ސްޕެއިނުގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޒުވާން ތަރި އަންސޫ ފާޓީ އަށް އަނިޔާވެ، ހަތަރު މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.
ފާޓީގެ ވާތު ކަކުލަށް އަނިޔާވީ ސްޕެނިޝް ލީގުގައި މިދިޔަ ހޮނިހިރު ދުވަހު 5-2 އިން ރެއާލް ބެޓިސް އަތުން ބާސެލޯނާ މޮޅުވި މެޗުގައެވެ. ސްޕެއިނުގެ މީޑިއާ ހަބަރުތައް ބުނާގޮތުގައި ފަހުން ކުރި ސްކޭނުން ދައްކާގޮތުގައި ފާޓީ އަށް ލިބުނު އަނިޔާ ފުރަތަމަ ހީކުރި ވަރަށް ވުރެން ސީރިއަސްކަން ކުޑައެވެ.
އަދި ކުރިން ބެލެވިފައި އޮތްގޮތުން ކަކުލުގެ މެނިސްކަސް އަށް ލިބިފައިވާ މި އަނިޔާގެ ސަބަބުން ފާޓީ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ހީކުރެވުނު ނަމަވެސް މިހާރު އޮތްގޮތުން އޭނާގެ ރިހެބިލިޓޭޝަނުގައި އިތުރު ގޯސް ކަންތައްތަކެއް ފާހަގަނުކުރެވިއްޖެނަމަ މި ސީޒަނުގައި އޭނާ އަދި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އުމުރުން 18 އަހަރުގެ ފާޓީ އަށް ކުރިމަތިވި އަނިޔާ އަކީ ބާސެލޯނާގެ އިތުރުން ސްޕެއިން ގައުމީ ޓީމަށް ވެސް ލިބުނު ގެއްލުމެކެވެ. މި އަނިޔާގެ ސަބަބުން ފާޓީ ވަނީ މިހާރު ކުރިއަށްދާ ޔުއެފާ ނޭޝަންސް ލީގުގައި ކުރިއަށް މެޗުތަކަށް ނެގި ސްޕެއިނުގެ ސްކޮޑުން ބާކީކޮށްފައެވެ.
ފާޓީގެ އަނިޔާއާ ގުޅޭގޮތުން ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ވަނީ ވަރުގަދަކޮށް އެނބުރިއައުމަށް އޭނާ އަށް ހިތްވަރުދީފައެވެ. މިދިޔަ އަހަރު ސްޕެއިނަށް ރަށްވެހިކަން ބަދަލުކުރި ފާޓީ އަންނަނީ ފަހަކަށް އައިސް ސްޕެއިނުގެ ސީނިއާ ގައުމީ ޓީމާއެކު ކުޅެންލިބޭ ފުރުޞަތުތަކުގައި ރަނގަޅު ކުޅުމެއްދައްކަމުންނެވެ.
ބާސެލޯނާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ފޯވާޑްލައިންގެ ވާތުފަޅީގައި ތަފާތު މޮޅުކުޅުމެއް ދައްކަމުން އަންނަ ފާޓީ ވަނީ މި ސީޒަނުގައި ކުޅުނު 10 މެޗުގައި ހަ ގޯލު ޖަހައި، އިތުރު ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. އަދި މިހާތަނަށްއައިއިރު ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެދިން 43 މެޗުގައި ވަނީ 13 ލަނޑުޖަހާފައެވެ.
ފާޓީގެ ބަދަލުގައި ބާސެލޯނާ ޓީމުގައި އޭނާ ނެތްތަން ފޫބައްދާނީ ސީދާ ކޮން ކުޅުންތެރިއެއް ކަމަށް ޔަގީންކަމާއެކު ބުނަންނޭނގުނު ނަމަވެސް ބެލެވޭގޮތުގައި ކޯޗު ކޫމަން އެ މަގާމަށް ކުޅުވާނީ އޮސްމާނޭ ޑެމްބެލޭ ނުވަތަ މާޓިން ބްރައިތުވެއިޓް އެވެ. އެ ޓީމުގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ހިމެނެއެވެ.