ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް މޮޅުވިއިރު، ވާދަވެރި ބާސެލޯނާ ކުޅުނު މެޗުން މޮޅެއްނުވެވުނެވެ.
ރެއާލްގެ ދަނޑުގައި 4-1 އިން ހުއެސްކާ އަތުން މޮޅުވިއިރު، މެޑްރިޑަށް ނިސްބަތްވާ އަނެއް ޓީމު ކަމަށްވާ އެތުލެޓިކޯ ވަނީ ރަށުން ބޭރުގައި 3-1 އިން އޮސަސޫނާ ބަލިކޮށްފައެވެ. ޑިޕޯޓިވޯ އަލަވޭސްގެ ދަނޑުގައި ބާސެލޯނާ ވަނީ 1-1 އިން އެއްވަރުވެފައެވެ.
ރޭގެ މެޗުތަކަށްފަހު މިހާތަނަށް ކުޅުނު ހަތް މެޗުން 16 ޕޮއިންޓް ހަމަކޮށް ރެއާލް އެއްވަނައިގައި އޮތްއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑާ އެއްވަރަށް ތިންވަނައިގައި އޮތް އެތުލެޓިކޯ އަދި ހަތަރުވަނައިގައި އޮތް ކާޑިޒް އަށް ޕޮއިންޓް ލިބިފައިވާއިރު، ތިން ޓީމުގެ ފަރަގަކީ ފައިދާ ގޯލެވެ. ބާސެލޯނާ އޮތީ ހަ މެޗުން ހޯދީ 8 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.
ރެއާލުން އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާއިރު، ރޭގެ މެޗަށް އެ ޓީމުން ނިކުތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ދުވަސްތަކަކަށްފަހު އަނިޔާއިން ކުޅުމަށް އެނބުރިއައި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑަށް ރޭގެ މެޗުން ފުރުޞަތުދީފައިވާއިރު، ފްރާންސްގެ އިތުބާރު ޑިފެންޑަރު ރަފައެލް ވަރާން މެޗު ފެށީ ބެންޗުންނެވެ.
ރެއާލްގެ އެސްޓާޑިއޯ އަލްފްރެޑޯ ޑި ސްޓެފާނޯގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް ލީޑްނަގައިދިނީ ހަޒާޑެވެ. މިއީ އެ ޓީމުގެ އުރުގުއޭ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ ތަނަވަސްކުރި ފުރުޞަތަކުން ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލައިގެން ހަޒާޑް ކާމިޔާބުކުރި ގޯލެކެވެ. އަދި މިއީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރެއާލަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ރެއާލްގެ ދެވަނަ ލަނޑުޖަހައިދިނީ ކަރީމް ބެންޒެމާ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި ބެންޒެމާ ދިން ބޯޅައަކުން ވަލްވާޑޭ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ 74 ވަނަ މިނެޓުގައި ޑޭވިޑް ފެރެއިރޯގެ ގޯލުން ހުއެސްކާ ފަރަގު ކުޑަކުރިނަމަވެސް، މެޗުގެ އެންމެ ފަހު މިނެޓުގައި ބެންޒެމާ ވަނީ އިތުރު ގޯލެއްޖަހައި، ރެއާލަށް އަލުން ތިން ލަނޑުގެ ލީޑްނަގައިދީ މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
ލީގުގައި މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ޓީމު ކަމަށްވާ އެތުލެޓިކޯ އިން ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން އޮސަސޫނާ އަތުން މޮޅުވިއިރު، ޕޯޗުގަލްގެ ތަރި ޔާއޯ ފެލިކްސް ދެލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އާސެނަލުން ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމާ ގުޅުނު އުރުގުއޭގެ މިޑްފީލްޑަރު ލޫކަސް ޓޮރޭރާ އެވެ. އޮސަސޫނާގެ ހަމައެކަނި ލަނޑުޖަހައިދިނީ އަންޓޭ ބުޑިމިރް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި ރެއާލާ ވާދަވެރި ބާސެލޯނާ ވަނީ ރަށުން ބޭރުގައި 1-1 އިން އަލަވޭސްއާ އެއްވަރުވެފައެވެ. މި މެޗުގެ 31 ވަނަ މިނެޓުގައި ބާސެލޯނާގެ ގޯލްކީޕަރު ނެޓޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އަލަވޭސްގެ ލުއިސް ރިއޯޖާ ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައިއޮވެގެންނެވެ.
ފަހު ހާފުގެ ކުރީކޮޅު އަލަވޭސްގެ ޖޯޓާ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދެއްކުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވެފައިވާއިރު، އޭގެ ކުޑައިރުކޮޅެއްފަހުން ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. މެޗުގެ ފަހުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އަލަވޭސް އަތުން މޮޅުވުމަށް ބާސެލޯނާ ކުރި މަސައްކަތުގައި އެ ޓީމުގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައިވާއިރު، އެ ޓީމުގެ ގޯލްކީޕަރު ފެނާންޑޯ ޕަޗޭކޯ ވަނީ ގިނަ ސޭވްތަކެއްކޮށްފައެވެ.
ރޭގެ މެޗުން އެއްވަރުވުމާއެކު ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު ހަތަރު މެޗު ނިންމާލާފައިވަނީ މޮޅެއްނުހޯދިއެވެ. އޭގެތެރެއިން ދެ މެޗުން ބަލިވެފައިވާއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިއާއެކު އެ ޓީމު ވަނީ ވޭތުވެދިޔަ 18 އަހަރު ތެރޭގައި ލީގުގެ ފުރަތަމަ ހަ މެޗަށްފަހު އެންމެ މަދުން ޕޮއިންޓް ހޯދީ ސީޒަނުގެ ދަރަޖަ އާއެކު ހާސްކަމާ ކުރިމަތިލާންޖެހިފައެވެ.