English Edition
Dhivehi Edition
25 ޖަނަވަރީ 2020: ޤައުމީ ސްކައުޓް އެސެމްބްލީ 2020 - ފޮޓޯ: ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފޭސްބުކް)

ޤައުމީ ސްކައުޓް އެސެންބްލީގެ 2020ވަނަ އަހަރުގެ ފުރަތަމަ ޚާއްސަ ޖަލްސާ މި ހިނގާ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ޖަލްސާއަށް ޙާޟިރުވެ ބައިވެރިވެވޭނީ 2019 ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކާފައިވާ ސްކައުޓް ގުރޫޕުތަކުގެ މަންދޫބުންނަށް ކަމަށެވެ. އެގޮތުން އެ ޖަލްސާ އޮންނާނީ ނޮވެންބަރު 27 ވާ ހުކުރު ދުވަހުގެ 16:00 ގައި އޮންލައިންކޮށް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އަދި އޮންލައިންކޮށް ބައިވެރިވުމުގެ ތަފްސީލްތައް ވަކިން ހިއްސާ ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ޖަލްސާގައި ސްކައުޓް އެސޯސިއޭޝަނުގެ ޚަޒާންދާރު އިސްތިއުފާ ދެއްވާފައިވާތީ، އެސޯސިއޭޝަނުގެ ހިންގާ ގަވާޢިދާ އެއްގޮތަށް އެ މަގާމަށް އައްޔަނުކޮށްފައިވާ ފަރާތް އެ މަގާމުގައި ދެމިހުރުމާމެދު އެސެންބްލީއަށް ފެންނަ ގޮތެއް ނިންމާނެއެވެ. އަދި އުމީ ސްކައުޓް ކައުންސިލްގެ ދައުރުގެ މުއްދަތު ހަމަވާ ތާރީޚަކީ 27 ސެޕްޓެމްބަރ 2021 ކަމަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރ ނިންމަވާފައިވާތީ އާއި، ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން ސްކައުޓް ހަރަކާތް މަޑުޖެހުމާއި އަދި މިދަނޑިވަޅުގައި އައު އިންތިޚާބެއް ބޭއްވުން ދަތި ވާނެތީ ގައުމީ ސްކައުޓް ކައުންސިލްގެ ދައުރު އިތުރުކުރުމާމެދު އެސެންބްލީއަށް ފެންނަ ގޮތެއްވެސް ނިންމާނެއެވެ.

ސްކައުޓް އެސޯސިއޭޝަނުން ބުނީ އެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ލިޔެކިޔުންތައް 2020 ނޮވެމްބަރ 23 ވަނަ ދުވަހުގެ ނިޔަލަށް ޢާއްމު ކުރެވޭނެ ކަމަށެވެ.