އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކަލް އާރް. ޕޮމްޕެއޯ، ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިވެހި ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ތަޢުރީފުކުރައްވައިފިއެވެ.
އޭޝިއާގެ ބައެއް ޤައުމުތަކަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން، މިމަހުގެ 28 ވަނަ ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން ދިވެހި ސިފައިން ވަނީ އެމަނިކުފާނުގެ ސެކިޔުރިޓީ ކަންކަމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދަތުރުފުޅާ ގުޅިގެން، ދިވެހި ސިފައިން އަދާކުރި ދައުރު ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، އޮޕަރޭޝަނަލް އަދި ޓެކްޓިކަލް ލެވެލްގައި ދިވެހި ސިފައިން އަދާކުރި ދައުރުން ފެނިގެންދިޔައީ ދިވެހި ސިފައިންގެ ޕްރޮފެޝަނަލިޒަމާއި، އެކަމަށް ދިން ކޮމިޓްމަންޓް ކަމަށެވެ.
އަދި، ސަރުކާރުގެ އެހެނިހެން ސަލާމަތީ ބާރުތަކާ ގުޅިގެން ޤާބިލްކަން އިސްކޮށްގެން ދިވެހި ސިފައިން ކުރެއްވި މަސައްކަތްތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސްގެ ރަސްމީ ޓްވީޓަރއިން ސިފައިންގެ އޮފިސަރުންނާއި ޓްރޫޕްސް ހިމެނޭހެން ތަޢުރީފާއި އައްސަރިބަހާއި ސާބަސް ވަނީ ރައްދުކުރައްވާފައެވެ.
ޕޮމްޕެއޯ ރާއްޖެއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި އެކު ބޭއްވެވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަގްވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާތައް ކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމުކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ރައީސް ސާލިހްގެ އިތުރުން ޕޮމްޕިއޯ ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ނޫސްވެރިންނާއިވެސް މި ދަތުރުފުޅުގައި ބައްދަލުކުރައްވާފައެެވެ.