English Edition
Dhivehi Edition

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފަތުުރުވެރިންނަށް އެހީތެރިވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހެލްޕް ޑެސްކެއް މިއަދު ގާއިމުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ހާމަކުރި ގޮތުގައި މި ޑެސްކު ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އާއި، މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ހަދާފައިވާ ގައިޑްލައިންތަކުގެ މައުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމާއި، ސިއްހީ ހިދުމަތްދޭ އިދާރާތަކާއި ފަތުރުވެރިންނާއި ދެމެދު ހިނގާ މުއާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓޫރިސްޓު ހިދުމަތްދޭ ތަންތަނާއި ޓުރެވެލް އޭޖެންޓުންނާ ފަތުރުވެރިންނާ ދެމެދު ދިމާވާ މައްސަލަތަކަށް އަވަސް ހައްލު ހޯދައި ދިނުމަށް މަގުފަހިކޮށްދިނުމަށެވެ.

މީގެ އިތުރުން އިމިގްރޭޝަން، ކަސްޓަމްސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި އެހެނިހެން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ފަތުރުވެރިންނާ ދެމެދު ހިނގާ މުއާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެއަރލައިން ތަކާއި، ޓޫރިސްޓު ޕޮލިހާއި، ފަތުރުވެރިންނާއި ދެމެދު ހިނގާ މުއާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ އަދި އެހެނިހެން ފަތުރުވެރިންނަަށް އެއަރޕޯޓުގައި ދިމާވެދާނެ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި ހެލްޕް ޑެސްކު ގާއިމުކުރުމުގެ މަގުސަދެއް ކަމުގައި އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީއިން އިތުރަށް ހާމަކުރި ގޮތުގައި މި ހެލްޕް ޑެސްކުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދީ، ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔުމަށް މަގުފަހިވެގެންދާނެއެވެ. އަދި ފަތުރުވެރިން ރާއްޖެ އައިސް، ރާއްޖެއިން ފުރައިގެން ދިއުމުގައި، ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ފަސޭހަކަމާއިއެކު އަމަލުކުރެވި ފަތުރުވެރިންގެ ރައްކައުތެރިކަން، މިހާރަށްވުރެން އިތުރަށް މި ހެލްޕް ޑެސްކުގެ ސަބަބުން ކަށަވަރުވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

މިއަދު ހުޅުވާ ހިދުމަތް ދޭން ފެއްޓުނު މި ހެލްޕް ޑެސްކު އިފްތިތާހުކޮށްދެއްވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއަރޕޯޓުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވައިފައިވާ ބޭފުޅެއްކަމުގައިވާ މުހައްމަދު ޝިޔާމް އެވެ. މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއި، އެއަރޕޯޓުގައި ހަރަކާތްތެރިވާ އެހެނިހެން ކަމާބެހޭ ފަރާތްތަކުންވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބައިލައްކަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.