English Edition
Dhivehi Edition
ގދ. އަތޮޅު ކައުންސިލުން މަރަދޫ ބޯޅަދަޑި ބީޗަށް ޒިޔާރަތް ކުރުން - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ގދ. އަތޮޅު ކައުންސިލްގެ މެންބަރުން އައްޑޫ ސިޓީގެ ބީޗްތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

އެގޮތުން ގދ. އަތޮޅު ކައުންސިލުން އައްޑޫ އަށް މިހާރު ކުރައްވަމުން ގެންދަވާ ތަޖުރިބާ ދަތުރުގެ ތެރެއިން މިއަދު ވަނީ އައްޑޫ ސިޓީ ފޭދޫ އާއި މަރަދޫފޭދޫގެ އިތުރުން މަރަދޫގެ ބީޗްތަކަށް ޒިޔާރަތްކޮށް، އެތަންތަން ބައްލަވާލައްވައިފައެވެ.

މިއަދު އެ ބޭފުޅުން ޒިޔާރަތްކުރެއްވި ބީޗްތަކުގެ ތެރޭގައި ފޭދޫ ރަށިކެޑަ ބީޗާއި، ފޭދޫ ސަންސެޓް ބީޗާއި، މަރަދޫފޭދޫ ރަށިކެޑަ ބީޗް އަދި މަރަދޫފޭދޫ ރާވަޅި އަތިރި ބީޗާއި، މަރަދޫ އެންމެންގެ އަތިރި ބީޗްގެ އިތުރުން މަރަދޫ އެޅާނޑި ފަންނާއި މަރަދޫ ބޯޅަދަޑި ބީޗު ހިމެނެއެވެ.

މީގެ ތެރެއިން މަރަދޫ ބޯޅަދަޑި ބީޗުން ވަނީ ގދ. އަތޮޅު ކައުންސިލަށް މަރުޙަބާ ކިޔުމުގެ ގޮތުން ޚާއްސަ ސައެއް ތައްޔާރުކޮށްފައެވެ. އެކަމަށްޓަކައި ސިޓީ ކައުންސިލުން ވަނީ އެ ބީޗުގެ ކަންކަން އިންތިޒާމުކޮށް ބަލަހައްޓަމުން ގެންދާ ޓީމަށް ޝުކުރު ދަންނަވައިފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން “އޭއޯ ނިއުސް” އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ގދ. އަތޮޅު ކައުންސިލްގެ މެންބަރުން ވަނީ އިއްޔެ އައްޑޫ ސިޓީ ހިތަދޫގައި ހަދާފައިވާ ކަނބިހާ ބީޗަށްވެސް ޒިޔާރަތްކުރައްވައިފައެވެ.

ނޮވެންބަރު މަހުގެ 02 ވަނަ ދުވަހު ގދ. އަތޮޅު ކައުންސިލުން އައްޑޫ ސިޓީ އަށް ފެއްޓެވި މި ދަތުރު ނިންމަވާލެއްވުމަށްފަހު ފުރުމަށް ހަމަޖެހިފައި ވަނީ ނޮވެންބަރު 10 ވަނަ ދުވަހު އެވެ.