English Edition
Dhivehi Edition

ދުނިޔެއަކީ ވަގުތީ އާލަމެކެވެ. ދުނިޔޭގައި އުޅެމުން ދާއިރު އެކި ދުވަސްތަކުގައި ކުރިމަތިލާންޖެހެނީ އެކި ކަހަލަ ކަންތައްތަކާއެވެ. އުފަލާއި ހިތާމައެވެ. ލޯތްބާއި ނަފުރަތެވެ. އެއްބަޔަކީ ކަންތައްތަކާއި ހިތްވަރާއި ކެރުމާއި އެކު ކުރިމަތިލާ މީހުންނެވެ. އަނެއްބަޔަކީ ކަންތައްތަކާއި ކުރިމަތިލާން ޖެހިލުންވެ ލަދުގަންނަ މީހުންނެވެ. މިއީ ދުނިޔޭގެ އާދައެވެ. ދިރިއުޅުމުގައި އުފަލާއި އެކު ވަގުތު ހޭދަ ކުރުމަށް ކިތަންމެ ގިނަ ބައެއް ވަށައިގެން ތިބި ކަމުގައިވިއަސް އިތުރަށް ދިރިއުޅުމައިގެން ކުރިއަށް ނުދެވޭނޭ ހީވާ ފަހަރުވެސް ވަރަށް ގިނައިން އާދެއެވެ. ކަންތައް ކުރަން ފޫހިވެ އުއްމީދު ކެނޑިގެންދާ ހާލަތްތަކާއި ވެސް ކުރިމަތިވެއެވެ. މިއީ ގުދުރަތީ ގާނޫނެވެ. އިލާހީ ޤާނޫނުގެ ނިޔާ އެކި މީހުންނަށް ކަނޑައެޅިފައިވަނީ އެކި ގޮތަށެވެ.

މި ލިޔުމުގެ ސުރުޙީއެއްގެ ގޮތުގައި ބަޔާންކޮށްފައި އެވާ “އަހަރެން މިކަމުން ސަލާމަތް ވާނެތަ؟” މިއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއް ދުވާލެއްގެ މައްޗަށް އެތައް ފަހަރަކު އަޅުގަނޑާއި މިހާރު ކުރިމަތިކުރުވާ ސުވާލެކެވެ. ވީމާ މި ލިޔުމުގައި ކޮންމެވެސް ވަރަކަށް އެ އެކުވެރިޔާގެ ވާހަކަ ހިއްސާ ކޮށްލެވޭތޯ ބަލާނަމެވެ.

ހެލިފެލިވެ މަޖާކުރުމާއި އަބަދުވެސް ރަހުމަތްތެރިންނާއި އެއްކޮށް ވަގުތު ހޭދަކުރަމުން އައި އެކުވެރިޔާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ލޮޑު ނުވަތަ ކަންނެތް އުޅުމަކަށް މީހާގެ ދިރިއުޅުން ބަދަލުކޮށްލީ އެކި ކަހަލަ ބަލިތަކުން ފެންނަ އަލާމާތްތައް ފެންނަ ކަމަށް ފާހަގަކުރެވިގެންނެވެ. ގަވައިދުން ކަސްރަތު ކުރަމުން އައި އެކުވެރިޔާ އަބަދު ގޭތެރޭގައި އަރާމު ކުރަން ފެއްޓީ ހިތުގެ ވިންދު ޖަހާލެއް ބާރު ކަމާއި އަވަސް ކަމަށް ބުނެ އެކަމާއި ބިރުންނެވެ. އަބަދުވެސް އެކުވެރިޔާއަކީ އެއްކޮށް އުޅޭ އެހެން އެންމެނަށް ވުރެން ކަންތައްތަކާއި ބޮޑަށް ވިސްނާ ހަދާ މީހަކަށް ވުމުން އެއީ އޭނާ ކަމަކާއި މާބޮޑަށް ވިސްނަނީ ކަމަށް އެންމެނަށްވެސް ހީކުރެވުނެވެ. އެކި ގޮތް ގޮތަށް ސުވާލު ކުރުމުން ވެސް ވަކި މާބޮޑު ކަމަކަށް ނުވިސްނާ ކަމަށް އޭނާ ބުނުމުން ހިތުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ލަފާ ދެވުނެވެ. ހިތުގެ އެކި ޓެސްޓުތައް ހަދާ އެއްވެސް ހިތުގެ ބައްޔެއް ނެތްކަން ފާހަގަ ކުރެވުމުން އޭނާގެ އެއްކަލަ މައްސަލަ އިތުރަށް ގޯސްވިއެވެ.

