English Edition
Dhivehi Edition
ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ. --ފޮޓޯ: ޓުވިޓާ

އިޓާލިއަން ސެރިއޭގައި އިއްޔެ ކުޅެވުނު އެންމެ ވަރުގަދަ މެޗުގައި ރަށުން ބޭރުގައި ލާޒިއޯއާ ދެކޮޅަށް ކުޅެ ޔުވެންޓަސް 1-1 އިން އެއްވަރުވިއިރު، އެ ޓީމުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް ވަނީ 13 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނަ އަށް ވެއްޓިފައެވެ. ލީގުގެ އެއްވަނައިގައި އޮތް އޭސީ މިލާނަށް 17 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސަސުއޯލޯ އެވެ. ތިންވަނައިގައި އޮތް ނަޕޯލީ އާއި ހަތަރުވަނައިގައި އޮތް އޭއެސް ރޯމާ އަށް 14 ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ޔުވެންޓަސްއާ އެއްވަރުވި ލާޒިއޯ އޮތީ 11 ޕޮއިންޓާއެކު ލީގުގެ ނުވަވަނައިގައެވެ.

ލާޒިއޯގެ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އެ ޓީމުން އުފެއްދިނަމަވެސް ކުރީން ލީޑްނެގީ ޔުވެންޓަސް އިންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ރޮނާލްޑޯ މިލަނޑުޖަހައިދިނީ އެ ޓީމުގެ ކޮލަމްބިއާ މިޑްފީލްޑަރު ހުއާން ކުއަޑްރާޑޯ ދިން ރީތި ބޯޅައަކުންނެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމުމުގެ ކުރީން ޔުވެންޓަސްގެ ލީޑް ފުޅާކުރުމަށް ރޮނާލްޑޯ އަށް ލިބުނު ތިން ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. އެގޮތުން، މެޗުގެ 37 ވަނަ މިނެޓުގައި ގޯލާއި 25 ޔާޑުދުރުން ރޮނާލްޑޯ ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށްދިޔައިރު، އޭގެ ފަސް މިނެޓުފަހުން ލާޒިއޯގެ ޕެނަލްޓީއޭރިޔާތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ. އަދި އޭގެފަހުން، މި ހާފުގެ އިތުރުވަގުތުގައި ރޮނާލްޑޯ ފޮނުވާލި ބޯޅަ ލާޒިއޯގެ ކީޕަރު ޕެޕޭ ރެއިނާ މަތަކުރިއެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސްގެ މިޑްފީލްޑަރު އެޑްރިއެން ރަބިއޯ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، ލާޒިއޯގެ އެޑަމް މަރުސިޗަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލަން ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާލެވޭގޮތް ނުވުމުން ޔުވެންޓަސްގެ ކީޕަރު ވޮޝިއެކް ޝެޒްނީ މަތަކުރިއެވެ. ލާޒިއޯ އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރުވަގުތުގައި ވަކީން ކޮރެއާ ދިން ބޯޅައަކުން ފެލިއްޕޭ ކައިސޭޑޯ ކާމިޔާބުކުރި ގޯލުންނެވެ.

ހެލަސް ވެރޯނާއާ ދެކޮޅަށް އޭސީ މިލާން ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

މެޗަށްފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ ބުނީ އޭނާގެ ޓީމުން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި އެކަމަކު ނަތީޖާ މިގޮތަށް ނިކުތުމުން ތައްޓަށް ކުރާ އުއްމީދުތަކަށް ކޮންމެވެސް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރޮނާލްޑޯ އަށް އަނިޔާވުމަކީ އޭނާ ކުޅެމުން އަންނަ ކޮންމެ ޓީމަކަށްވެސް ލިބޭނެ ބޮޑު ދެރައެއްކަމަށް ޕިރްލޯ ސިފަކުރިއެވެ.

ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި، ރަށުން ބޭރުގައި އިންޓަ ވަނީ 1-1 އިން އެޓަލާންޓާއާ އެއްވަރުވެފައެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އިންޓަގެ ފޯވާޑް ލޮޓާރޯ މާޓިނޭޒް ވައްދާލި ލަނޑުން ލީޑްނަގާފައިވަނިކޮށް އެޓަލާންޓާ އިން އެއްވަރުކުރީ މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް އަލެކްސީ މިރަންޗުކް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ބައެއް އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ތާވަލްގެ އެންމެ ކުރީގައި އުޅޭ އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި 2-2 އިން ހެލަސް ވެރޯނާއާ އެއްވަރުވެފައެވެ. ވެރޯނާ އިން މި މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ދެލަނޑުގެ ލީޑެއްނަގާފައިވަނިކޮށް، މިލާނުން ފުރަތަމަ ހާފުގައި ކާމިޔާބުކުރި ގޯލާއެކު ނިންމާލީ 2-1 އިން ފަހަތުގައި އޮވެގެންނެވެ. މިލާނަށް މި މެޗުން ޕޮއިންޓެއް ހޯދައިދިނީ އިތުރުވަގުތުގައި ޒަލަޓާން އިބްރާހިމޮވިޗް ކާމިޔާބުކުރި ލަނޑުންނެވެ. އޭގެކުރީން، މިލާނަށް ނަތީޖާ އެއްވަރުކުރުމަށް ރަނުގެ ފުރުޞަތެއްލިބި އޭނާ އަތުން ވަނީ ބޭކާރުވެފައެވެ. އެގޮތުން، މެޗުގެ މެޗުގެ 66 ވަނަ މިނިޓުގައި އިބްރާހިމޮވިޗް ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.

ރަށުން ބޭރުގައި ޖެނޯއާ އަތުން 3-1 އިން ރޯމާ މޮޅުވިއިރު، އެ ޓީމުގެ ތިން ލަނޑުވެސް ޖަހައިދިނީ އާމީނިއާގެ ވިންގާ ހެންރިކް މިކިތާރިޔަން އެވެ. ޖެނޯއާގެ ހަމައެކަނި ލަނޑުޖަހައިދިނީ މާކޯ ޕިޔާޗާ އެވެ. ބޮލޯނިއާގެ ދަނޑުގައި އެ ޓީމުގެ މައްޗަށް ނަޕޯލީ 1-0 އިން ކުރިހޯދިއިރު، މި މެޗުގެ ހަމައެކަނި ލަނޑުޖަހައިދިނީ ވިކްޓަ އޮސިމްހެން އެވެ.