English Edition
Dhivehi Edition
ފުވައްމުލައް ސިޓީ - ފޮޓޯ: އޮލިގެ ސްޓޯރ

ސަރުކާރުން ރާއްޖޭގެ ރަށްރަށާއި ރޭވިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓެއް ކަމުގައިވާ “އައިލްސް” އިން ހާމަކޮށްފައިވާ ގޮތުގައި ފުވައްމުލައް ސިޓީގަިއ ހިނގަމުން މިދާ 2020 ވަނަ އަހަރު ވަނީ ޖުމްލަ 24 މަޝްރޫއެއް ހިންގުމަށް ބަޖެޓުގައި ހިމަނައިފައެވެ.

ސަތޭކަ ނުވަދިހަ ތިން މިލިއަން ފަސް ލައްކަ ނުވަދިހަ އަށް ހާސް ހަތް ސަތޭކަ ހަތަރު (193,598,704) ރުފިޔާގެ ބަޖެޓެއް މި އަހަރު ފުވައްމުލަކުގައި މަޝްރޫއުތަށް ހިންގުމަށް ކަނޑައަޅައިފައިވާ އިރު ފުވައްމުލަކުގައި ނިމިފައިވަނީ ޖުމްލަ 4 މަޝްރޫއެވެ. އެއީ ފުވައްމުލަކުގެ ކޮވިޑް ކަރަންޓީން ފެސިލިޓީ އިމާރާތްކުރުމާއި 1500 ހައުސިންގ ޔުނިޓް ފޭސް 2 އިމާރާތްކުރުމުގެ މަޝްރޫއާއި އައި.ޑީ.ބީ އަދި ސަރުކާރުގެ އެހީގައި ފުވައްމުލަކުގެ ބަނދަރު މަރާމާތުކުރުމާއި ފުވައްމުލައް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއު ތަކުގެ ތެރެއިން ފުވައްމުލަކުގެ ކޮވިޑް ކަރަންޓީން ފެސިލިޓީ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިމި މިހާރު ކުރިއަށް ދަނީ ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑްއެވެ. މި ޕީރިއަޑްގައި ތަނުގެ އެއްވެސް ބަޔަކަށް ގެއްލުމެއް ލިބިއްޖެނަމަ އެ ތަނެއް އިމާރާތްކުރި ފަރާތުން އެކަމުގެ ޒިންމާ ނަގާ އެ މައްސަލައެއް ހައްލު ކުރަންޖެހޭނެއެވެ.

މީގެ އިތުރުން ފުވައްމުލަކުގައި އިމާރާތްކުރެވުނު 1500 ހައުސިންގ ޔުނިޓް ފޭސް 2ގެ އަމަލީ މަސައްކަތް ނިމި ހައުސިންގ ޔުނިޓްތަކައް ކަރަންޓް ނަރުދަމާ އަދި ފެނުގެ ހިދުމަތްވެސް ފޯރުކޮށްދީ، ހައުސިން ޔުނިޓްތައް ލިބިފައިވާ ފަރާތްތަކައް ހައުސިންގ ޔުނިޓްތައް ވަނީ މިހާރު ހަވާލުކުރެވިފައެވެ. އަދި މިވަގުތު ކުރިޔަށްދަނީ ހައުސިނގ ޔުނިޓް ތަކުގެ މަރާމާތު ފައިސާ ހަވާލު ކުރުމުގެ މަސައްކަތް ކަމަށްވެސް “އައިލްސް”ގައި ވަނީ ހާމަކޮށްފައެވެ.

ފުވައްމުލަކުގައި މި އަހަރު ކުރިއަށް ގެންދިއުމަށް ކަނޑައެޅުނު މަޝްރޫއު ތަކުގެ ތެރެއިން މަސައްކަތް މިހާރުވެސް ހިނގަމުންދަނީ 4 މަޝްރޫއެއްގެއެވެ. އެގޮތުން ފުވައްމުލައް އެމް.ޖޭ.އެމް ސްކޫލް މަލްޓި ޕާޕަސް ހޯލުގެ މިވަގުތު ކުރިއަށް ދަނީ ރޭޭނުމުގެ މަސައްކަތެވެ. އެގޮތުން އިމާރާތުގެ ތިރީބައި ރާނާ ނިމިފައިވާއިރު އަދި މަތީބައި ނިންމުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުންނެވެ. ފުވައްމުލައް މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އަންނަނީ ފުވައްމުލަކުގެ އެތެރޭގެ މަގުތަކާއި ރިންގް ރޯޑުގެ މަސައްކަތް ކުރެވެމުންނެވެ. ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާއި ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ރިންގްރޯޑު (ޖަމާލުއްދީން ނައިބު ތުއްތު މަގު)ގެ މިހާރު ވަނީ 90 އިންސައްތަ މަސައްކަތް ނިމިފައެވެ. އަދި ފުވައްމުލައް އެތެރޭގެ މަގުތަކުގެ 9 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ 31 މަގެއްގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރެވިގެންދާނެއެވެ.

ފުވައްމުލައް ހޯދަނޑު އަވަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ސަބް ބޭސްގެ ލެވެލިންގ މަސައްކަތް ނިމި ފުޓްބޯޅަދަނޑު ޓާރފް ސަޕްލައިކުރުމާއި އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި މިހާރު ވަނީ ފުޓުބޯޅަދަނޑުގެ ފެންސްގެ މަސައްކަތް އިޢުލާންކުރުމަށް ކައުންސިލަށް ފޮނުވިފައެވެ. ފުވައްމުލަކުގައި މިވަގުތު ހިނގަމުން އަންނަ 4 ވަނަ މަޝްރޫއެއް ކަމުގައިވާ ފުވައްމުލަކު ފްލެޓް ސަރަހައްދުގެ ލޭންޑްސްކޭޕް އަދި ފެންސް ޖެހުމުގެ މަސައްކަތުގެ ފްލެޓް ސަރަހައްދު ވަކިވާނެ ހެން ވަށައިގެން ރޭނޭ ފާރުގެ ކޮންކްރީޓް މަސައްކަތްތަކުގެ 80 އިންސައްތަ ނިމިފައިވާއިރު މިވަގުތު ކުރިއަށްދަނީ ފާރުގެ މަސައްކަތުގެ އިތުރުން ބިންގަނޑު ލެވެލް ކުރުމުގެ މަސައްކަތެވެ.

ފުވައްމުލަކުގައި މި އަހަރު ހިންގުމަށް ނިންމި 5 މަޝްރޫއެއްގެ މަސައްކަތް ވަނީ އެކި ސަބަބުތަކާއި ހެދި ހުއްޓިފައެވެ. އެގޮތުން ހުއްޓިފައިވާ މަޝްރޫއު ތަކުގެ ތެރޭގައި ހިމެނެނީ ފުވައްމުލައް މަސްޖިދުއް ހުދާ އިމާރާތްކުރުމުގެ މަސައްކަތާއި ފުވައްމުލައް ދޫޑިގަން އަވަށުގެ މިސްކިތް އިމާރާތްކުރުމާއި ފުވައްމުލައް ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކުރުމާއި ފުވައްމުލަކުގައި ސިންތެޓިކް ޓްރެކްއެއް ގާއިމުކުރުމުގެ އިތުރުން ފުވައްމުލައް ދޫނޑިގަން އަވަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތެވެ. ފުވައްމުލައް މަސްޖިދުއް ހުދާ އިމާރާތްކުރުން ކޮވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާއިރު ފުވައްމުލައް ދޫޑިގަން އަވަށުގެ މިސްކިތް އިމާރާތްކުރުން ވަނީ އަންނަ އަހަރަށް ފަސްކުރެވިފައެވެ. ފުވައްމުލައް ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކުރުމާއި ފުވައްމުލަކުގައި ސިންތެޓިކް ޓްރެކްއެއް ގާއިމުކުރުމުގެ އިތުރުން ފުވައްމުލައް ދޫނޑިގަން އަވަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއު ފަސްކުރެވިފައިވާ ވަކި ސަބަބެއް އަދި މުއްދަތެއް ހާމަކޮށްފައިނުވާއިރު ފުވައްމުލަކުގައި ހިންގުމަށް ނިންމައި ހުއްޓިފައިވާ 5 މަޝްރޫއުވެސް ވަނީ އަންނަ އަހަރަށް ހުށައެޅުނު ބަޖެޓުގައި ހިމަނައިފައެވެ.