އަމިއްލަ ނަފުސަށް އޭނާ ކުރަމުން އައި އިތުބާރަށް ވެސް ބޮޑެތި ބަދަލުތަކެއް އައެވެ. ހަށިގަނޑުގައި ހުރި ބައްޔެއް ނޭނގި ފަރުވާ ކުރާނީ ކިހިނެއްތޯ އޭނާ އަމިއްލައަށް ވިސްނަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން އިތުރު އެހެން އަލާމާތްތައްވެސް ފެންނަން ފެއްޓިއެވެ. މީހާ ރޭގަނޑުގެ އަރާމު ނިދިން މަހުރޫމުވިއެވެ. އެހެން މީހުންނަށް ނީވޭ އަޑުތައް އިވެން ފެށިއެވެ. ގައިގެ އެކި ގުނަވަންތަކުން ދިލަ ނަގަން ފެށިއެވެ. ބޮލުގައި ރިއްސާ ހަށިގަނޑުގައި ވައި ހެދި އޭގެ މައްސަލަ ބޮޑުވާން ފެށިއެވެ. ކާހިތް ކެނޑި ކެއުމާއި އެއްކޮށް ދުރުވިއެވެ. ކިތަންމެ ކުޑަ ކަމަކާއި މެދުވެސް އެންމެ ގޯސްކޮށް ވިސްނަން ފެށިއެވެ. ގެއިން ނިކުމެގެންދާ ކޮންމެ ފަހަރަކީ އާއިލާއާއި ބައްދަލުވާނެ އެންމެ ފަހު ފަހަރު ކަމަށް އޭނާ ހީކުރި އެތައް ދުވަހެއް މާޒީވެގެން ގޮސްފިއެވެ. ފެންވަރަން ހުރެ އެއީ އޭނާ ނިޔާވެގެން ހިނަވަނީ އޭ ހީކޮށްގެން ހުރި އެތައް ދުވަހެއްވެސް ފާއިތުވެއްޖެއެވެ. އެ އެކުވެރިޔާގެ ދިރިއުޅުމަށް އައި ބޮޑު ބަދަލު ފެނި އޭނާ ނަފުސާނީ ޑޮކްޓަރެއްގެ އެހީ ހޯދުމަށް ރައްޓެހިން އެދުނެވެ. ނަފުސާނީ ޑޮކްޓަރެއްގެ އެހީ ހޯދަން ފެށުމަކީ އޭނާގެ ބަލީގެ އަސްލުވެސް އޭނާ އަށް ހޯދަން ފެއްޓުނު ދަތުރެވެ.

ޑޮކްޓަރާއި ބައްދަލުވި ފުރަތަމަ ފަހަރު އޭނާ ޑޮކްޓަރަށް ތަފުސީލުކޮށް ވާގޮތް ކިޔައިދިނެވެ. ހެނދުނު ހޭލާއިރު މީހާގެ ސިކުނޑިން ވިސްނޭ ކަންތައް ގިނަ ކަމުން ހާސްވާ މިންވަރު ކިޔައިދިނެވެ. ދިރިއުޅުން މަތިން ފޫހިވެފައިވާ މިންވަރުވެސް ކިޔައިދިނެވެ. މީހުންނާއި ބައްދަލުކޮށް އެއްކޮށް އުޅުން މަތިން ފޫހިވުމާއި ކެއުމަށް އައިސްފައިވާ ބަދަލުތައްވެސް ކިޔައިދިނެވެ. އެ އެކުވެރިޔާގެ ވާހަކަތަކަށްފަހު އޭނާގެ މައްސަލައަކީ އެންޒައިޓީ ޑިސްއޯޑާ ކަމަށް ޑޮކްޓަރު ނިންމިއެވެ.

ގިނަ ސައިންސްވެރިން ފާހަގަކުރާ ގޮތުގައި އެންޒައިޓީއަކީ އެންމެން ވެސް ތަހައްމަލު ކުރާ އިހުސާސެކެވެ. އެކި މީހުން އެކި ކަންކަމުގައި މި އިހުސާސު ކުރަނީ އެކި ވަރަށެވެ. އެއްބަޔަކަށް މި އިހުސާސު ކުރެވޭ މިންވަރު އާންމުންނާއި ކުރިމަތިލައިގެން ވާހަކަ ދައްކާއިރު އިތުރުވާއިރު އަނެއް ބައެއްގެ މި އިހުސާސު ގޭގައި ކާން އިށީންނަ މޭޒުގެ ކަނުގައި މީހަކު ޖެހި އަނިޔާއެއް ވެދާނެތީ ގަންނަ ބިރާއިވެސް ގުޅިފައިވެއެވެ. މި އިހުސާސަކީ އޭގެ ޒާތުގައި އިންސާނުންނަށް ރައްކާތެރިކަން ފޯރުކޮށްދޭ އިހުސާސެކެވެ. އެންޒައިޓީ ޑިސްއޯޑާ އޭ ބުނެވެނީ މި ކުރެވޭ އިހުސާސު ނިސްބަތުން އިތުރުވެ އެ އިހުސާސުގެ ސަބަބުން މީހާގެ އާއްމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރަން ފެށުމުންނެވެ.

އެންޒައިޓީ ޑިސްއޯޑާ ސިއްހީ ދާއިރާގައި ދަރަޖަ ކޮށްފައިވަނީ ނަފުސާނީ ބައްޔެއްގެ ގޮތުގައެވެ. އެއީ ބަލީގެ ސަބަބުން މީހާގެ ނަފުސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާތީއެވެ. މި ޑިސްއޯޑާގެ އާންމުކޮށް ފެންނަ ބައެެއް ވައްތަރުތަކުގެ ތެރޭގައި ހިމެނެނީ:

  • ޕެނިކް ޑިސްއޯޑާ: މި ޑިސްއޯޑާ ހުންނަ މީހުން ކުއްލިއަކަށް ވަރަށް ބޮޑަށް ބިރުގަނެ، ދާހިތްލައި މޭގައި ރިއްސާ އަދި މޭ ތެޅޭ ގޮތް ދިމާވެއެވެ. އަދި ބައެއް ފަހަރަށް ނޭވާ ނުލެވޭހެން ހީވެ، ހާސްވެ ހީވާނީ ހާޓް އެޓޭކެއް ޖެހެން އުޅޭހެނެވެ.
  • ސޯޝަލް އެންޒައެޓީ ޑިސްއޯޑާ: މި ޑިސްއޯޑާ ހުންނަ މީހުން އާއްމުންގެ ތެރޭގައި އުޅޭއިރު އެހެން މީހުން މަލާމާތް ކުރާހެން ހީވެ ލަދުގަނެ އެކަމާއި މާބޮޑަށް ވިސްނާ އަދި މީހުންގެ މަލާމަތާއި ފުރައްސާރަ ރައްދުވާހެން އިހްސާސް ވުމުގެ ސަބަބުން އެއްވެސް ކަމެއް ކުރަން ނުކެރި ހުރެއެވެ.
  • ސްޕެސިފިކް ފޯބިއާސް: މި ޑިސްއޯޑާ އަކީ ވަކި އެއްޗަކަށް ނުވަތަ ހާލަތަކަށް ހާއްސަކޮށް ގަންނަ ބިރަށް ކިޔާ ނަމެކެވެ. މިސާލަކަށް އުސްތަންތަނަށް އެރުން މަތިންދާބޯޓުގައި ދަތުރު ކުރުން ފަދަ ކަންކަން މީގައި ހިމެނެއެވެ. އަދި މި ފަދަ ބިރުތަކާއި ހެދި ކަންކަން ކުރުމުން މީހާ ފަސްޖެހި ދުރުވެގެން ދެއެވެ.
  • ޖެނެރަލައިޒްޑް އެންޒައިޓީ ޑިސްއޯޑާ: މިއީ އާދާޔާ ހިލާފަށް ބޭކަރު ކުދި ކުދި ކަންކަމާ މުޅި މީހާ ވިންސާ، ޓެންޝަނަށް ގޮސް އުޅުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި މިހުރިހާ އެންޒައިޓީ ޑިސްއޯޑާއެއް ހުންނަ މީހުންގެ ކިބައިންވެސް ފެންނަނީ ވަރަށް އެއްކަހަލަ އަލާމާތްތަކެކެވެ. އެގޮތުން ހާސްވުމާއި ބިރުގަތުން، ނިދުމުގެ މައްސަލަތަކާއި ހަމަޖެހިލައިގެން ހިމޭނުން ނުހުރެވުމާއި ފިނިވުމާއި ދާހިއްލުމާއި އައްސިވުން އަދި އަތާއި ފައިތުރުތުރު އެޅުމާއި ނޭވާ ކުރުވުމާއި ހިތުގެ ތެޅުން އަވަސްވުމާއި އަނގައިގެ އެތެރެ ހިކުމާއި ހޮޑުލަވާހެން ހީވުން ހިމެނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ވަކި ގުނަވަންތަކަކަށް ފިނިވުމާއި ހަށިގަނޑުގެ އެކި ގުނަވަންތަކުން ދިލަ ނެގުމުގެ އިތުރުން އަވަހަށް ކަންތައްތައް މަތިން ފޫހިވުން ހިމެނެއެވެ.

