ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން 18/30 ފުޓްސަލް ފިއެސްޓާގެ ތަށި 18/30 ފުޓްސަލް ފިއެސްޓާގެ ތަށި އެމްޕީއެލް އިން މިލްކު ކޮށްފި އެވެ.
ރޭ ކުޅުނު ފައިނަލް މެޗު އެމްޕީއެލް އިން ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށް ފަހު، 7-4 އިން ނެވެ. މި މެޗުގައި އެމްޕީއެލް ގެ ފާތިމަތު ޖޫޒާން ޒަރީރް ވަނީ ފަސް ގޯލު ޖަހާފަ އެވެ. އެމްޕީއެލްގެ އިތުރު ގޯލުތައް ޖަހައިދިނީ ކެޕްޓަން ފާތިމަތު ޝާލިޔާ އާއި ފާތިމަތު ޝާމިލާ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެމްކޯގެ ގޯލުތައް ޖަހައިދިނީ ތައިލެންޑް ތަރި ޑަރިކާ އާއި މަރިޔަމް ނޫރާ އެވެ. މީގެ ތެރެއިން ޑަރިކާ ވަނީ ހެޓްރިކް ހަދާފަ އެވެ.
މިއަހަރުގެ 18/30 ފުޓްސަލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެމްޕީއެލްގެ ޝާލިޔާ ހޯދި އިރު، އެންމެ ގިނަ ގޯލު ޖެހީ، 21 ލަނޑު ޖެހި ސިފައިންގެ ޓީމުގެ ބަންގްލަދޭޝް ކުޅުންތެރިޔާ ސަބީނާ ކަތުން އެވެ. ފެއާރ ޕްލޭ ކުޅުންތެރިއަކަށް ސިފައިންގެ ޓީމުގެ މަޓްސުޝިމާ ސުމައްޔާ ހޮވުނު އިރު، ފެއާރ ޕްލޭ ޓީމުގެ ޓްރޮފީ ހޯދީ ޓްރޭޑް ކްލަބެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ވެމްކޯގެ އަހުމަދު ނިޔާޒް (ނިޔާ) އެވެ.
އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެމްޕީއެލްގެ މަދީނާ، ޝާލިޔާ އަދި ގޯލްކީޕަރު އަޒަަމް އާއި ވެމްކޯގެ ޑަރިކާ އާއި ކަސޭސީ އެވެ.
އެމްޕީއެލަކީ ކްލަބް މޯލްޑިވްސްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ޖެހިޖެހިގެން ތިން މުބާރާތް ކާމިޔާބުކުރި ފުރަތަަމަ ޓީމެވެ.
އެމްޕީއެލުން ޖެހިޖެހިގެން ތިން އަހަރު ތަށި ކާމިޔާބުކުރީ 2018، 2019 އަދި 2021 ގައި ތަށި ކާމިޔާބު ކޮށްގެން ނެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލު މެޗު މިރޭ ކުޅޭނެ އެވެ. ބައްދަލުކުރާނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ކުޅޭނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ.