English Edition
Dhivehi Edition
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ޔުވެންޓަސް އަދި ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވެއްޖެއެވެ.

ޔޫކްރޭންގެ ޑައިނަމޯ ކިއޭވް އަތުން އަމިއްލަ ދަނޑުގައި ބާސެލޯނާ މޮޅުވީ 2-1 އިންނެވެ. ރަށުން ބޭރުގައި ހަންގޭރީގެ ފެރެންޝްވަރޯސް އަތުން 4-1 އިން ޔުވެންޓަސް މޮޅުވިއިރު، ޑޯޓްމަންޑް ވަނީ ބެލްޖިއަމްގައި ކްލަބް ބްރޫޖް 3-0 އިން ބަލިކޮށްފައެވެ.

ރޭގެ ނަތީޖާއާއެކު ބާސެލޯނާ ވަނީ ސައްތައިގެ ރެކޯޑަކާއެކު ގްރޫޕުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މިހާތަނަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓާއެކު ބާސެލޯނާ އެއްވަނައިގައި އޮތްއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޔުވެންޓަސް އެވެ. ތިންވަނައިގައި އޮތް ކިއޭވް އާއި ފުލުގައި އުޅޭ ފެރެންޝްވަރޯސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ގައި ރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލީޑްނަގައިދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ މެސީ އަށް ކިއޭވްގެ ޑެނީސް ޕޮޕޯފް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު މެސީ ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 71 ލަނޑުޖަހައި ރެކޯޑެއް ގާއިމްކޮށްފައެވެ.

ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ބާސެލޯނާ އިން ރޭގެ މެޗުގައި ޖެހި ދެވަނަ ލަނޑު، މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެރާޑް ޕީކޭ އެވެ. މިއީ އެ ޓީމުގެ ޒުވާން ފޯވާޑް އަންސޫ ފާޓީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ޕީކޭ ކާމިޔާބުކުރި ގޯލެކެވެ. އޭގެ 10 މިނެޓުފަހުން، ކިއޭވްގެ ވިކްޓޮ ސިގަންކޯވް ވަނީ ފަރަގު ކުޑަކޮށްދީފައެވެ.

މި ގްރޫޕުގައި ރޭ ކުޅެވުނު އަނެއް މެޗުގައި ފެރެންޝްވަރޯސް ކޮޅަށް ޔުވެންޓަސް އިން ޖެހި ހަތަރު ގޯލްގެ ތެރެއިން ދެލަނޑުޖަހައިދިނީ ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. އަނެއް ގޯލް ޕައޮލޯ ޑީބާލާ ޖެހިއިރު ފަހު ގޯލަކީ ފެރެންޝްވަރޯސް ލަޝާ ޑުވާލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ފެރެންޝްވަރޯސް އިން ޖެހި ހަމައެކަނި ލަނޑު، މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރޭންކް ބޮލީ އެވެ. މި މެޗުގައި ޔުވެންޓަސްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނުއިރު ގޯލެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް، ރޮނާލްޑޯ ވަނީ ގޯލެއް ޖެހުމަށް އެހީތެރިވެދީފައެވެ.

މި މުބާރާތުގައި ރޭ ކުޅެވުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ޑޯޓްމަންޑް ވަނީ ބްރޫޖް އަތުން 3-0 އިން މޮޅުވެފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ތިންލަނޑުގެ ތެރެއިން ދެލަނޑުޖަހައިދިނީ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ތޯގަން ހަޒާޑް އެވެ. ރޭގެ މެޗަށްފަހު މި ގްރޫޕުގައި އެއްވަނައިގައި އޮތީ ޑޯޓްމަންޑް އެވެ. އެ ޓީމު އޮތީ ހަ ޕޮއިންޓާ އެކު އެއްވަނައިގައި އެވެ. ދެވަނައިގައި ފަސް ޕޮއިންޓާ އެކު އޮތް ލާޒިއޯ ވަނީ ޒެނިތު ސެއިންޓް ޕީޓަސްބާގާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވެފައެވެ. ގްރޫޕުގެ ތިންވަނައިގައި ހަތަރު ޕޮއިންޓާ އެކު ބްރޫޖް އޮތްއިރު ޒެނިތު އޮތީ އެންމެ ޕޮއިންޓަކާ އެކު ފުލުގައެވެ.