English Edition
Dhivehi Edition
ޖަރަމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޔުއެފާ.ކޮމް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ޖަރުމަނުގެ ބަޔާން މިއުނިކް މޮޅުވިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސްޕެއިނުގެ ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްވީ ކިރިޔާ އެވެ.

ރަށުން ބޭރުގައި ފްރާންސްގެ މާސޭ އަތުން ސިޓީ މޮޅުވީ 3-0 އިންނެވެ. ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯގެ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މޮޅުވީ 2-1 އިންނެވެ. ޖަރުމަނުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކްއާ ދެކޮޅަށް ރެއާލް ކުޅުނު މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ސިޓީ އަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ބެލްޖިއަމްގެ ތަރި ކެވިން ޑިބްރޭނާ ތަނަވަސްކުރި ފުރުޞަތަކުން ލީޑްނަގައިދިނީ ފެރާން ޓޮރޭސް އެވެ. ސިޓީގެ ދެވަނަ ލަނޑު، މެޗުގެ 76 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ދިން ބޯޅައަކުން އިލްކާއި ގުންޑޮގާން ކާމިޔާބުކުރިއިރު އެ ޓީމުގެ ފަހުލަނޑުޖަހައިދިނީ ޑިބްރޭނާ ދިން ޕާހަކުން ސްޓާލިން އެވެ. މިއީ ދާދިފަހުން އަނިޔާއަށް ފަހު ކުޅުމަށް އެނބުރިއައި ޑިބްރޭނާ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

ލޮކޮމޯޓިވް މޮސްކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް ނަގައިދިން ހުރަހަކުން ލެއޮން ގޮރެޓްޒްކާ ބޮލުން ވައްދާލި ލަނޑުން ބަޔާން ލީޑްނަގާފައިވަނިކޮށް، މެޗުގެ 70 ވަނަ މިނެޓުގައި މޮސްކޯ އަށް އެއްވަރުކޮށްދިނީ މެންޑެސް އަންޑްރާޑޭ ދިން ބޯޅައަކުން އަން ޔަރެމްޗުކް އެވެ.

ލޮކޮމޯޓިވް މޮސްކޯ ކޮޅަށް ބަޔާން މިއުނިކް މޮޅުވި ލަނޑުޖަހައިދިނުމަށްފަހު އެ ޓީމުގެ ޖޯޝުއާ ކިމިޗް (ވ) އެހެން ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ. –ފޮޓޯ: ޓުވިޓާ

އޭގެކުރީން، ދެވަނަ ހާފުގެ މެދުތެރޭން ބަޔާނަށް ލީޑް ފުޅާކުރުމަށް ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުޞަތުގައި މޮސްކޯގެ ތިން ކުޅުންތެރިން ކައިރިން ދެމިގަގަނެ ޕެނަލްޓީއޭރިޔާތެރެއަށް ވަންނަން ކުރި މަސައްކަތުގައި އޭނާ ފައުލްކުރިކަމަށް ނިންމާ ރެފްރީ ޕެނަލްޓީ ދޭން ކަނޑައެޅުމަށްފަހު ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

ރޭގެ މެޗުން ބަޔާނަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ޖަރުމަނުގެ އަރަމުންއަންނަ މިޑްފީލްޑަރު ޖޯޝުއާ ކިމިޗް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ މޮސްކޯގެ ޕެނަލްޓީއޭރިޔާބޭރުން އެއްފަހަރުން ފޮނުވާލައިގެން ގޯލްގެ ތިރީކަނަށް އަމާޒުކޮށްލައިގެން ކިމިޗް ކާމިޔާބުކުރި ރީތި ގޯލެކެވެ.

ގްރޫޕް ބީ ގައި ހިމެނޭ ގްލަޑްބަކްގެ ދަނޑުގައި ގަދަފަދަ ރެއާލާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓާއި ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ކުރީގެ އިތުބާރު ޑިފެންޑަރު ލިލިއަން ތުރާމްގެ ދަރިފުޅު މާކަސް ތުރާމް ވަނީ އެ ޓީމަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މިނަތީޖާގައި އޮވެގެން މެޗު ނިމެން ދަނިކޮށް، މެޗުގެ 87 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ވައްދާލި ލަނޑާއެކު ރެއާލަށް ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުން ލިބިފައިވަނިކޮށް އެ ޓީމު ބަލިނުވެ ސަލާމަތްވީ އިތުރުވަގުތުގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ކާމިޔާބުކުރި ގޯލުންނެވެ.

މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ (ވ) އަތުން ބޯޅަ ހޯދަން އޮލިމްޕިކް މާސޭގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. –ފޮޓޯ: ޔުއެފާ.ކޮމް

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި ޑެންމާކްގެ ޗެމްޕިއަން މިޓްޔައެލަންޑާ ދެކޮޅަށް އަނިޔާގެ ސަބަބުން ހިޔަނިއެޅިފައިވާ ލިވަޕޫލުން ގިނަ ބަދަލުތަކާއެކު ނިކުމެ މޮޅުވީ 2-0 އިންނެވެ. ރޭގެ މެޗުގައި އެ ޓީމަށް މައްސަލަތައް ދިމާވީ މެޗުގެ ކުރީކޮޅުގައި ފަހަތަށް ކުޅެމުން ދިޔަ ފަބީނިއޯ އަށް އަނިޔާވުމެވެ. ފަބީނިއޯ އަށް ލިބުނު މި އަނިޔާއާއެކު ލިވަޕޫލްގެ ސީނިއާ ސްކޮޑްގައި ހިމެނޭ ޑިފެންޑަރުންގެ ތެރެއިން ފިޓްކޮށް ހުރީ ޖޯ ގޯމޭޒް އެކަންޏެވެ. ވާޖިލް ވެން ޑައިކަށް އަނިޔާވެ އޭނާ އަށް ދެން މި ސީޒަނުގައި ނުކުޅެވޭނެކަމަށް ބެލެވިފައިވާއިރު، ޔޮއެލް މަޓިޕް ވެސް މިވަގުތު ހުރީ އަނިޔާއެއްގައެވެ.

ލިވަޕޫލްގެ ފޯވާޑްލައިންގައި ހިމެނޭ ތިން ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނޯ ބެންޗުގައި ބައިންދައިގެން ފެށި މި މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނިޓްގައި ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އެވެ. މިއީ ލިވަޕޫލްގެ 128 އަހަރުވީ ތާރީހުގައި އެ ކްލަބުން ޖެހި 10،000 ވަނަ ގޯލެވެ. އޭގެފަހުން، މެޗުގެ ފަހުބަޔަށްއައިއިރު ޓީމަށް ގެނައި ބަދަލުތަކާއެކު ލިވަޕޫލްގެ ދެވަނަ ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން މިސްރުގެ ފޯވާޑް ސަލާހު އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އަމިއްލަ ދަނޑުގައި އޮސްޓްރިއާގެ އާރްބީ ސަލްޒްބާގް އަތުން 3-2 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވިއިރު، ޕޯޗުގަލްގެ ޒުވާން ފޯވާޑް ޔާއޯ ފެލިކްސް ދެލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ މާކަސް ލޮރެންޓޭ އެވެ. އެޓަލާންޓާއާ ދެކޮޅަށް ރަށުން ބޭރުގައި އަޔެކްސް އެމްސްޓެޑަމް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، ޕޯޗުގަލްގެ އެފްސީ ޕޯޓޯ ވަނީ 2-0 އިން ގްރީސްގެ އޮލިމްޕިއާކޯސް ބަލިކޮށްފައެވެ. ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކާ ދެކޮޅަށް އިޓަލީގެ އިންޓަ މިލާން ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.