ފުވައްމުލަކުގައި މި އަހަރު ހިންގުމަށް ރޭވިފައިވާ އިތުރު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ފުވައްމުލަކުގައި އައި.ސީ.ޓީ ފެކަލްޓީ އިމާރާތް ޤާއިމް ކުރުމަށް ބޭނުންވާ ބިން ވަނީ ދިރާސާކުރެވިފައެވެ. އަދި މިވަގުތުން މިވަގުތަށް ހިންގަން ބޭނުންވާ ކޯސްތައް ފެށުމަށް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއް ހޯދާފައިވާއިރު މަރާމާތު ކުރުމުގެ މަސައްކަތް ލޮކްޑައުންއާއި ގުޅިގެން ކުރިއަށް ނުގެންދެވިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ފުވައްމުލައް ގުރުއާނާ ބެހޭ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއުގެ މިހާރު ކުރިއަށްދަނީ 26 ނޮވެމްބަރ 2020 އަށް މިސްކިތުގެ މަސައްކަތްތައް އެހެން ފަރާތަކާއި ހަވާލުކުރުމުގެ މަސައްކަތެވެ.

ފުވައްމުލަކުގެ ތައުލީމީ ދާއިރާއަށް މަންފާވާނޭ ފަދައިން މިއަހަރު ހިންގުމަށް ރޭވުނު ފުވައްމުލައް ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުމާއި، ހާފިޒު އަހުމަދު ސްކޫލް 16 ކްލާސްރޫމްގެ 3 ބުރި އިމާރާތް އިމާރާތްކުރުމާއި، މުހައްމަދު ޖަމާލުއްދީން ސްކޫލް 16 ކްލާސްރޫމް އަދި ކޮމްޕިއުޓާރ ލެބް އިމާރާތް ކުރުމާއި ޏ.އަތޮޅު ތައުލީމީ މަރުކަޒު 12 ކްލާސްރޫމް އިމާރާތް ކުރުމުގެ މަޝްރޫއު ޑިޒައިނިންގް މަރުޙަލާގައި އޮތްއިރު 2021 ވަނަ އަހަރަށް ހުށައެޅުނު ބަޖެޓުގައި އެ ހުރިހާތަނެއްވެސް އިމާރާތްކުރުމަށް ވަނީ ހުށައަޅާފައެވެ.

ފުވައްމުލަކުގައި ސްޓޭޓް އޮފް އާރޓް ޓިވެޓް އިންސްޓިޓިއުޝަން ގާއިމްކުރުމުގެ މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިނިން އާއި އާކިޓެކްޗަރަލް ޑިޒައިނިން އަދި ޓެންޑެރިން އާއި ކޮންސްޓްރަކްޓަރެއް ހޯދުމާއި ޑިޒައިން އެވޯޑް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި ބިން ހޯދައި ސައިޓް ވިޒިޓަށް ތައްޔާރުވެފައިވާ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ކުރުމަށް ރާވައިފައިވާ ފުވައްމުލައް ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ޓެންޑަރ މަރުހަލާއަށް ފޮނުވުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. ދިވެހި ސަރުކާރުން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގުމަށް ރޭވިފައިވާ ފުވައްމުލައް ސެންޓްރަލް ފެރީ ޓާރމިނަލް ހެދުމުގެ މަޝްރޫއުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވާއިރު އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 1.8 މިލިއަން ރުފިޔާ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހިމަނައިފައެވެ.

ދިވެހި ސަރުކާރާއި ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީ އަދި ކުވެއިތު ފަންޑުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ފުވައްމުލައް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ޓެންޑަރކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫއަށް މިއަހަރުގެ ބަޖެޓުގައި 29 މިލިއަނަށްވުރެން ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި ހުށައަޅައިފައިވަނީ ފަންސާސް ދެ މިިލިއަން ތިރީސް ތިން ލައްކަ ތިން ހާސް ހަސަތޭކަ ތޭވީސް ރުފިޔާއެވެ.

ފުވައްމުލައް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ދަށުން އެކްސްޓެންޝަން ޢިމާރާތެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮޖެކްޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 12 އޮކްޓޯބަރ 2020 ގައި ޓެންޑަރ ކުރެވި 19 ނޮވެމްބަރ 2020 ގައި ބިޑަށްވަނީ ހުޅުވާލެވިފައެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ 37.4 ބިލިއަން ރުފިޔާގެ ބަޖެޓުގައި އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 15.5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓަކަށްވާއިރު މިއަހަރު ފުވައްމުލަކުގައި ހިންގުމަށް ނިންމި ގިނަ މަޝްރޫއުތަކެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް އެ މަޝްރޫއުތަށް ފެށިގެން ކުރިއަށް ގޮސްދާނެ ކަމާއި މެދު ފުވައްމުލަކުގެ ރައްޔިތުން ކުރާ އުއްމީދު ވަނީ ވަރަށް ކުޑަވެފައެވެ.