އެންޒައަޓީ ޑިސްއޯޑާއެއްގެ އަސްލު ސަބަބަކީ ކޮބައިކަން އަދިވެސް ވަނީ ސައިންސްވެރިންނަށް ނުހޯދިފައެވެ. އެހެން ނަމަވެސް އެހެން ނަފްސާނީ ބަލިތައް ފަދައިން މިއީ ސިކުނޑިއަށް އަންނަ ބަދަލުތަކާއި، ދިރިއުޅުމުގެ މާހައުލުގެ ސްޓްރެސް އަދި ޖީންސްގެ ސަބަބުން ދިމާވާ ކަމެއްކަމަށް ބައެއް ސައިންސްވެރިން ލަފާދެއެވެ. މައިގަނޑު ގޮތެއްގައި އެންޒައިޓީ ޑިސްއޯޑާ އިން ސަލާމަތްވުމަށް މީހާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހެއެވެ.

ކެއުންބުއިމުގައި އާންމުކޮށް ބޭނުންކޮށް އުޅޭ ކެފެއިން އަކީވެސް މީހާގެ މޫޑަށް ބަދަލު ގެނެސް އެންޒައިޓީ ޑިސްއޯޑާގެ އަލާމާތްތައް ގޯސްވުމުގެ ފުރުސަތު ބޮޑުކޮށްދޭ އެއްޗެކެވެ.
މިގޮތުން ކެފެއިން ހުންނަ ކާބޯތަކެތި ކަމަށްވާ ކޮފީ އާއި ސަޔާއި ކޯލާ އާއި އެނާޖީ ޑްރިންކްސް އާއި ޗޮކުލޭޓާ ދުރުވުމަކީވެސް އަލާމާތްތައް ކޮންޓްރޯލު ކުރުމަށް ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން މީހާ ސްޓްރެސްވާ މިންވަރު ދައްކުރުމަށް ސިކުނޑީގެ ކެމިކަލް ރިލީޒް ކުރުމަށް އަދި މީހާގެ މޫޑު ހަމަޖެއްސުމަށް ގަވައިދުން ކަސްރަތު ކުރެވިދާނެއެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް އަރާމު ހޯދުމާއި ނިދުމަކީވެސް ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން ބަލީގެ އަލާމާތެއް ފެންނަ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމާއި ސައިކޯތެރަޕީ އަކީވެސް ބަލިން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކެވެ.

ލޯބިވާ އެކުވެރިޔާއެވެ. އަބަދުވެސް ތިބާ އަކީ ވަރަށް އަވަހަށް ކަންކަމާއި ހާސްވާ މީހެއްކަމަށް އަމިއްލައަށް ބުނާތީ އަޑުއަހަމެވެ. އެކަން ހުއްޓާލާށެވެ. އަމިއްލަ ނަފުސު އެގޮތަށް ލޭބަލް ކުރުން ހުއްޓާލާށެވެ. އެންޒައިޓީ ޑިސްއޯޑާއަކީ ކުރިން ފާހަގަކޮށްލިހެން ކުރެވޭ އިހުސާސެކެވެ. އެއީ ތިބާގެ އަމިއްލަ މިޒާޖެއް ނޫނެވެ. ނޫނީ ތިބާގެ ނަފުސުގެ ބައެއްވެސް ނޫނެވެ. އެއީ ބައެއް ފަހަރު ތިބާއަށް ވާ ގޮތެކެވެ. އެއީ އެހެން އިހުސާސުތަކެކޭ އެއްފަދައިން އެހެން ވުމަށް ފަހުން ހަށިގަނޑުން ނިކުމެގެންދާ އިހުސާސެކެވެ. އެއީ ތިބާގެ ކާމިޔާބީއާއި އުފަލާއި ކަންކަން ހާސިލުކުރުމަށް ހުރަސް އަޅައި އޭގެ ތެރެއަށް ތިބާ ގަންބުވާލަން ބޭރުން އަންނަ ބާރެއްކަމަށް ދަނެގަންނާށެވެ.

ހިތްވަރުގަދަ އެކުވެރިޔާއެވެ. އެންޒައިޓީ އާއި ދެކޮޅަށް ކާމިޔާބު ހޯދި ވަގުތުތައް ހަނދާން ކުރާށެވެ. އަދި އެ އެންޒައިޓީ ހަށިގަނޑުން ބޭރަށް ނެރެ ދުރުކޮށްލާތަން ހިޔާލުގެ މައްޗަށް ގެންނާށެވެ. ނޫނީ ފުން ނޭވާލައި އެންޒައިޓީ މައިތިރިކުރުމަށް ހަމަޖެހިލާށެވެ. ތިބާއަށް ހަމަ އެކަނި އޮތް މަގަކީ އެންޒައިޓީއާއި އެކު ގެނބި އަރަގުވުން ނޫންކަން ގަބޫލުކުރާށެވެ. ތިކަމުން ސަލާމަތްވެ އުފަލާއި އެކު ކުރިން އުޅުނު ހެން އުޅެވެން އެބައޮތެވެ. އެންޒައިޓީއަކީ ދުރުން، ބޭރުން އަންނަ އެއްޗެކެވެ. އެއާއި ދެކޮޅަށް ތެދުވެ ކެރުމާއި އެެއްކޮށް ކުރިމަތިލުމަކީ ތި އެކުވެރިޔާއަށް އޮތް ޗޮއިސް އެކެވެ. ވީމާ ހިތްވަރާއި އެއްކޮށް ތިކަމަށް ކުރިމަތިލާށެވެ.

އަބަދުވެސް އެންމެ ހެޔޮއެދޭ އެކުވެރިޔާއެވެ. ފަސް ވަގުތު ފަސް ނަމާދު ބަރާބަރަށް ފަރުވާކުޑަ ނުކޮށް ކުރުމަކީ ދިރިއުޅުމުގައި އަހަރެމެން ކުރިމަތިލާން ޖެހޭ ކަންތައްތަކުން ފަސޭހައިން ކުރި ހޯދެން އޮތް މަގެކެވެ. ހަމަޔަގީނުންވެސް، އެންމެ އޯގާވެރިވަންތަ އިލާހު އަހަރެމެންގެ ހާލަތު ދެނެވޮޑިގެންވާނެއެވެ. އެއްވެސް އިންސާނަކަށް، އޭނާއަށް ނުއުފުލޭނެ ވަރުގެ ބުރައެއް ނުޖައްސަވާނެއެވެ. އެހެންކަމުން، ދިމާވާ ހުރިހާ މައްސަލަތަކާއި އަދި އިމްތިހާނުތަކާއި ކެރިގެން ކުރިމަތިލައި، ހެއްދެވި މާތް އިލާޙަށް އިތުބާރު ކުރާށެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަން ވިސްނައި ގަދަ ކީރިތިވަންތަ އިލާހުގެ ނިޔާފުޅަށް ރުހޭށެވެ. ތިބާއާއި އެކު ތިބާގެ ލޯބިވާ އާއިލާއާއި ގާތް އެކުވެރިން އަބަދުވެސް ވާނެއެވެ.