އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ވުލްވްސް އަތުން 1-0 އިން މޮޅުވެ ލެސްޓާ ސިޓީ ވަނީ ތާވަލްގެ އެއްވަނަ އަށް ޖެހިލާފައެވެ.
ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އޮތް ލެސްޓާ އަށް 18 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ޓޮޓެންހަމް ހޮޓްސްޕާ އޮތްއިރު، ތިންވަނައިގައި އޮތް ލިވަޕޫލަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ޓޮޓެންހަމަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ސައުތެމްޓަނަށް 16 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އޮތީ 12 ޕޮއިންޓާއެކު 10 ވަނައިގައެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ލިވަޕޫލުން ރަނގަޅަށް ކުޅެމުންދިޔައިރު، ކުރީން ލީޑްނެގީވެސް އެ ޓީމުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު އެ ޓީމަށް ޖަހައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ އެ ޓީމުގެ ސަޑިއޯ މާނޭ އަށް ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ސިޓީން އެއްވަރުކުރި ލަނޑުޖެހީ މެޗުގެ 31 ވަނަ މިނެޓުގައި ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ދިން ޕާހަކުން ގެބްރިއެލް ޖެސޫސް އެވެ. އޭގެފަހުން، މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ސިޓީ އަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދޭން ޑިބްރޭނާ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒް އަތުގައި ޕެނަލްޓީއޭރިޔާތެރެއިން ޖެހުނު ބޯޅައެއްގައި ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީ ޑިބްރޭނާ ފޮނުވާލުމުން ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށްވެސް މާ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފުލްބެކް ޔާއޯ ކަންސޭލޯ ނަގައިދިން ހުރަހަކުން ޖެސޫސް ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށްދިޔައިރު، ލިވަޕޫލަށް ލިބުނު ފުރުޞަތުގައި ރޮބާޓޯ ފިރްމީނޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.
ލީގުގައި ރޭ ލެސްޓާ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި އެ ޓީމުން ވުލްވްސް ކޮޅަށް ވައްދާލި ހަމައެކަނި ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޖެމީ ވާޑީ އެވެ. ލެސްޓާގެ ލީޑް ފުޅާކުރުމަށް ވާޑީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ދެވަނަ ޕެނަލްޓީ ވުލްވްސްގެ ޕޯޗުގީޒް ކީޕަރު ރުއީ ޕެޓްރީޝިއޯ މަތަކުރިއެވެ.
މި މުބާރާތުގައި ވެސްޓް ބްރޮމްވިޗް އެލްބިއަންގެ ދަނޑުގައި ޓޮޓެންހަމް ކުޅުނު މެޗުން 1-0 އިން މޮޅުވިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ. މިއީ ލީގުގައި އެ ޓީމަށް އޭނާ ޖަހައިދިން 150 ގޯލެވެ.
އާސެނަލް ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 3-0 އިން އެސްޓަން ވިލާ އަތުން ބަލިވިއިރު، މި ފަހަރުގެ ސީޒަނަށް ވިލާއާ އަލަށް ގުޅުނު ފޯވާޑް އޮލީ ވޮޓްކިންސް ދެލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑަކީ އާސެނަލްގެ ޒުވާން ވިންގާ ބުކާޔޯ ސާކާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި މެޗުން ބަލިވެ، އާސެނަލް ވަނީ 12 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައަށް ވެއްޓިފައެވެ. ވިލާ ވަނީ ހަތް މެޗުން 15 ޕޮއިންޓް ހަމަކޮށް ލީގުގެ ހަވަނަ އަށް ޖެހިލާފައެވެ.