މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 19 ދުވަހު އައިސޮލޭޝަނުގައި ހުރުމަށްފަހު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުމަށް އެނބުރިއައި ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ކާމިޔާބުކުރި ދެ ލަނޑާއެކު ސްޕެޒިއާ އަތުން 4-1 އިން ޔުވެންޓަސް މޮޅުވެއްޖެއެވެ.
ރޭގެ މެޗާ ހަމައަށް ރޮނާލްޑޯ ނެތި ޔުވެންޓަސް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ދެ މެޗު އެއްވަރުވެގެން ނިމުނުއިރު، އެއް މެޗުން ބަލިވެފައިވެއެވެ. އެގޮތުން، ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު ޔުވެންޓަސް ވަނީ ކުޅުނު ހަ މެޗުން 12 ޕޮއިންޓް ހަމަކޮށް ތިންވަނަ އަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު އޭސީ މިލާން އެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސަސުއޯލޯ އެވެ.
ސްޕެޒިއާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 14 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑްނަގައިދިނީ އަލްވާރޯ މޮރާޓާ އެވެ. އޭގެފަހުން، މެޗުގެ 32 ވަނަ މިނެޓުގައި ޓޮމާސޯ ޕޮބޭގާ ކާމިޔާބުކުރި ގޯލާއެކު ސްޕެޒިއާ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
ޔުވެންޓަސް އިން އަލުން ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި ކުޅެން ނިކުތް އުމުރުން 35 އަހަރުގެ ރޮނާލްޑޯ އޭގެ ތިން މިނެޓުފަހުން ކާމިޔާބުކުރި ލަނޑުންނެވެ. އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު، މެޗުގެ 67 ވަނަ މިނެޓުގައި އެޑްރިއެން ރަބިއޯ ޖަހައިދިންއިރު، މެޗުނިމެން 14 މިނެޓަށްވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ލިބުނު ޕެނަލްޓީއަކުން ޔުވެންޓަސް އަށް ފަރަގު ބޮޑުކޮށްދީފައެވެ.
ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި މިލާން ވަނީ ރަށުން ބޭރުގައި އުދިނޭޒީ އަތުން 2-1 އިން މޮޅުވެފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި މިލާންގެ ފްރެންކް ކެސީ ވައްދާލި ލަނޑާއެކު ފުރަތަމަ ހާފު 1-0 އިން ކުރީގައިއޮވެގެން އެ ޓީމު ނިންމާލިއިރު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި އުދިނޭޒީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ރޮޑްރިގޯ ޑި ޕޯލް އެވެ. މިލާން އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ޒަލަޓާން އިބްރާހިމޮވިޗް އެވެ. މިއީ އޯވަހެޑް ކިކަކުން އިބްރާހިމޮވިޗް ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު އުމުރުން 39 އަހަރުގެ އިބްރާހިމޮވިޗް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ހަތް ލަނޑުޖަހާފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޓޮރީނޯ އަތުން 4-3 އިން ލާޒިއޯ މޮޅުވިއިރު، ނަޕޯލީ ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ސަސުއޯލޯ އަތުން ބަލިވެފައެވެ. އޭއެސް ރޯމާ ވަނީ 2-0 އިން ފިއޮރެންޓީނާ ބަލިކޮށްފައެވެ.