English Edition
Dhivehi Edition

ލިޔުނީ: އަހްމަދު ވަހީދު

މަސްތުވާ ބާވަތްބާވަތުގެ ލައްޒަތާއި، ވަހުޝީ ޙައިވާނިއްޔަ ސިފަތަކާއި، ފިކުރާއި ޚިޔާލާއި، ކަންކަންމަތީގެ ޙިމާޔަތާއި ބާރުވެރިކަމުގެ ވަރައިން ޙިމާޔަތް ހޯދައިގެން ޙަޔާތް ވީރާނާކުރަމުންދާ އަފްރާދުންނޭވެ. ވެލިން އަޞްލު އުފައްދަވައި، ޢަޖަލު ކަނޑައަޅުއްވައި ދުނިޔެތެރެއަށް ކަލޭ ވުޖޫދުވުމުގައި ކަލޭގެ އަމިއްލަ ބާރެއް ވޭހެއްޔެވެ؟ އަނެކާގެ ނަފްސާއި މުދަލަށާއި އަދި އަބުރަށް ގެއްލުންދީ މުޖްތަމަޢުގެ ޢަމަން ނަގާލާ ބީދައިން، ތިޔަ ގަދަބަދަވިކަން ދައްކައި، ކަލޭގެ ދުޅަހެޔޮ ސިއްޙަތާއި ފުރާނަ ކުރިއަށްއޮތް މިނިޓެއްތެރޭ ގެއްލި ނުދާނެކަމުގެ ޔަޤީންކަން ދީބަލާށެވެ. އެންމެޒަމާނީ ‘ޖީން ތެރަޕީ’ އަކުންވެސް މުސްކުޅިނުވެ، ބަލިނުވެ ނޫނީ މަރުނުވެ ދާއިމަށް ހުންނާނެގޮތެއް ހޯދަބަލާށެވެ. ބޮޑާކަމާއި އާރާއި ބާރުގައި ބިންގަނޑުމަތީގައި ތިޔަހަރަ ގޮތަށް ކޮޅައްހުރެ ނިކަން ބިންގަނޑު ފޫވައްޓާލަބަލާށެވެ. ވާނެހެއްޔެވެ؟

‘އަޝްރަފުލް މަޚްލޫޤާތަށް’ ދަރިންނާއި ދަރިފަސްކޮޅު އޮޅި، މަކުނުބައްޔާއި، ގޮތްނޭނގޭ ޝައިތާނީ ޝަހުވަތްތެރިކަމާއި، މިނިވަންކަމޭބުނެ އަނެކުންގެ ހައްޤުތަކަށް އަރައިގަނެ ހިންގޭ ތަފާތުއެކި ޖަރީމާތައް ހުއްދަވެ ޤަބޫލުކުރެވި، ދުނިޔޭގެ އެދުމަށް އީމާންވެވިފައިވާނަމަ ދެއްވާފައިވާ ބުއްދިއަކުން ކުރާނެ ބޭނުމެއް ނެތެއްނޫންތޯއެވެ؟ ބޭނުން އެއްޗެއް ކައިގެން ބޭނުން އެއްޗެއް ލައިގެން ބޭނުން އެދުމެއް ބޭނުންގޮތަކަށް ފުއްދައިގެން ބޭނުންހާ ގޮތަކަށް އުޅެވިދާނެ ތޯއްޗެކެވެ. މިފިކުރާއި ފުށުއަރަނީ އެންމެ ތަންކޮޅެކެވެ. ބޭނުންހާ އިރަކު ބޭނުންގޮތަކަށް އުޅެން އިންސާނާގެ ހަށިގަނޑާއި ފުރާނަ ތަންދޭނެތޯއެވެ؟

ޙަޔާތުގައި މިސްރާބެއް މަޤްޞަދެއްނެތް ޙާލު، ވާނުވާނޭނގި ޖަހާލަތުގެ ކަނުއަނދިރީގައި، ދުނިޔެތެރެއަށް ގިނަވެ އަޗާތެޅުމަށްފަހު ސަންދޯކަށް ވައްޓާލެވުމުން ނިމުނީކަމަށް ހެއްޔެވެ؟ ނޫނެކެވެ. ހަމަހިލާ އެހެނަކުންނެއް ނުވާނެއެވެ. އަދި ކަލޭމެންނަށް އެނގޭނެއެވެ. އެކަމަކު “ވައިނޮޅިކަށިގަނޑާއި ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ (75:26).” އަނބުރާ އަންނަން ބޭނުންވެ އާދޭހާއިއެކު ހިތްފަޅައިގެން ދިޔަޔަސް ވަގުތު ފާއިތުވާފަހުންނެވެ. ވިސްނާލާށެވެ. އަދިވެސް އެއްފަހަރު ވިސްނާލާށެވެ.

