލިވަޕޫލްގެ މުހިއްމު ބައެއް ކުޅުންތެރިންނާއި ނުލައި ކުޅެންޖެހޭތީވެ މެޗާއި މެދު އެ ޓީމަށް އުއްމީދެއްނެތް ކަމަށް އެއްވެސް މީހަކު ގަބޫލުކުރާނަމަ އެއީ އެމީހަކަށް ކުރެވޭ ކުށްހީއެއް ކަމަށެވެ.