ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާލުކޮޅު ދަނީ އިތުރަށް ސީރިއަސްވަމުންކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ސަމީރު ވިދާޅުވީ ގާސިމް އިބްރާހީމް ގެއަށް ދޫކުރެވޭ ވަރަށް ވުރެ ހާލު ސީރިއަސް ކަމަށެވެ. މީގެ އިތުރުން ސަމީރު ވިދާޅުވީ ރާއްޖެ އިން ބޭރުން ގާސިމަށް ދޭން ޖެހޭ އަވަސް ފަރުވާ ނުދެވި އައިޖީއެމްއެޗުގައި އޮންނަވަން ޖެހުމަކީ ޑޮކްޓަރުން ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިހާރުވެސް ކުރިއެކޭ އެއްގޮތަށް ޑޮކްޓަރުން ލަފާ ދެއްވަމުން ގެންދަވަނީ ގާސިމަށް އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުއްވުމަށް ސަމީރުވަނީ ވިދާޅުވެފައެވެ
އައިޖީއެމްއެޗުން ގާސިމް ބެއްލެވި، ހިތުގެ ޚާއްސަ ޑރ. އަލީ ޝަފީގް ލަފާ ދެއްވާފައިވަނީ ގާސިމްގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ. މި ހުކުން ކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ.