English Edition
Dhivehi Edition
ހުޅުމާލޭގައި ހުންނަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައި އޮފީސް - ފޮޓޯ: ހުސައިން ވަހީދު (މިހާރު)

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ޕްރޮގްރާމްގައި އަމަލީ ގޮތުން މަސައްކަތް ކުރުމާއިއެކު ކްލާސްރޫމް ސެޝަންތަކެއްވެސް ކުރިއަށް ގެންދެވޭނެ ކަމަށާއި، ބައިވެރިންނަށް އެލަވަންސެއް ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން، އެ ޕްރޮގްރާމް ފުރިހަމަ ކުރައްވާ ކޮންމެ ފަރާތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެ ޕްރޮގްރާމްގެ ދަށުން ތަމްރީން ކުރެވޭނެ ދާއިރާތަކުގެ ތެރޭގައި ގާޑެނިންގ އާއި މޭސަނަރީ އާއި ވެލްޑިންގ އާއި އިލެކްޓްރީޝަންގެ އިތުރުން ހެވީ ވެހިކަލް އޮޕްރޭޓަރ އަދި ސައިޓް ސުޕަވައިޒަރ ފޮރ ބިލްޑިންގ ކޮންސްޓަރަކްޝަން ހިމެނެއެވެ.

އެ ޕްރޮގަރާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ، އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއި، 16 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ރައްޔިތެއްކަމުގައި ވުމާއި، މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން ހިމެނެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ބައިވެރިން ހޮވުމުގައި މިދާއިރާތަކުން ކުރިއަށް ދިޔުމަށް ޤަސްދުކުރާ ފަރާތްތަކަށާއި، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.

އެގޮތުން ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްގައި 60 ފަރާތަކަށް ބައިވެރިވެވޭނެއެވެ. އަދި މުސާރައިގެ ގޮތުގައި މަހަކު 6،000ރ. ލިބޭނެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ އެ ޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް އެ ކޯޕަރޭޝަނުގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައި ދެވޭނެ ކަމަށެވެ.

އެހެންކަމުން އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްރެންޓިސްޝިޕްއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި ލިންކު މެދުވެރިކޮށް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.