ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު ފްރާންސްގެ ރެނޭސް އަތުން 3-0 އިން މޮޅުވިއިރު، ރަށުން ބޭރުގައި ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވީ 2-1 އިންނެވެ.
ރޭގެ މެޗާ ހަމައަށް އައިއިރު ޗެލްސީން ޔޫރަޕްގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް އަނެއް މެޗު ވަނީ އެއްވަރުވެފައެވެ. މިއާއެކު ރޭގެ މެޗުން ހޯދީ މޮޅާއެކު އެ ޓީމު ވަނީ ހަތް ޕޮއިންޓާއެކު ގްރޫޕް އީ ގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ހެޑް-ޓު-ހެޑް ރެކޯޑުން ދެވަނައިގައި އޮތް ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި 3-2ގެ ނަތީޖާއަކުން ކްރަސްނޯޑާ އަތުން މޮޅުވެފައެވެ. ތިންވަނައިގައި އޮތް ކްރަސްނޯޑާ އާއި ފުލުގައި އުޅޭ ރެނޭސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ދެ ޕެނަލްޓީން ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ވަނީ ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ފުރަތަމަ ޕެނަލްޓީއަކީ ވާނާ އަށް ރެނޭސްގެ ޑަލްބާޓް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އަދި ދެވަނަ ޕެނަލްޓީ އަކީ މެޗުގެ 40 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާތެރެއިން ޑަލްބާޓްގެ އަތުގައި ޖެހުމުން ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދެއްކުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޗެލްސީން ރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީވެ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު ކާއީ ހާވާޓްޒް އަށް ނުކުޅެވުމެވެ. މި މެޗުގައި ޗެލްސީން ޖެހި ފަހު ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވާޑް ޓެމީ އެބްރެހަމް އެވެ. ރޭގެ މެޗާއެކު ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ ޖެހިޖެހިގެން ފަސް މެޗުގައި ބައިކޮޅަށް ލަނޑެއްވަނަނުދީ ހިފަހައްޓާފައެވެ.
މި މުބާރާތުގައި ރޭ ޔުނައިޓެޑް ކުޅުނު މެޗުގައި ތުރުކީގައި އެ ޓީމަށް ހިތްދަތިކަމާ ކުރިމަތިލާންޖެހުނީ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބަސަކްޝެހީރުން ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުން ލިބުނު ސިހުމާއެކު އަނބުރާ މެޗުގެ ތެރެއަށް ނުވަދެވިގެން އުޅެނިކޮށެވެ. މިއީ މެޗުގެ 12 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކުޅުންތެރިން ކުރިއަށް ޖެހި ތިއްބައި ބަސަކްޝެހީރުގެ ކެޕްޓަން އެޑިން ވިޝްކާ ދިން ބޯޅައަކުން އެ ޓީމުގެ ފޯވާޑް ޑެމްބާ މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ޔުނައިޓެޑްގެ ގޯލްކީޕަރު ޑީން ހެންޑަސަން އަށް އެއްވެސް ފުރުސަތެއް ނުދީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޔުނައިޓެޑްގެ ހުއާން މަޓާ އަތުން ބަސަކްޝެހީރްގެ ޑެނިސް ޓުރުޗް ހޯދީ ބޯޅައަކުން އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ވިޝްކާ އެވެ. މި ގޯލުގައި ވެސް ކުރިން ނިއުކާސަލް ޔުނައިޓެޑާއި ޗެލްސީ އަށް ކުޅުނު ބާ ގެ ހިއްސާ ބޮޑެވެ.
ޔުނައިޓެޑުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު، އޭގެ ތިން މިނެޓުފަހުން ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލް އެވެ. މިއީ އެ ޓީމުގެ ފުލްބެކް ލޫކް ޝޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް މާޝިއަލް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާއިރު، މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ނަތީޖާ އެއްވަރުކުރުމަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޝޯ ނަގައިދިން ކޯނަރަކުން ކެޕްޓަން ހެރީ މެގުއާ ބޮލުން ފޮނުވާލި ބޯޅަ ބަސަކްޝެހީރްގެ ޑިފެންޑަރުން ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ.
މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި އާރްބީ ލީޕްޒިގުން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ޕީއެސްޖީ ބަލިކޮށްފައެވެ. ޕީއެސްޖީން ކިލިއަން އެމްބާޕޭ އާއި ނޭމާއާ ނުލައި ނިކުތް މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ އެންހެލް ޑި މާރިއާ އެވެ. ލީޕްޒިގުގެ ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑުޖަހައިދިނީ ކުރީން ޕީއެސްޖީއަށް ކުޅުނު ކްރިސްޓޮފާ ކުންކޫ އެވެ. އެ ޓީމުގެ ފަހު ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެމީލް ފޯސްބާގް އެވެ. ފަހު ހާފުގައި ޕީއެސްޖީގެ އިދްރިސާ ގާނާ އާއި ޕްރެސްނެލް ކިމްޕެމްބޭ އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކު އެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް މި ގްރޫޕްގެ އެއްވަނައިގައި އަދިވެސް އޮތީ ޔުނައިޓެޑެވެ. މިހާތަނަށް ކުޅުނު ތިން މެޗުން ޔުނައިޓެޑްގެ އިތުރުން ދެވަނައިގައި އޮތް ލިޕްޒިގަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ކުރިލިބެނީ ހެޑް-ޓު-ހެޑް ރެކޯޑުންނެވެ. ތިންވަނައިގައި އޮތް ޕީއެސްޖީ އާއި ފުލުގައި އޮތް ބަސަކްޝެހީރަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.