English Edition
Dhivehi Edition
ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލާފައިވާ މަސްތުވާތަކެތި

މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުވައްމުލަކު ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މި ދިޔަ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފުވައްމުލައް ސިޓީއިން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ މީހަކެވެއެވެ.ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

ފުވައްމުލައް ސިޓީގެ އިތުރުން ށ.ފުނަދުއާއި ތ. ކިނބިދޫގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށް އެ މައްސަލަތައްވަނީ ތަހުގީގުކުރަން ފަށާފައެވެ

މި އޮޕަރޭޝަންތަކުގެ މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކާއި 63 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އިތުރަށް ފުލުހުން ވިދާޅުވީ އެރަށު ބަނދަރު ސަރަހައްދުން އެ ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 34 ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ.

މީގެ އިތުރުން ކިނބިދޫގައި ހިންގި އޮޕަރޭޝަނަކީ ވޭމަންޑުން ކިނބިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 24 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.