ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ވެލެންސިއާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވުމުގެ ޒިންމާ ނަގާ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ. ރެއާލް މި މެޗުން ބަލިވީ 4-1 އިންނެވެ.
“ރޭގެ މެޗުގައި އަހަރެމެން ކުރީކޮޅު ލީޑުނެގުމާއެކު މާބޮޑަށް ފަސޭހަކޮށްލުމުން ނަތީޖާ މިގޮތަށް ނިކުތީ. ބަލިވުމުން ދެއްކޭނެ އުޒުރެއްވެސް ނެތް،”
“މި މެޗުގައި ހިނގާދިޔަ ކަންތައްތައް ދެނެގަންނަން އުނދަގޫ. އަނެއްކޮޅުން ވެލެންސިއާ އިން ރޭގެ މެޗުގައި ޓެކްޓިކަލީ އަހަރެމެންނަށްވުރެ ރަނގަޅުކަމަށް ނުދެކެން.” މެޗަށްފަހު ދިން އިންޓަވިއުގައި ޒިދާން ބުންޏެވެ.
ވެލެންސިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި ކަރީމް ބެންޒެމާގެ ގޯލުން ރެއާލް ލީޑުނަގާފައިވަނިކޮށް، މެޗުގެ 35 ވަނަ މިނެޓުގައި ވެލެންސިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކާލޮސް ސޮލެއާ އެވެ. އޭގެ އަށް މިނެޓުފަހުން އެ ޓީމުން ޖެހި ދެވަނަ ލަނޑަކީ ރެއާލްގެ ޑިފެންޑަރު ރަފައެލް ވަރާން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.އޭގެފަހުން، މެޗުގެ 54 އާއި 63 ވަނަ މިނެޓުގައި ސޮލެއާ ވަނީ އިތުރު ދެ ޕެނަލްޓީ ކާމިޔާބުކޮށް ވެލެންސިއާ އަށް ފުރިހަމަ މޮޅެއް ކަށަވަރުކޮށްދީފައެވެ.
މީގެއިތުރުން، ރޭގެ މެޗުގައި ދުވަސްތަކަކަށްފަހު ސްޕެއިނުގެ މިޑްފީލްޑަރު އިސްކޯ އާއި ބްރެޒިލްގެ ފުލްބެކް މާސެލޯ ރެއާލްގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވުމުން ގިނަބައެއްގެ ސުވާލުތަކެއް އަމާޒުވުމުން ޒިދާން ބުނީ އެކަމާ ހައިރާންވާންނުޖެހޭ ކަމަށާއި، އެއީ ރެއާލްގެ ކުޅުންތެރިންކަމަށާއި އެހެންކަމުން ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނެންނުޖެހޭންވީ ސަބަބެއް ނެތް ކަމަށެވެ.
ރޭގެ މެޗުން ބަލިވުމުން ރެއާލަށް ވަނީ ދެވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ. މިއާއެކު އެ ޓީމު އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު ހަތަރު ވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތީ ނުވަ މެޗުން 20 ޕޮއިންޓާ އެކު ރެއާލް ސޮސިއެޑާޑެވެ. އަދި ދެވަނައިގައި އޮތީ ނުވަ މެޗުން 18 ޕޮއިންޓާ އެކު ވިޔަރެއާލެވެ. ރޭގެ މެޗުން ހޯދީ މޮޅާއެކު ވެލެންސިއާ އޮތީ ނުވަ މެޗުން 11 ޕޮއިންޓާއެކު ނުވަވަނައިގައެވެ.