ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރެވޭނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ،
ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޒުވާނުންގެ ގާބިލްކަން އިތުރުކުރުމަށް އެ މީހުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި މުސްތަގުބަލާ ގުޅޭ ކަންތަކުގައި ގޮތް ނިންމާއިރު ޒުވާނުންގެ ހިޔާލު ހޯދުން މުހިއްމުކަމަށެވެ.
My best wishes to young people across the Maldives on National Youth Day. Our youth are the drivers of our nation. Our duty is to unlock their full potential by providing them opportunities and including their say in deciding the future of our community.
— Ibrahim Mohamed Solih (@ibusolih) October 22, 2020
މި އަހަރު ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ޔޫތު މިނިސްޓްރީން ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު އެ މިނިސްޓްރީން ބުނީ ރާއްޖެއާއި، ރާއްޖޭއިން ބޭރުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހި ޒުވާނުން ބައިވެރިކުރުމަކީ މި ދުވަސް ފާހަގަ ކުރުމުގެ އެއްބޭނުންކަމަށެވެ. ކޮވިޑް 19 ގެ ސަބަބުން އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގައި ވަނީ ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައިކަން ފާހަގަކޮށް ޔޫތު މިނިސްޓްރީންވަނީ މިއަހަރު ޒުވާނުންގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ،
މި ގޮތުން ޒުވާނުންގެ ޤައުމީ ދުވަހަށް ޚާއްސަ ކުރެވިގެން “މޯލްޑިވްސް ޔޫތު ކޭމްޕް 2020” ގެ ނަމުގައި ވާޗުއަލް ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕް ހުޅުވާލެވިފައިވަނީ ރާއްޖެ އާއި ރާއްޖޭއިން ބޭރުގައި ދިރިއުޅުއްވާ ޒުވާނުންނަށް ޚާއްސަކޮށްގެންނެވެ. މީގެ އިތުރުން މިނިސްޓްރީއާއި، މޯލްޑިވްސް އަރޓިސްޓް ކޮމިއުނިޓީއާ ގުޅިގެން 22 އޮކްޓޯބަރ 2020 އިން 26 އޮކްޓޯބަރ 2020އާޓް އެގްޒިބިޝަނެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. އަދި ޒުވާނުންގެ ޤައުމީ މަޖިލިހުން އިސްނަގައިގެން “ޔޫތު، ޕީސް އެންޑް ސެކިއުރިޓީ” އާ ގުޅޭގޮތުން ބަހުސެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.