ފިޡުރަތުގެ ހަމަތަކާއި ހައްދުން ބޭރުވެ، ހައިވާނުންގެ ދަރަޖައިގައި، ބުއްދިދެއްވި އިންސާނާ ފާސިދުވެ އަމިއްލަ ނަފްސަށް، އައްސުން އަނިޔާވެރިވާންޖެހޭ ސަބަބެއް އެބައޮތްހެއްޔެވެ؟ އުފަލާއި އަރާމާއި ހަމަޖެހުން ހޯދަން އޮތް ހަމައެކަނި ވަޞީލަތަކީ މިނިވަންކަމާއިއެކު އަނެކުންގެ ހައްޤަށް އަރައިގަތުން ހެއްޔެވެ؟ ދުލުކޮޅަށް އައިހާ އެއްޗެއް ގޮވަމުން ލާއިންސާނީ އަނިޔާތަކުގެ ޝިކާރައަކަށް މީހުންހަދައި އަނެކުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރު އުފެއްދުން ހެއްޔެވެ؟

ދަންނަވަންތޯއެވެ. ދާއިމަށް އުޅެވުނު ޖައްބާރަކު ދުނިޔެއިން ފެންނާކަށްނެތެވެ. ޢަޒާބު ނުލިބޭނެކަން ކަށަވަރުކޮށްދެވޭނެ ‘މިނިވަން’ ފިކުރުގެ ޢިލްމުވެރިއެއް ނޫނީ ފަލްސަފާވެރިއެއވެސްްނެތެވެ. ގޮނޑިއެއްގައި އިނދެ ކޮމްޕިއުޓަރެއްގެ އެހީގައި ވާހަކަދައްކައިއުޅުނު ‘ތިއޮރެޓިކަލް ފިޒިސިސްޓެއް’ 2018 ވަނަ އަހަރު މަރުވިއެވެ. ހެއްދެވިފަރާތަށް ގޮންޖަހަމުން ދިޔަމިކަލޭގެއަށް ހެއްދެވިފަރާތުން މިންވަރުކުރެއްވި އެންމެކަމެއްވެސް ބަދަލުކުރެވުނު ހެއްޔެވެ؟ ދުނިޔެއަށް ފެނުނު ތޫނުފިލި މީހެކެވެ. އެހެންނަމަވެސް ‘އެމިޔޯޓްރޯފިކް ލޭޓަރަލް ސްކްލެރޯސިސް’ ކިޔާ ބައްޔެއްޖެހި، ވާންހުރިކަމެއްވެ، ފެންނަންހުރި އެއްޗެއް ފެނި، މިމީހަކު ވޭނާއި ކެކުޅުމުގައި ނިމިދިޔައިރުވެސް އެގަދަފަދަ ސިކުނޑިއަކަށް ބައްޔަކުން އަރައެއްވެސް ނުގަނެވުނެވެ. ވަގުތުޖެހުމާއިއެކު ނިމިދިޔައީއެވެ. ކުރިމަތިވި ވޭނަކަށް ތަޞައްލީއެއް ނުލިބުނެވެ. ސުވާލަކީ ހަދުވަހުން އުޑުހެއްދެވި ފަރާތުން މިންވަރުކުރައްވާފައިވާ ގޮތްނޫން މޮޅު އެހެންގޮތެއް ހޯދިދާނެތޯއެވެ؟ މިސާލަކަށްވެސް ފުރާނައިގެ ނަކަލެއް އުފެއްދިދާނެހެއްޔެވެ؟ އަމިއްލަ މިނިވަންކަމާއި ‘ގަޓު’ ހެއްދެވިފަރާތުގެ ހަޟްރަތުގައި ދެއްކިދާނެ ހެއްޔެވެ؟ ވާނެހެއްޔެވެ؟ ނުވާނެއެވެ!

ބޮޑާކަމާއި ޖައްބާރުކަންމަތީ، ވާގިވެރިވާންތިބިހައި މަޚްލޫޤުންނާއިއެކު ހެއްދެވި ފަރާތާއި ދިމާކޮށްލަބަލާށެވެ. އަހަރެމެން އިންސީންގެ ކުރިމަތީގައި ހެއްދެވިފަރާތަށް ގޮންޖަހަން ހޭބޯނާރައި އުޅުމުގެ ބޭނުމެއް ނެތެވެ. ނިކަން އެފަރާތާއި ކުރިމަތިލައި ތިޔަޒާތަށް ޖަދަލުކޮށްބަލާށެވެ. ލޭފިނިވެގެން މޫނު އަނބުރައިލާ ހިސާބުން، ނެތުމުގެތެރެއިން ވަކި މީހެއްގެ ގޮތުގައި، ވަކި މިޒާޖެއް ދެއްވައި، ވަކި ސިފަޔަކަށް އަހަރެމެން ވުޖޫދުވީ ގޮތާއިމެދު ވިސްނާލަބަލާށެވެ. އެތައް ބިލިޔަން މީހުން އެކި ސިފައިގައި، އެކި މިޒާޖާއިއެކު، ދުނިޔޭގެ އެކި ކަނުގައި ލައްވާފައިވަނީ ކުއްލިއަކަށް ކިހިނެތް ކީއްކުރަން ހެއްޔެވެ؟ ވިސްްނާލާށެވެ. އަދިވެސް އެއްފަހަރު ވިސްނާލާށެވެ. އަހަރެމެންނަކީ މިސާލެއްނެތި ޚަލްޤުކުރައްވާފައި ބުއްދި ދެއްވާފައި ތިބި މަޚްލޫޤުންނެވެ. ފުރާނަ އަޅުއްވައި ގެންދަވާ ފަރާތް ގަންދީބުނަމެވެ. ހައްޤުގޮތަކީ ރިވެތި އަޚްލާޤާއި އިންސާފާއި ހަމައިގައި އިންސާނާއަށް ކުރިއަށްދެވޭނެ މަގެވެ. އެއީ އިސްލާމް ދީނެވެ. ދީނަށް ރުޖޫޢަވާށެވެ.

2 ކޮމެންޓް
Bade
އޮކްޓޯބަރު 27, 2020
Varah rangalhu vaahaka eh mi dhakanee vaa goi
Andy
އޮކްޓޯބަރު 27, 2020
varah furihama liyumeh