English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް - ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޏ. ފުވައްމުލައް ހޮސްޕިޓަލުގެ އައު އިމާރާތް ޑިޒައިން ކޮށް އިމާރާތް ކުރުމުގެ މަސައްކަތް އަދި ރ. އަލިފުށި ސިއްޚީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ފުވައްމުލައްހޮސްޕިޓަލުގެ އައު އިމާރާތް ޑިޒައިން ކޮށް އިމާރާތް ކުރުމުގެ މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހޭނީ 1،400،000ރ. ކަމަށާއި، އަލިފުށި ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބިޑް ސެކިއުރިޓީ އަކީ 400،000ރ. ކަމަށެވެ.

އެ މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން ކަމަށާއި، އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި ރާއްޖެއިންބޭރު ކުންފުނިތަކުން ބީލަން ހުށަހެޅުމުގެ ކުރިން، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަދި ދިވެހިރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓާއި ބެހޭ އެންމެހައި މަޢުލޫމާތު ހޯދަންވާނެ ކަމަސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1،500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 13 އޮކްޓޯބަރު 2020 އިން 3 ޑިސެމްބަރ 2020 އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އެ މިނިސްޓްރީ އަށް ފޮނުވަންޖެހޭނެއެވެ.

އެ މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 15 އޮކްޓޯބަރު 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި އެ ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮޖެކްޓްތަކުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ 6 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.