English Edition
Dhivehi Edition

ވިޔަފާރިކުރެވޭނެ މަގު، އިހްތިސާސް ކަނޑައެޅުން އަދި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ މަގު ކަނޑައެޅުމަށް ސަރުކާރުން ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެކަމަށް މަޑަވެލީ ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސް ކުރިއަށްގެންދިއުމަށް ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިއްޔެ ފިރުޝާން ވިދާޅުވިގޮތުގައި އެއް އަހަރެއްގެ ތެރޭ ބަޖެޓުގައި ހިމަނައިގެން އެއްވެސް ރަށެއްގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއް ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް ސަރުކާރުން ކޮށް ނުދެވޭކަން ޤަބޫލުކުރެވޭ ކަމަށާއި އެހެންކަމުން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީ.ޕީ.ޕީ.)ގެ ދަށުން ރަށު ކައުންސިލުން ހިންގަން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމުގެ މަގު ފަހިކޮށްދެއްވާ ތަރައްގީއަށް ބޭނުންވާ ކަންކަން ކުރުމުގެ ފުރުސަތުތައް ކައުންސިލްތަކަށް ދޭންޖެހޭކަމަށެވެ.

ސަރުކާރަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަކުރުމަށް ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ބާރުތަކެއް ދިނުމަށް ސަރުކާރަށް ގޮވާލައްވަމުން ސަރަހައްދީ ތަރައްގީ ގެނެވޭނެ ފަދަ ގޮތަކަށް އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ބަޖެޓު އެކުލަވާލުމަށް ވެސް ފިރުޝާން ވަނީ އެދި ލައްވާފައެވެ. 20 މިލިއަންގެ ބަޖެޓެއް ހުވަދުއަތޮޅު ފަދަ ރަށްތައް ގިނަ އަތޮޅެއްގެ އަތޮޅު ކައުންސިލަށް ދިނުން އެއީ އިދާރީ ޚަރަދެއް ކަމަށް ވިދާޅުވެ އޭގެ ބަދަލުގައި ޕީ.ޕީ.ޕީ. މޮޑެލް އަށް. ރަށްރަށުގެ ކައުންސިލުތަކަށް ފުރުސަތުތައް ދެވޭނެ ފަދަ ގޮތަކަށް އަތޮޅު ކައުންސިލުތަކުގެ ބަޖެޓު އެކުލަވާލެވުނު ނަމަ ރަނގަޅުވާނެ ކަމަށް ފިރުޝާން ވަނީ ޚިޔާލުފާޅު ކޮށްފައެވެ.

ކާޑެއްދޫ އެއާޕޯޓާ އިންޓަނޭޝަނަލް ކޮށްދެއްވުމަކީ ރަޢީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވަޢުދުފުޅެއް ކަމަށާއި ފިނޭންސް މިނިސްޓަރ ސަތޭކަ ޕަސެންޓް ޔަގީންކަން ދެއްވާފައި ވީނަމަވެސް މިއަހަރުގެ ބަޖެޓުގައިވެސް އަންނަ އަހަރުގެ ބަޖެޓުގައިވެސް އެ އެއާޕޯޓު ތަރައްޤީކުރުމަށް އެއްވެސް ބަޖެޓެއް ހިމަނާފައިނުވާ ކަން ފިރުޝާން ވަނީ ފާހަގަކޮށްފައެވެ.

މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ބައެއް ދާއިރާތަކުގައި ފެށިފައިނުވާ މަޝްރޫއުތައް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމެނިފައި ނުވާއިރު ބައެއް ދާއިރާތަކުގައި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތައް ނިންމާ އަންނަ އަހަރުގެ ބަޖެޓުގައި މުޅިން އަލަށް ފަށާ މަޝްރޫޢުތައްވެސް ހިމަނާފައިވާ ކަން ފާހަގަކޮށް ދާއިރާތަކުގެ ތަފާތުކުރުން ލަފާކުރެވޭ ބަޖެޓުން ފެންނަން ހުރިކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި ހިމެނުނު މަޝްރޫއުތަކުގެ ތެރެއިން، ނަޑެއްލާ، ހޯޑެއްދޫ އަދި މަޑަވެލީގައި ވެސް ކޮވިޑް-19 އައުމާއި ގުޅިގެން މިއަހަރު އެއްވެސް މަޝްރޫއެއް ފެނިފައިނުވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި މީގެ ތެރެއިން ބައެއް މަޝްރޫއުތައް އުނިވެފައިވާކަމަށް ފިރުޝާން ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތަށް ނުފެށި ހުރި މަޝްރޫއުތަކުގެ ތެރެއިން ނަޑެއްލާގެ ސްޕޯރޓްސް އިންފްރާސްޓްރަކްޗަރ އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ޝަކުވާ ދާއިރާގެ ރައްޔިތުން ކުރަމުންގެންދާ ކަމަށާއި، އެކަންކަން މިއަހަރުގެ ބަޖެޓުގައި ހިމަނައި ދެއްވުމަށް ސަރުކާރަށާއި މަޖިލީހުގައި އެދިލައްވާ ކަން ފިރުޝާން ވަނީ ވިދާޅުވެފައެވެ. އަދި މަޑަވެލި ދާއިރާގެ އެއްވެސް ރަށެއްގައި ފުލުހުންގެ ޚިދުމަތާއި ބޭންކިންގ ހިދުމަތެއްވެސް ނެތްކަން ފާހަގަކޮށް މިފަދަ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިދިނުމަށް ވެސް ފިރުޝާން އެދިލެއްވިއެވެ.

މަޑަވެލީގެ އައިސް ޕްލާންޓް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިހު މަޑަވެއްޔަށް ކުރި ދަތުރުފުޅެއްގައި ވަޢުދުވެ ވަޑައިގެންފައި ވާކަމަށާއި އެކަމާއި ގުޅިގެން މިނިސްޓަރ އޮފް ފިޝަރީޒް އާއި ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަލްފާޟިލާ ޒަހާ ވަހީދު އެއީ ވަޢުދުފުޅެއް ކަމުގައި އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް، ފަހުން ފޯނުގެ ޒަރިއްޔާއިން އެކަން އެނގިވަޑައިގަންނަވާކަމަށް މިނިސްޓަރ ދެންނެވުމާއި ގުޅިގެން އެ މަޝްރޫޢުވެސް ބަޖެޓުގައި ހިމެނޭނެކަމަށް އުއްމީދުކުރެއްވިކަމުގައި ވެސް ފިރުޝާން ވިދާޅުވިއެވެ. ނަމަވެސް އެ މަޝްރޫއުވެސް ބަޖެޓުގައި ހިމަނާފައިނުވާ ކަން ފިރުޝާން ވަނީ ފާހަގަކުރައްވާފައެވެ. އަދި މަޑަވެލީގެ އާބާދީގެ 40 އިންސައްތައަކީ ބޯހިޔާވަހިކަން ނެތި އެއް ގެއެއްގެ ތެރޭ ތޮއްޖެހި ދިރިއުޅެމުންދާ އާއިލާތަކެއް ކަން ފާހަގަކޮށް މިއަހަރުގެ ބަޖެޓުގައި މަޑަވެލީގެ 40 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތުގެ މަޝްރޫއު ހިމެނިފައި ވީނަމަވެސް އެމަސައްކަތް ފެށިފައިނުވާކަންވެސް ފިރުޝާން ފާހަގަކުރެއްވިއެވެ. ރައްޔިތުން ހަމަޖެހިލައިގެން އާއިލާއާއި އެކު ތާހިރު ދިރިއުޅުމެއް އުޅެވޭނެ މަގެއް އޮތުމަކީ މުހިއްމުކަމެއް ކަމުގައިވެސް ފިރުޝާން ވިދާޅުވިއެވެ.

ހޯނޑެއްދޫގައި ނަރުދަމާ ނިޒާމެއް ގާއިމުކުރެވިފައި ނެތުމާއި ގުޅިގެން އެންމެ ފަހުން އިމާރާތްކުރެވުނު ހައުސިންގ ޔުނިޓު ތަކުގައި ދިރިއުޅެވޭނެ ގޮތެއް ނެތްކަން ވެސް ފިރުޝާން ފާހަގަކުރެއްވިއެވެ. އަދި ހޯޑެއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއި ގުޅިގެން އެރަށަށް ގެންނަން ޖެހޭ ބަދަލުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާކަން ފާހަގަކޮށް މިފަދަ ކަންތައް ލަފާކުރާ ބަޖެޓުގައި ހިމަނައި ދެއްވުމަށް ފިރުޝާން އެދިލެއްވީއެވެ.