ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ 8 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތް ތިނަދޫގައި ފަށައިފިއެވެ.
މިއަދު ހަވީރު 16:00 ގައި މި މުބާރާތް ފެއްޓުމުގެ ގޮތުން ބޭއްވުނު ޙާއްސަ ރަސްމިއްޔާތަށް ފަހު، މި މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
މިއީ، ކުޑަ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުޢާން ކިޔެވުމަށް ލޯބި ޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި، ތަޖުވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމުގެ އިތުރުން ކީރިތި ޤުރުއާން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމުގެ މަގްސަދުގައި ބޭއްވޭ މުބާރާތެކެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުން ވެސް މި މުބާރާތުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މުބާރާތަކީ ސްކޫލް، ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކްލާސް، ޕްރީސްކޫލް އަދި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ބަލައިގެން ކިޔެވުން، ނުބަލާ ކިޔެވުން އަދި ޙާފިޡުކަމުގެ ގޮފި ހިމަނައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ޤުރުޢާން ކްލާހެއް ނުވަތަ ސްކޫލެއްގެ މުދައްރިސެއް ކަމުގައި ނުވާ ކޮންމެ ދިވެހިރައްޔިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވި 15 ނޮވެންބަރަށް މުއްދަތު ހަމަވިއިރު، މި މުބާރާތުގައި ބައިވެރިވުމަށް ޖުމުލަ 208 ފޯމު ކައުންސިލް އިދާރާއަށް ލިބިފައިވާކަމަށް މި މުބާރާތް އިންތިޒާމުކުރުމާއި ހަވާލުވެހުރި، ތިނަދޫ ކައުންސިލުގެ އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމެންޓް އޮފިސަރ އާރިފް މުޙައްމަދު ވިދާޅުވިއެވެ.
މިމުބާރާތަށް އިންސާފު ކުރައްވަން ތިނަދޫ ކައުންސިލުން ކަޑައަޅާފައިވާ ފަނޑިޔާރުންނަކީ؛ އަލްޙާފިޒު އަޙްމަދު ފައިސަލް، އަލްފާޟިލް މޫސާ މުޙައްމަދު އަދި އަލްފާޟިލް ޢަބްދުﷲ ޠާލިބެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފި އަދި ނުބަލައި ކިޔެވުމުގެ ގޮފީގައި އިންސާފުކުރާނީ 9 ޢުމުރުފުރާ އަކަށެވެ. އަދި ޙާފިޡު ކަމުގެ ގޮފިން މުބާރާތުގައި ބައިވެރިކުރުމަށް ވަކި އަދަދެއް އަދި ވަކި ޢުމުރުފުރައެއް ކަނޑައެޅިފައި ނުވެއެވެ. މިބައިގައި ކީރިތި ޤުރުއާނުން ވިދިވިދިގެން 10 ފޮތަށްވުރެ މަތިން ދަސްވެފައިވާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެ އެވެ. ނަމަވެސް އެހެން ކެޓަގަރީއެއް ގައި މުބާރާތުގައި ވާދަކުރާ ފަރާތަކަށް ޙާފިޡު ކަމުގެ ގޮފީގައި ބައިވެރިނުވެވޭނެއެވެ.
މުބާރާތް އިންތިޒާރުކުރައްވާ ތިނަދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން އަދި ނުބަލައި ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ ޙާޞިލްކުރައްވާ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ޢުމުރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވެއެވެ.