English Edition
Dhivehi Edition
އިނގިރޭސިވިލާތުގެ ސަފީރު، ރައީސުލްޖުމްހޫރިއްޔާ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ބަދަހި ދޭދޭ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ޤާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުކަމުގެ މަޤާމުގެ ފުރަތަމަ ދައުރު ފުރިހަމަކުރައްވާފައިވާތީ، އެ ކަން ފާހަގަކުރައްވާ، ކެރޮން ރޮސްލަރއަށް މަރުހަބާ ދަންނަވާފައެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިނގިރޭސިވިލާތުގެ ސަފީރު ވަނީ ފަތުރުވެރިކަމުގެ ސިނާޢަތާއި، ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން، އިނގިރޭސިވިލާތުގައި ތަޢުލީމު ހާސިލުކުރުމަށް ދިވެހި ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމާއި، ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އެކުގައި މަސައްކަތްކުރުމާއި، މޫސުމާ ގުޅޭ ކަންތައްތަކުގައި ގުޅިގެން މަސައްކަތްކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ކެރޮން ރޮސްލަރއަކީ ރާއްޖޭގައި ޤާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ. އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މިއީ މި ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެހެން ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ވަޢުދުގެ ދަށުން މި އަހަރުގެ ފެބުރުވަރީ މަހު ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރަކަށްވުމާއި ގުޅިގެން ހޯދިފައިވާ ކުރިއެރުމެކެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ކަމުގައި އިނގިރޭސި ވިލާތުގެ ސަފީރުގެ ގޮތުގައި ކެރޮން ރޮސްލަރ އަދާކުރައްވާ ދައުރު ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ކެރޮން ރޮސްލަރގެ ސަފީރުކަމުގެ ދައުރުގައި، މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެކުގައި މަސައްކަތްކުރުމާއި، އަދި ވެސް އެހެނިހެން ދާއިރާތުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، 26 ވަނަ ޔޫ.އެން. ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ސީ.އޯ.ޕީ. 26) ގައި ރާއްޖެއިން ބައިވެރިވުމަށް އިނގިރޭސި ވިލާތުން ދީފައިވާ ދަޢުވަތަށް ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިނގިރޭސި ވިލާތުގެ ސަފީރު ވަނީ، ކޯވިޑް-19 ގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އިނގިރޭސިވިލާތުގެ ސަފީރު ވަނީ ދިވެހި ސަރުކާރުން ކޯވިޑް-19 ގެ މި ހާލަތުގައި ނަންގަވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. އަދި މި ބަލިމަޑުކަމާއެކު އިންގްލެންޑް ފުރަބަންދުކުރުމާ ގުޅިގެން، އެ ސަރަޙައްދުގެ ހާލަތު ރަނގަޅުވުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާ، އެއަށްފަހު ރާއްޖެއަށް ޒިޔާރަތްކުރާ އެ ޤައުމުގެ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ހަމައެއާއެކު، ދާދި ފަހުން ދެ ޤައުމުގެ ދެމެދު ޤާއިމުކުރުމަށް އިޢުލާންކުރި އެއަރ ބްރިޖްގެ ދަށުން ކަރަންޓީނު ނުވެ ރާއްޖެއަށް ފަތުރުވެރިންނަށް އައުމަށް މަގުފަހިވެގެން ދިއުމަށް އުންމީދުކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިނގިރޭސިވިލާތުން އިޢުލާނުކުރުމާއި ގުޅިގެން، އެ ކަމަށް ވެސް ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.