English Edition
Dhivehi Edition
ބަލްގޭރިއާގެ ލުޑޮގޮރެޓްސްގެ ގޯލަށް އަމާޒުކޮށް ޓޮޓެންހަމް ހޮޓްސްޕާގެ ފޯވާޑް ހެރީ ކޭން (ވ) ބޯޅައެއް ފޮނުވާލަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ބަލްގޭރިއާގެ ލުޑޮގޮރެޓްސް ކޮޅަށް އިނގިރޭސި ފޯވާޑް ހެރީ ކޭން ވައްދާލި 200 ވަނަ ލަނޑަކާއެކު ޓޮޓެންހަމް ހޮޓްސްޕާ 3-1 އިން މޮޅުވިއިރު، ޔޫރަޕްގެ ގަދަ ބާރެއްކަމަށްވާ ޕޯޗުގަލްގެ ބެންފީކާ ވަނީ 3-3 އިން ސްކޮޓްލެންޑްގެ ރޭންޖާސްއާ އެއްވަރުވެފައެވެ.

މި މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް އަތުން 1-0 އިން ބަލިވެފައިވުމުން ރޭގެ މެޗަށް ޓޮޓެންހަމް ނިކުތީ ނިސްބަތުން ވަރުގަދަ ޓީމަކާއެކު އެވެ. އޭގެނަތީޖާއެއްގެ ގޮތުން ރޭގެ މެޗުގެ 13 ވަނަ މިނެޓުގައި އިތުބާރު ފޯވާޑް ހެރީ ކޭން ވަނީ ލީޑްނަގައިދީފައެވެ. މި ގޯލާއެކު ކޭން ވަނީ ޓޮޓެންހަމަށް ކުޅެދިން 300 މެޗުގައި 200 ގޯލް ހަމަކޮށްފައެވެ. ކޭން އަށް ވުރެ ގިނައިން ޓޮޓެންހަމަށް ލަނޑުޖަހައިދީފައިވާ ޖިމީ ރީވްސް 266 ގޯލް ޖަހާފައިވާއިރު، ދެވަނައިގައި އުޅޭ ބޮބީ ސްމިތު ވަނީ 208 ލަނޑުޖަހައިދީފައެވެ.

ރޭގެ މެޗުގެ ޓޮޓެންހަމުން ޖެހި ދެވަނަ ގޯލް، ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޫކަސް މޯރާ އެވެ. މިއާއެކު 2-0 ގެ ލީޑަކާއެކު ޓޮޓެންހަމް ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ލުޑޮގޮރެޓްސްގެ ކްލައުޑިއު ކެސޭރޫ ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. އޭގެފަހުން، މެޗުގެ 62 ވަނަ މިނެޓުގައި އާޖެންޓީނާގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ ވައްދާލި ލަނޑުން ޓޮޓެންހަމް ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

ރޭގެ ނަތީޖާތަކަށްފަހު ޓޮޓެންހަމް ވަނީ ގްރޫޕް ޖޭގެ އެއްވަނަ އަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް އެންޓްވާޕް އާއި ތިންވަނައިގައި އޮތް ލާސްކް އަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ރެކޯޑުންނެވެ.

ބެންފީކާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ މިނެޓުގައި ރޭންޖާސްގެ ކޮނާ ގޯލްޑްސަން އަތުން ބައިކޮޅަށް ވަތް ގޯލަކުން ލީޑްނަގާފައިވަނިކޮށް، އެ ޓީމުގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އަށް ދެއްކި ރަތް ކާޑާއެކު މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އޭގެ ފައިދާނަގައި ރޭންޖާސް ވަނީ ފަހަތުންއަރައި ތިން ލަނޑުޖަހާފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑަކީ ބެންފީކާގެ ކުޕީޑޯ ގޮންކާލްވެސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އޭގެ މިނެޓެއްފަހުން ގްލެން ކަމާރާ ކާމިޔާބުކުރި ގޯލުން ރޭންޖާސް ލީޑްނަގާފައިވާއިރު، ދެވަނަ ހާފުގެ ކުރީކޮޅު އަލްފްރެޑޯ މޮރޭލޯސް ވަނީ އެ ޓީމަށް ލީޑް އިތުރަށް ފުޅާކޮށްދީފައެވެ.

ރޭންޖާސްއާ ދެކޮޅަށް ބެންފީކާ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޔުއެފާ.ކޮމް

ލިވަޕޫލް އަދި އިނގިރޭސި ކުރީގެ މިޑްފީލްޑަރު ސްޓީވެން ޖެރާޑްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރޭންޖާސް އަށް މި މެޗުން ތިން ޕޮއިންޓް ގެއްލުނީ ފަހު 13 މިނެޓުގެ ތެރޭގައި ބެންފީކާ އިން ދެލަނޑު ޖެހުމުންނެވެ. އެގޮތުން، މެޗުގެ 77 ވަނަ މިނެޓުގައި ރަފާ ސިލްވާ ކާމިޔާބުކުރި ގޯލުން ބެންފީކާ ފަރަގުކުޑަކުރިއިރު، މެޗުގެ އިތުރުވަގުތުގައި އެ ޓީމަށް ޕޮއިންޓެއް ހޯދައިދިނީ ޑާވިން ނޫނޭޒް އެވެ.

ޔުރޮޕާ ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ރޫމޭނިއާގެ ސީއެފްއާރް ކްލޫޖް އަތުން 5-0 އިން އިޓަލީގެ އޭއެސް ރޯމާ މޮޅުވިއިރު، ސްޕެނިޝް ލީގުގެ ތާވަލްގެ އެންމެ ކުރީގައި އުޅޭ ރެއާލް ސޮސިއެޑާޑް ވަނީ 1-0 އިން ނެދަލެންޑްސްގެ އޭޒެޑް އަލްކްމާރް ބަލިކޮށްފައެވެ.

ކްރޮއޭޝިއާގެ ރިޔެކާ އަތުން ނަޕޯލީ 2-1 އިން މޮޅުވިއިރު، މި މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު އުނާއި އެމެރީގެ ކޯޗުކަމުގައި ކުޅެމުން އަންނަ ވިޔަރެއާލުން ވަނީ އިޒްރޭލްގެ މެކަބީ ޓެލް އަވީވް އަތުން 4-0 އިން މޮޅުވެފައެވެ. ޖަރުމަނުގެ ހޮފެންހެއިމް ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޗެކްރިޕަބްލިކްގެ ލިބެރެޗް ބަލިކޮށްފައެވެ.