ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން އައު ކޯޗު އަންދްރޭ ޕިރްލޯ އާއެކު ޔޫރަޕްގައި ފުރަތަމަ މޮޅު ހޯދިއިރު، ސްޕެއިނުގެ ބާސެލޯނާ ކުޅުނު މެޗުން ވެސް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
ގްރޫޕް ޖީ ގައި ހިމެނޭ ޔުވެންޓަސް އިން ރަށުން ބޭރުގައި ޔޫކްރޭންގެ ޑައިނަމޯ ކިއޭވް އަތުން 2-0 އިން މޮޅުވިއިރު، އެ ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ހަންގޭރީގެ ފެރެންސްވަރޯސް އަތުން ބާސެލޯނާ މޮޅުވީ 5-1 އިންނެވެ.
ރޭގެ މެޗަށް ނިކުތްއިރު ޔުވެންޓަސް އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮވިޑްގެ ސަބަބުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ނުކުޅެވުމެވެ. މީގެއިތުރުން، ލީގުގައި އެ ޓީމު އެންމެ ފަހުން ކްރޮޓޯނޭއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ގެނެސްފައިވެއެވެ.
ކިއޭވްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ޔުވެންޓަސް އިން ކާމިޔާބުކުރި ދެލަނޑުވެސް ފަހު ހާފުގައި ޖަހައިދިނީ ކޮވިޑްގެ ސަބަބުން ކުޅުމާ ދުރުގައިހުރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ރޭގެ މެޗުގައި އެ ޓީމުގެ ފޯވާޑްލައިން ބެލެހެއްޓި އަލްވާރޯ މޮރާޓާ އެވެ.
ރޭގެ މެޗު ފެށިގެން ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ފެޑެރީކޯ ޗިއޭސާ އާއި ޑޭޔަން ކުލުސެވްސްކީ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، މި ހާފު ނިމުމުގެ ކުރީން އެ ޓީމުގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ މިނެޓުގައި ޔުވެންޓަސް އިން ލީޑްނެގީ ކުލުސެވްސްކީ ފޮނުވާލި ބޯޅައެއް ކިއޭވްގެ ގޯލްކީޕަރި ޖިއޯޖީ ބުޝްޗާން މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ މޮރާޓާ ފޮނުވާލައިގެންނެވެ.
އޭގެފަހުން، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ހުއާން ކުއަޑްރާޑޯ ނަގައިދިން ބޯޅައެއް ބޮލުން ފޮނުވާލައިގެން މޮރާޓާ ވަނީ ޔުވެންޓަސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިއީ އެތުލެޓިކޯ މެޑްރިޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސް އަށް ބަދަލުވެ ކުޅުނު ދެ މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.
ބާސެލޯނާގެ ދަނޑުގައި ހަންގޭރީގެ ޗެމްޕިއަން ފެރެންސްވަރޯސްއާ ދެކޮޅަށް ކުޅުނު މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ ފެރެންސްވަރޯސްގެ ކުޅުންތެރިއަކު ޕެނަލްޓީއޭރިޔާ ތެރެއިން މެސީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް، އަންސޫ ފާޓީ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައި ފިލިއްޕޭ ކުޓީނިއޯ ވަނީ ބާސެލޯނާގެ ލީޑް އިތުރަށް ފުޅާކޮށްފައެވެ. އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި ޖެރާޑް ޕީކޭ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބާސެލޯނާ ކޮޅަށް އޭގެ ދެ މިނެޓުފަހުން ލިބުނު ޕެނަލްޓީއަކުން ފެރެންސްވަރޯސްގެ އިހޮރް ހަރަޓިން ވައްދާލި ލަނޑާއެކު ފަރަގުކުޑަކުރިއެވެ. އެކަމަކު، މެޗުގެ 82 އާއި 89 ވަނަ މިނެޓުގައި ޕެޑްރީ ގޮންޒާލެޒް އާއި އޮސްމާނޭ ޑެމްބެލޭ ވައްދާލި ލަނޑުތަކާއެކު ބާސެލޯނާ ވަނީ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފައެވެ.
މިދިޔަ ސީޒަނުގެ މުބާރާތުގެ ދެވަނަ މަގާމަށް ހޮވުނު ޕީއެސްޖީއާ ދެކޮޅަށް ފްރާންސްގެ ޕެރިހުގެ ޕާކް ޑެސް ޕްރިންސެސްގައި ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް ވަނީ 2-1ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ޕީއެސްޖީ ކޮޅަށް ޔުނައިޓެޑުން ފުރަތަމަ ގޯލް ވައްދާލި ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަންގެ ޒިންމާ އަދާކުރި ބްރޫނޯ ފެނާންޑޭސް އެވެ. މިއީ ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް ޕީއެސްޖީގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ފެނާންޑޭސް ފުރަތަމަ ފަހަރު ފޮނުވާލުމުން ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް މަތަކުރިއެވެ. އެކަމަކު، ފެނާންޑޭސް އެ ބޯޅަ ފޮނުވާލުމުގެ ކުރީން ނަވާސް ގޯލްގެ ރޮނގު ހުރަސްކޮށް ކުރިއަށް ނިކުތުމުން ދެވަނަ ފަހަރަށް ޖަހަން ދިނުމުން ފެނާންޑޭސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު މާޝިއަލް އަތުން ބައިކޮޅަށް ވަތް ގޯލަކުން ޕީއެސްޖީން އެއްވަރުކޮށްފައިވަނިކޮށް، މެޗު ނިމެން ކައިރިވެފައިވަނިކޮށް ޔުނައިޓެޑް މޮޅުވި ލަނޑުޖަހައިދިނީ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑެވެ. ރޭގެ މެޗުގައި ޕީއެސްޖީން ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ގިނަ ހަމަލާތައް ބޭކާރުކޮށްލުމުގައި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ލާޒިއޯގެ ދަނޑުގައި 3-1 އިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކުރިއިރު، އާރްބީ ލީޕްޒިގު ވަނީ 2-0 އިން ތުރުކީގެ އިސްތަންބޫލް ބަސަކްޝެހިރް އަތުން މޮޅުވެފައެވެ. ސެވިއްޔާއާ ދެކޮޅަށް ޗެލްސީ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.