English Edition
Dhivehi Edition
ފޮޓޯ: ތޮލާލް މުހައްމަދު

2021 ވަނަ އަހަރުގެ ބަޖެޓުގައި ފުވައްމުލައް ސިޓީގެ ތަރައްގީގެ މަޝްރޫއު ހިންގުމަށް ޖުމްލަ 25 މަޝްރޫއަކަށް 115،867،631 (ސަތޭކަ ފަނަރަ މިލިއަން އަށް ލައްކަ ފަސްދޮޅަސް ހަތް ހާސް ހަސަތޭކަ ތިރީސް އެކެއް) ރުފިޔާ ކަނޑައަޅައިފިއެވެ.

ފުވައްމުލައް ސިޓީގެ ތަރައްގީއަށް އަންނަ އަހަރު 15 މަޝްރޫއެއް މުޅިން އަލަށް ފެއްޓުމަށް ބަޖެޓުގައި އެކުލަވާލައިފައިވާއިރު އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަން ކަނޑައަޅައިފައިވަނީ ފުވައްމުލައް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއަކީ މިއަހަރު ފެއްޓުމަށްވެސް ބަޖެޓުގައި ޓެންޑަރކޮށްފައި އިން މަޝްރޫއެކެވެ.

އަންނަ އަހަރު ފުވައްމުލަކުގައި މުޅިން އަލަށް ފެއްޓުމަށް ބަޖެޓުގައި ހިމަނައިފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނައީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ މަޝްރޫއުތަކެވެ. އެގޮތުން އެ އިދާރާއިން ފުވައްމުލަކުގައި އަލަށް ފެއްޓުމަށް ނިންމައިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ސުވިމިންގ ޕޫލް ތަރައްގީ ކުރުމަށް ފަސް މިލިއަން ރުފިޔާ އާއި، ސާރފް ޝެކް ގާއިމުކުރުމަށް ދެލައްކަ ފަންސާސް ހާސް ރުފިޔާ އާއި، ވޮލީކޯޓު ތަރައްގީ ކުރުމަށް ފަސް ލައްކަ ރުފިޔާއެވެ. މީގެއިތުރުން ސްކޭޓިންގ ޕާކް ތަރައްގީ ކުރުމަށް ތިން ލައްކަ ނުވަދިހަ ހާސް ރުފިޔާ އާއި، ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކުރުމަށް އެއް މިލިއަން ހަ ލައްކަ ރުފިޔާ އާއި، އެ ރަށުގެ ދޫނޑިގަން އަވަށު ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމަށް އެއް މިލިއަން އަށް ލައްކަ ހަތްދިހަ ފަސް ހާސް ރުފިޔާ އަދި އެ ރަށުގެ ސިންތެޓިކް ޓްރެކް ތަރައްގީ ކުރުމަށް ތިން މިލިއަން ރުފިޔާ ހަރަދުކުރުމަށް 2021 ވަނަ އަހަރަށް ހުށައެޅުނު ބަޖެޓުގައި ހިމަނައިފައިވެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބެލުމުގެ ދަށުން އެ ރަށުގައި އަންނަ އަހަރު އަލަށް ފެއްޓުމަށް ނިންމައިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ މުހައްމަދު ޖަމާލުއްދީން ސްކޫލުގައި 16 ކްލާސްރޫމް އަދި ކޮމްޕިއުޓަރ ލެބް އިމާރާތެއް އެޅުމަށް ދެ މިލިއަން ފަންސާސް ފަސް ލައްކަ ރުފިޔާ އާއި، ހާފިޒު އަހުމަދު ސްކޫލުގައި 16 ކްލާސްރޫމުގެ 3 ބުރި އިމާރާތެއް އެޅުމަށް ދެ މިލިއަން 4 ލައްކަ ރުފިޔާ އާއި، ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކްލާސްރޫމުގެ އިމާރާތެއް އެޅުމަށް އެއް މިލިއަން އަށް ލައްކަ ރުފިޔާ އަދި ފުވައްމުލައް ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އެޅުމަށް އެއް މިލިއަން ހަތަރު ލައްކަ ރުފިޔާއެވެ.

މީގެ އިތުރުން އަންނަ އަހަރު ފުވައްމުލަކުގައި އަލުން ފެއްޓުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާ ކަންތައްތަކުގެ ތެރޭގައި ފުވައްމުލަކުގައި އައި.ސީ.ޓީ ފެކަލްޓީ އިމާރާތެއް ގާއިމުކުރުމާއި ފުވައްމުލަކުގައި ސްޓޭޓް އޮފް އާރޓް ޓިވެޓް އިންސްޓިޓިއުޝަނެއް ގާއިމުކުރުމާއި ފުވައްމުލައް ހޮސްޕިޓަލް ތަރައްގީ ކުރުން ހިމެނެއެވެ. މީގެ އިތުރުން ފުވައްމުލައް ދޫނޑިގަން އަވަށުގެ މިސްކިތް އިމާރާތްކުރުމަށްވެސް މުޅިން އަލަށް ފައްޓާ މަޝްރޫއެއްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

މިހާރުވެސް ފުވައްމުލަކުގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާ މަޝްރޫއުތަކަކީ ފުވައްމުލައް ފްލެޓް ސަރަހައްދުގެ ލޭންޑްސްކޭޕް އަދި ފެންސު ޖެހުމުގެ މަޝްރޫއާއި، އެ ރަށުގެ މަގު ހެދުމާއި، މުހައްމަދު ޖަމާލުއްދީން ސްކޫލުގެ މަލްޓި ޕާޕަސް ހޯލް ގާއިމްކުރުމާއި އެ ރަށުގެ ހޯދަނޑު އަވަށުގެ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއެވެ.

ފުވައްމުލަކުގެ ކޮވިޑް ފެސިލިޓީ އިމާރާތް ބެލެހެއްޓުމަށް ފަނަރަ ހާސް ހަ ސަތޭކަ ސާޅީސް ހަތަރު ރުފިޔާ ހިމަނައިފައިވާއިރު ފުވައްމުލަކުގެ 3 މަޝްރޫއެއް ޓެންޑަރިންގ ސްޓޭޓަސްގައި އަދި ޕްރީޓެންޑަރިންގ ސްޓޭޓަސްގައި 2 މަޝްރޫއެއް ބަޖެޓުގައި ވަނީ ހިމަނައިފައެވެ. ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، އެ ރަށުގެ މަސްޖިދުލް ހުދާ އިމާރަތްކުރުން އަދި ފުވައްމުލަކުގެ ގުރުއާނާއި ބެހޭ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއު އޮތީ ޓެންޑަރިންގ ސްޓޭޖުގައެވެ. މީގެ އިތުރުން ޕްރީ ޓެންޑަރިންގ ސްޓޭޓަސްގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވަނީ ފުވައްމުލައް ބަނދަރު އަޕްޑޭޓް ކުރުމާއި ފުވައްމުލައް ސެންޓްރަލް ފެރީ ޓާރމިނަލް ހެދުމެވެ.

ފުވައްމުލަކުގެ ތަރައްގީ އަށް އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ހިމެނޭ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތައް މީގެ ކުރިންވެސް ހިންގުމަށް ފާއިތުވި އަހަރުތަކުގެ ބަޖެޓުގައި ހިމެނި އެކަން ނުކުރެވި އަންނަ އަހަރުގެ ބަޖެޓުގައިވެސް އާ މަޝްރޫއެއްގެ ގޮތުގައި ހިމެނިފައިވުމުން އެ ރަށުގެ ގިނަ ރައްޔިތުންތަކެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.