ނިމިގެން ދިޔަ ސަރުކާރުން އައްޑޫސިޓީގެ ހުޅުމީދޫ އަދި ފޭދޫ އާއި ދެމެދު ދަތުރުފަތުރު ކުރުމަށް ގާއިމު ކުރި ފެރީ ދަތުރު ތަކުން ޚިދުމަތް ހޯދަމުން އަންނަ މީހުންގެ ސައިކަލް އަދި ބައިސްކަލް ފެރީގައި އުފުލޭނެ ގޮތެއްނެތި ދިއުމަކީ ކަމަށް ޒިއްމާވާ މީހުންގެ ބޮޑު އިހުމާލެއްކަމަށް އެމްޑީޕީގެ ޓިކެޓްގައި އައްޑޫސިޓީގެ މޭޔަރ ކަމަށް ވާދަ ކުރައްވަވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
“މިދިޔަ ސަރުކާރުން ހުޅުދޫ އަދި މީދޫއިން ފޭދޫއަށް ފެށި ފެރީގެ ހިދުމަތަށް 05 އަހަރުވެ ދާއިރު އެރައްޔިތުންގެ ސައިކަލް، ބައިސިކަލް ފެރީގައި އުފުލޭނެ ގޮތެއްނެތި ދިއުމަކީ ކަމަށް ޒިއްމާވާ މީހުންގެ ބޮޑު އިހުމާލެއް. ވަރިހަމަވުމެއް. މިސަރުކާރަށް 2 އަހަރު.” ނިޒާރު ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
މިދިޔަ ސަރުކާރުން ހުޅުދޫ އަދި މީދޫއިން ފޭދޫއަށް ފެށި ފެރީގެ ހިދުމަތަށް 05 އަހަރުވެ ދާއިރު އެރައްޔިތުންގެ ސައިކަލް، ބައިސިކަލް ފެރީގައި އުފުލޭނެ ގޮތެއްނެތި ދިއުމަކީ ކަމަށް ޒިއްމާވާ މީހުންގެ ބޮޑު އިހުމާލެއް. ވަރިހަމަވުމެއް. މިސަރުކާރަށް 2 އަހަރު.
— Ali Nizar (@DhekunuNizar) November 3, 2020
ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) ގެ ފަރާތުން ހުޅުމީދޫ އަދި ފޭދޫ އާއި ދެމެދު 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ދަތުރުތައް ފަށައި ޚިދުމަތް ދެމުން ދިޔަ އިރު 3 ނުވަތަ 2 ސައިކަލް ފެރީގައި ގެނެވޭނެ އިންތިޒާމު ކުރިއެވެ. ނަމަވެސް ސައިކަލް އަރުވައި ބާލާ ހެދުމަށް ބޭނުންކުރާނެ ރޭމްޕެއް ނެތް ކަމަށް ބުނެ އެ ޚިދުމަތް ވަނީ ހުއްޓާލާފައެވެ.
މި ޚިދުމަތާ ގުޅޭ ގޮތުން ގިނަ ފަރާތްތަކުން މެނޭޖްމަންޓާ ސުވާލުކުރަމުން އަންނަ އިރު މެނޭޖްމަންޓުގެ ޖަވާބަކަށް ވެފައި އޮންނަނީ ވީހާ އަވަހަކަށް އެ ޚިދުމަތް ދިނުމަށް ފެށޭނެ ކަމަށެވެ. އަދި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް މެނޭޖްމަންޓުން ބުނެއެވެ.
ހުޅުމީދޫން އާިއ ފޭދޫ އާއި ދެމެދު ދަތުރު ކުރާ ފެރީ ތަކުން ވަޒީފާއަށް ދާ ފަރާތްތަކާއި އަދި ޑޮކްޓަރަށް ދެއްކުމާއި ތަފާތު ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރާ ފަރާތްތަކުގެ ޝަކުވާ އަކީ ފޭދޫން ހިތަދޫ އަށް ދާން ޖެހިއްޖެ ނަމަ ޓެކްސީ ދަތުރަށް ބޮޑު އެއްޗެއް ދޭން ޖެހޭއިރު ސައިކަލް ގެނެވޭނެ އިންތިޒާމު އަވަސް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.